އެސްޓީއޯގެ އެމްޑީ އަމްރު އަމިއްލައަށް އައިސޮލޭޓް ވެއްޖެ

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާ، ކޮންޓެކްޓު ވެފައިވާ މީހަކާ ކޮންޓެކްޓުވުމާ ގުޅިގެން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އަމިއްލައަށް އައިސޮލޭޓްވެ ވަޑައިގެންފި އެވެ.

ވެރިރަށް މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާއާ ޑައިރެކްޓު ކޮންޓެކްޓުވި އެކަކީ އެސްޓީއޯގެ މުވައްޒެފެކެވެ. ޕޭޝަންޓް-21 ބައްޔަށް ޕޮޒިޓިވްވި އިރު، އޭނާއާ ޑައިރެކްޓު ކޮންޓެކްޓުވި އެސްޓީއޯގެ މުވަައްޒަފު ހުރީ އޮފީސް ދަތުރެއްގައި ކ. ކާށިދޫގަ އެވެ.

އެ ދަތުރުގައި އަމްރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެހެންކަމުން އޭނާގެ ސާމްޕަލް ނަގައި، ޓެސްޓުގެ ނަތީޖާ ލިބެންދެން ކާށިދޫ މޮނިޓަރިންގެ ހާލަތަށް ވެސް ގެންދިިޔަ އެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވް ވުމުން، މިހާރު އެ ރަށް ވެސް ވަނީ މޮނިޓަރިން އިން ނަގައިފަ އެވެ.

ޕޭޝަންޓް-21 ގެ ޑައިރެކްޓު ކޮންޓެކްޓަކާ، އަމްރު ކޮންޓެކްޓުވެފައި ވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަމުރު ކަރަންޓީނު ކުރުމަށް މަސައްކަތް ކުރުމުން، އެކަމަށް ދެކޮޅުހައްދަވާފައިވާ ކަމަށް ބުނެ މީހަކު ވަނީ ޓުވިޓާގައި ތުހުމަތުކޮށްފަ އެވެ.

އެ ޓުވީޓަށް ޖަވާބުދެއްވަމުން އަމުރު ވިދާޅުވީ އެ ކޮންޓެޓް ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން، އަމްރު ކަރަންޓީނަށް ވަޑައިގަންނަވަން އެޗްޕީއޭ އިން އަންގާފައި ނުވާކަމަށެވެ. އަދި އެޗްޕީއޭ އިން އެކަން ޔަގީން ކޮށްދޭނެ ކަމަށެވެ.

އެހެން ނަމަވެސް ޕޭޝަންޓް21، ބައްޔަށް ޕޮޒިޓިވްކަން އެނގުނު ހިސާބުން ސެލްފް އައިސޮލޭޝަން އަށް ވަޑައިގަތީ މިކަމުގައި އެއްވެސް ޗާންސެއް ނުނަގަން ވެގެން ކަމަށް ވިދާޅުވި އެވެ.

އަމްރު ވަނީ ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

މިހާތަނަށް މާލެއިން 14 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ.

comment ކޮމެންޓް