ނޫރު-13

ވާހަކަ ނޫރު ގެ ކަވަރު --

ސަލްމާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުން އޭނާގެ އުފާވެރިކަން ބަޔާންކޮށްދެއެވެ.

"އެކުގައި އުޅެން ފެށީމަ ލޯބި ވެސް ވެވޭނެ ދަރިފުޅާ!." ސަލްމާ އިތުރުކޮށްލިއެވެ.

މަންމަގެ އުފާވެރިކަން ފެނި، ސާރާ އޭނާގެ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލިއިރު، އޭނާގެ ހިތް ބާރަށް ރޮމުން ދިޔައެވެ. އެހެންނަމަވެސް، އޭނާ އެ ހިތަށް ވިސްނައިދިނީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ. ކުރިއަށް އަންނަން އޮތް ތޫފާނުގައި އޭނާ ބެހިގެން ދާނީ ކިހާ ހިސާބަކަށްކަން ނޭނގޭ ޙާލުގައެވެ.

ޕާކިސްތާނުގެ ގިނަ ހިސާބުތަކެކޭ އެއްގޮތަށް އެ ހިސާބުގައި ވެސް، ކައިވެނީގެ ކަންތައްތައް ކުރަނީ ބޮޑެތި ހަފްލާތަށް ބާއްވައިގެންނެވެ. ސަލްމާ ކައިވެނީގެ ވަލީމާ އެހާ ބޮޑަށް ބާއްވާ ވާހަކަ ދެއްކީމާ ސާރާ އެކަމާ ދެކޮޅު ހެދިއެވެ.

ޖެހިގެން އައި ހަފްތާގައި ފަޒީލާމެން އައިސް ކައިވެނީގެ މަޝްވަރާތައް ކޮށް ކައިވެނީގެ ވަލީމާ ބާއްވަން ނިންމީ އަންހެނުންނާއި ފިރިހެނުން ވަކިންނެވެ. އެއީ ސާރާ ބޭނުންވާ ގޮތް ކަމުގައި ވާތީއާ ވެސް އެކުގައެވެ. ސާރާ އެކޭ އެއްގޮތަށް ޒައިދު ވެސް، ބޭނުންވީ ކުޑަގޮތަކަށް ކައިވެނީގެ ކަންތައްތައް ނިންމައިލާށެވެ. ސާރާ އެއްގޮތަކަށް ވެސް ދެއްކުންތެރި ގޮތަކަށް ކަންތައް ކުރާކަށް ބޭނުމެއް ނުވިއެވެ. ކައިވެނީގެ ޚަރަދުތައް ކުޑަކޮށްލާފައި، އަވަށުގައި އުޅޭ ފަޤީރުންނަށް ސަދަޤާތެއް ކުރަން ސާރާ ނިންމިއެވެ. ސާރާގެ ޚިޔާލު ފަޒީލާއަށް ވެސް ވަރަށް ކަމުދިޔައެވެ. ސާރާ އަކީ އޭނާ ބޭނުންވާ ފަދަ ކުއްޖެކެވެ. ގެވެހި، ހީވާގި، މުރާލި އަދި އެހެން މީހުންނަށް އިޙްތިރާމް ކުރާ އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ ކުއްޖެކެވެ.

ސާރާގެ ކޮންމެ ނިންމުމަކާ ޒައިދު ދިޔައީ އެއްބަސް ވަމުންނެވެ. އޭނާއަށް މި ކައިވެންޏަކީ، މާ މުހިންމު ކައިވެންޏެއް ނޫނެވެ. ހަމައެކަނި ބޭނުމަކީ ބަދަލު ހިފުމެވެ. މި ފަހަކަށް އައިސް ލިއަމް ނުފެންނާތީ އޭނާގެ ހިތުގައި އެ ސުވާލު އުފެދިފައި ވެއެވެ. އެހެން ނަމަވެސް އޭނާ ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. ކުރަން ބޭނުންވެއްޖެ ކަމެއް ކޮށްފަ ނޫނީ އޭނާ ނުހުއްޓާނެއެވެ.

ކައިވެނީގެ ވާހަކަ ސާރާގެ ބޭބެ ޔޫނުސް ގާތު ބުނުމުން، އެ މީހުން ވެސް އަންނަން ނިންމިއެވެ. އޭގެ އިތުރުން ރާއްޖޭގައި ތިބޭ ސަލްމާގެ އާއިލާގެ ބައެއް މެންބަރުން ވެސް ސާރާގެ ކައިވެންޏަށް އަންނަން ނިންމިއެވެ.

އެ ހަފްތާ ތެރޭގައި ރާއްޖޭގައި ތިބި ސަލްމާގެ އާއިލާގެ ގިނަ ބަޔަކު ޕާކިސްތާނަށް އައުމާއެކު ގޭތެރެ ހަލަބޮލިވިއެވެ. ޔޫނުސް މެން އައުން ލަސްވީ އެމީހުންނަށް ޓިކެޓް ހަމަ ނުޖެހިގެންނެވެ.

ސާރާގެ ބޮޑުދައިތަގެ އަންހެން ކުދިންތައް ވެސް އައެވެ. އެ ކުދިން މަޑުކުރީ ސާރާގެ ކޮޓަރީގައެވެ. ފިރިހެން ކުދިންނަށް ދިނީ ސާރާގެ ކޮޓަރީގެ ކުރިމަތީގައި ހުރި ކޮޓަރިއެވެ. ތިރީގައި ހުރި ދެ ކޮޓަރިން އެއް ކޮޓައި ބޮޑުދައިތަމެން ދެމަފިރިންނަށެވެ. ދެން ހުސްކޮށް ހުރި ކޮޓަރި ހުރީ ޔޫނުސް މެނަށް ބަހައްޓާފައެވެ.

"ސާރާ! ކައިވެނި ކޮށްގެން ހަނީމޫނަށް ރާއްޖެ ދާން ވީނު. ތި ޕެރިސް ތަންތަނަށްވުރެ ރާއްޖޭގެ ހަމަހިމޭން މާހައުލު މާ ހިތްގައިމެއް ނޫންތަ؟" ބޮޑުދައިތަ އަސްމާގެ ދަރިފުޅު ރީމާ ބުނެލިއެވެ.

ސާރާ ހަމަ އެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ. އޭނާ އެކަމާ ގުޅުވައިގެން ވަކި އެއްޗެއް ނުބުނެއެވެ. ރީމާއާއި ނައިރާއަށް ވެސް ޒައިދު ކަމުދިޔައެވެ. އެކަކަށް ވެސް ޒައިދުގެ ތުންފަތް މަތީގައިވި، ވިހަ ގަދަ ހިނިތުންވުމުގެ މާނައެއް ފަހުމެއް ނުވިއެވެ. ތިން އަންހެން ކުދިން އެފަދަ ވާހަކަ އެއްގައި ތިއްބައި ތާރާ ވެސް އައިސް ވަނެވެ. ތާރާގެ މަންމައަށް ޗުއްޓީ ލިބެން ނެތުމުން ނާދެވުނީއެވެ. ތާރާގެ މަންމަ ސިތުރާ އަކީ އެ ރަށު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ. ސިތުރާއާއި ސަލްމާ އަކީ ވެސް އެއްބަނޑު އެއްބަފާ ދެމީހުންނެވެ.

"އަހަރެމެން މިހެން ތިއްބާ ސާރާ ނިންމައިލީ ދޯ ތި." ތާރާ ބުނެލިއެވެ.

"ސާރާއަށް އެނގޭތަ؟ މި ތާރާގެ ހުރެއޭ ބީއެފް އެއްވެސް" ނައިރާ ބުނެލިއެވެ.

ހަތަރު ކުދިން ވާހަކަ ދައްކަމުން ދިޔައީ ދިވެހިންނެވެ.

"ބީއެފް ނެގުމަކީ އަހަރެން އެހާ ގަޔާވާ ކަމެއް ނޫން" ސާރާ ބުނެލިއެވެ.

'ދޯ... އަހަރެން ވެސް ބުނީމޭ އެއީ ދީނީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫނޭ" ނައިރާ ބުނެލިއެވެ.

"އާނ. ރާއްޖޭގަ އެކަމަކު އެކަންތައް ވަރަށް ބޮޑު ދޯ! ކައިވެނި ކޮށްގެން އުޅުނީމަ ހަލާލު ގޮތުގަ ކުރާ ކަމެއް ކުރެވޭނެ. އޭރުން ހަރާމް ކަމަކަށް އަރައެއް ނުގަނެވޭނެ" ސާރާ އިތުރު ކޮށްލިއެވެ.

"އަހަންނަށް މާ ރަނގަޅު ޕާކިސްތާން ވެސް. ގައިމު އެ ސަގާފަތެއް ނެތެއްނު މިތާކު" ރީމާ ބުނެލިއެވެ.

"ސާރާ ޖެހޭނެ އަހަރެންގެ ކައިވެންޏަށް އަންނަން" ރީމާ ބުނެލިއެވެ. އޭނާ އެ އުޅެނީ ވަރަށް އަވަހަށް މީހަކާ އިންނާށެވެ. އެ ކައިވެންޏަށް ސާރާ ގެންދަން އޭނާ ވަރަށް ބޭނުމެވެ. އިތުރަށް އޭނާ ބުނީ ގިނަ ދުވަހު ރައްޓެހި ވެގެން އުޅެން ބޭނުން ނުވުމުން ކައިވެނި ކުރަން ނިންމީ ކަމުގައެވެ.

"ދާނަން. އިންޝާ ﷲ" ސާރާ ބުނެލީ ހިނިތުންވަމުންނެވެ.

"ސާރާ ޤުރުއާން ކިޔަވާ އަޑު އަހާ ހިތްވަނީ. ރާއްޖޭގަ އުޅުނު އިރުވެސް މުބާރާތް ތަކުން އެއްވަނަ ނަގާ. އަދި މިހާރު ޑިގްރީ ހެދީމަ ކިހާ މޮޅުވާނެ. މާޝާ ﷲ" ނައިރާ އިތުރުކޮށްލިއެވެ. އެ ތިން ކުދިންގެ އެދުމަށް ސާރާ ޤުރުއާން ކިޔަވަން ފެށިއެވެ. ހަނދާންވީ ލިއަމް މަތިންނެވެ. އޭނާ ކިޔަވާއިރު ލިއަމް އެ އަޑު އަހަން ހުންނަކަން އޭނާއަށް އެނގެއެވެ.

އޭގެ ތިން ދުވަސް ފަހުން ޔޫނުސްމެން އައުމުން ގޭތެރެއަށް ހީވީ އިތުރު ދިރުމެއް ލިބުނު ހެންނެވެ. ޚާއްސަކޮށް ޔޫނުސްގެ ދެ އަހަރަށް ދާ ދަރިފުޅު ކައިލްގެ ސަބަބުންނެވެ. އާއިލާގެ ގިނަ ބަޔަކު ދިމާވެ ގުޅުން ބަދަހިވެގެން ދިޔައެވެ. ސާރާގެ ބޮޑުދައިތަ އަސްމާ އަބަދާ އަބަދު ކިޔަނީ އެ އާއިލާ އެކީ ރާއްޖެ ދިޔުމަށެވެ. އެކަކު އަނެކަކަށް ނުފެންނަތާ އެހާ ގިނަ ދުވަސްވީތީއެވެ. ކޮންމެހެން ވެސް ރީމާގެ ކައިވެންޏަށް އެ އެންމެން ގެންދަން އަސްމާ ހުރީ ބޭނުންވެފައެވެ. ދުރު އަވަށްތަކުގައި އުޅޭ ފާރޫޤުގެ އާއިލާގެ އެންމެން ވެސް ކައިވެނީގެ އެއް ދުވަސްކުރިން އައެވެ.

ގޭތެރޭގެ މާޙައުލުގައި ވަނީ އުފާވެރިކަމެވެ. ކޮންމެ މީހަކު ވެސް އިންތިޒާރު ކުރަނީ ސާރާގެ ކައިވެންޏަށެވެ.

ލިއަމްގެ މަތިން ހަނދާން ނައްތާލުމަށް ސާރާ އޭނާގެ ޒަމީރަށް މަޖުބޫރު ކުރުވަމުންދާ ފަދައެވެ. މިހާ ދުވަސް ވީއިރު ލިއަމްގެ ހަބަރެއް ވީއެއް ނޫނެވެ. ކުޑަ މިނުން ގުޅައިލުން ކީއްހެއްޔެވެ؟ ހިތުގައި ވަނީ ޝަކުވާއެވެ.

މާތް ﷲ އާ ވަކީލު ކޮށްފައި ސާރާ އެކައިވެނި ކުރަން ނިންމިއެވެ. އެ ހުރިހާ ތައްޔާރީތަކެއްވެ ނިމުމުން ދެން ދެކޮޅު ހަދާނެ ހާ ހިތްވަރެއް ވެސް އޭނާގެ ނެތެވެ. މަންމަމެން ބުނާހެން ކައިވެންޏަށް ފަހު ލޯބި ވެވިދާނެއެވެ. އޭރުން ހުރިހާކަމެއް ވެސް ރަނގަޅުވާނެއެވެ. އޭނާ، ފަހަކަށް އައިސް ޒައިދުގެ އަމަލުތައް ހުންނަ ގޮތް ހިތަށް އަރުވާލައިގެން ހިންހަމަ ޖެހުން ހޯދަނީއެވެ.

ކައިވެނީގެ ވަލީމާއަށް ހިސާބުގަނޑު މީހުންނާއި ނިކަމެތި ފަޤީރުންނަށް ވެސް ދަޢުވަތު އެރުވުނެވެ. އޭގެ އިތުރުން އެމީހުންނަށް ސަދަޤާތް ކުރެވުނެވެ.

ދަޢުވަތު ދީގެން އައި އަންހެން ވެރިންނަށް ގޭގެ އެތެރެ ޚާއްސަ ކުރެވުނު އިރު ފިރިހެނުންނަށް އޮތީ ގޯތި ތެރެ ޚާއްސަ ކުރެވިފައެވެ.

ކޮޓަރީގައި އިން ސާރާގެ ކައިރީގައި އާއިލާ ކުދިންތައް ހަރަކާތްތެރިވަމުން ދިޔައެވެ. ލުއި މޭކަޕެއް ކޮށްފައި ވިޔަސް ސާރާގެ ރީތިކަން އިންތިހާއެވެ. ސާރާ އޭނާގެ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެކަމުގައި އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ.

މޭޒުކައިރީގައި ހުއްޓުނު ސާރާގެ ހިތަށް ފިނިވިއެވެ. ޒައިދަށް ބަލައިލުމާއެކު އޭނާ އިސްޖަހައިލިއެވެ. ގާޒީންނާއި ހެކިވެރިން އައުމާއެކު ކައިވެނީގެ ކަންތައްތައް ފެށިގެން ދިޔައެވެ.

"އަނބި ޤަބޫލުކޮށްފިން" ޒައިދުގެ ދުލުން އެ ލަފުޒު ބޭރުކޮށްލުމާއެކު ސާރާގެ ހިތުގެ ހިނގުން ހީވީ ހިނދު ކޮޅަކަށް މަޑުޖެހިލިހެންނެވެ. އޭނާ ޒައިދަށް ބަލައިލަމުން މޫނުމައްޗަށް ގަދަކަމުން ހިންހަމަ ޖެހުމުގެ ކުލަވަރުތައް ގެންނަން މަސައްކަތްކުރިއެވެ.

ކައިވެންޏަށް ފަހު ސާރާ ބަދަލުވީ ޒައިދު މެން ގެއަށެވެ.

*****

އެއާޕޯޓުން ނުކުތް ލިއަމްގެ ހިތްވަނީ އަވަސްވެފައެވެ. ސާރާ ދެކޭ ހިތުން އޭނާ ވަނީ ބޭޤަރާރުވެފައެވެ. ފޯނުން ކޮންމެވެސް މީހަކަށް ގުޅައިލުމާއެކު، އޭނާ ވާހަކަ ދެއްކިއެވެ.

"ލޫކް... އޭނައަށް ގުލާފަ ބުނިންތަ މިއަދު އަހަރެން އަންނަ ވާހަކަ." ލިއަމް އަހައިލިއެވެ. އެކޮޅުން ދިން ޖަވާބު އަޑު އިވި، ލިއަމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ލޫކްގެ ނަންބަރު ހިތު ދަސްވެފައި ވީކަން ވެސް ނަސީބެކެވެ. ޓެކްސީއެއް ނަގައިގެން ގެއާ ދިމާލަށް މިސްރާބު ޖެހިއިރު ލިއަމްގެ ސިކުނޑިއަށް ވެރިވީ އިނގިރޭސި ވިލާތުގައި އޭނާއާއި މެދު ކަންތައް ހިނގައިދިޔަ ގޮތެވެ.

*****

ކާރުގައި ލެނގިލައިގެން ހުރި ލިއަމްގެ އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ނުކުތީ މީހަކު ބަރު އެއްޗަކުން އޭނާގެ ބޮލުގައި ޖެހުމާއެކުގައެވެ. އަތް ޖައްސާލާފައި އަލުން އަތަށް ބަލައިލިއިރު، އަތުގައި ހޭކިފައި ހުރި ލޭތައް އޭނާއަށް ފެނުނީ ފުސްވަމުންދިޔަ ދެލޮލުންނެވެ. އެމީހުން ލިއަމްގެ ފޯނާ ވޮލެޓް ޖަހައިގަނެގެން ދުއްވައިގަތް އިރު ލިއަމަށް ހަޅޭއްލަވައިގަނެވުނެވެ.

ހޭވެރިކަން ހުސްވުމުގެ ކުރިން އެ ދިމާލަށް ދުވަމުން އައި އެރިކްގެ ސޫރަ ފަނޑުކޮށް ފެނުނެވެ.

ހޭލެވުނުއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. ކައިރީގައި މަންމަ އިނެވެ. އެރިކް އިނީ ތަންކޮޅެއް ދުރުގައި އިން ސޯފާއެއްގައެވެ. އޭރު ވެސް ހީވަނީ ބޮލަށް ބަރުވެފައި ހުރިހެންނެވެ. މަންމަ ސޯފިޔާ އަވަސް އަވަހަށް ޑޮކްޓަރަށް ގޮވާ ގެނައެވެ.

ކަލަންޑަރު ފެނުމާއެކު، އޭނާއަށް ވެރިވީ ހައިރާންކަމެކެވެ. އޭނާ ހޭނާރާ އޮންތަނާ އެތައް ދުވަހެއް ވީތީއެވެ. ފުރަތަމަ ވެސް ހަނދާންވީ ސާރާ މަތިންނެވެ. މަރުގެ ތުންފަތް މަތީގައި އޮވެފައި ދުނިޔެއަށް އަލުން ލޯ ހުޅުވާލެވުމުން އޭނާގެ ހިތުގެ އިޙްސާސްތައް ބަޔާންކުރަން އުނދަގޫވިއެވެ. ޙަމްދުކުރެވުނީ ﷲ އަށެވެ.

ފުލުހުން ކުރި ތަޙުގީގުން އެނގުނު ގޮތުގައި ލިއަމަށް ހަމަލާދިނީ ޖޭމްސް ބަޔަކަށް ލާރިދީގެން އެމީހުންނެވެ. ސަބަބަކަށް ވީ ލިއަމް އޭނާގެ މައްޗަށް ދަޢުވާ ކުރުމެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ލިއަމްމެންގެ އަތުގައި ހެކި ހުރުމެވެ.

ހޮސްޕިޓަލުން ލިއަމް ދޫކޮށްލި ދުވަހު ލިއަމްގެ މަންމަ ސޯފިއާ އާއެކު، އެރިކް ވެސް ލިއަމް އުޅޭ އެޕާޓްމެންޓަށް ދިޔައެވެ.

ލިއަމް އެނދުގައި އޮށޯވެލުމާއެކު، މަންމަ ސޯފިޔާ ނުކުތީ ލިއަމްއަށް ދޭން ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލުމަށެވެ. އެރިކް ކައިރިވީ ލިއަމް ލިޔަން އިންނަ މޭޒާ ދިމާލަށެވެ. އެތަނުގައި ހުރި ފޮތްތައް ހާވަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ކީރިތި ޤުރުއާނުގެ ތަރުޖަމާއެވެ. އޭގައި ޤުރުއާން އޭ ޖަހާފައިވުމުން އެރިކްއަށް ލިއަމަށް ބަލައިލެވުނެވެ. އޭނާ ކޮންމެވެސް ވަރަކަށް މުސްލިމުން އެހެން ކިޔާ އަޑު އަހައި އުޅެއެވެ. އެހެންކަމުން ލިއަމްގެ ފޮތްތަކުގެ ތެރެއިން އެ ފަދަ ފޮތެއް ފެނުމުން އޭނާ ހައިރާންވީއެވެ.

"މީ ކީކުރަން ގެންގުޅޭ އެއްޗެއް؟" އެރިކް ލިއަމަށް ދައްކައިލަމުން ސުވާލުކޮށްލިއެވެ. ލިއަމަށް ލިބުނު ސިހުމުގައި ބުނާނެ އެއްޗެއް ނޭނގުނެވެ. އެންމެ ފަހުން ނެތް ހިތްވަރު ލާފައި ލިއަމް އެރިކްއަށް އޭނާ އިސްލާމްވާން ގަސްތުކުރާ ވާހަކަ ހިއްސާކުރަން ނިންމިއެވެ.

"އެރިކް... އަހަރެން" ލިއަމް ވަކި ހިސާބަކަށް ބުނެފައި ހުއްޓާލިއެވެ. އޭނާއަށް ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނީއެވެ.

"ލިއަމް! ލިއަމް އަނެއްކާ އެ ދީނަށް ޝައުގުވެރިވަނީތަ؟ އެ ޓެރަރިޒަމް..."

"އެރިކް. އެއީ ޓެރަރިޒަމްއަށް ހިތްވަރުދޭ ދީނެއް ނޫނޭ. އެ ދީނުގެ އުސޫލުތައް ރަނގަޅަށް އެނގޭނަމަ އެރިކްއެއް ތިހެނެއް ނުބުނާނެ." ލިއަމަށް އެރިކްގެ ވާހަކަ މެދުކަނޑާލާފައި ވާހަކަ ދެކެވުނެވެ. އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ އަޑުއަހަން އޭނާއަކަށް ފަސޭހައެއް ނުވިއެވެ. އެރިކްމެންނަށް އަދި ހަޤީޤަތުގައި އިސްލާމްދީނަކީ ކޮބައިކަން ނޭނގެނީއެވެ.

"އެމީހުން ލިއަމްގެ ސިކުނޑިވެސް ދޮވެލީ ދޯ" އެރިކް ކުޑަކޮށް ހިންހަމަނުޖެހޭ ގޮތްވިއެވެ. އޭނާގެ އެކުވެރިޔާ ނުބައި މަގެއް ޚިޔާރުކުރާތަން ބަލަން ހުންނާކަށް އޭނާގެ ހިތެއް ނުރުހުނެވެ. ވުމާއެކު އޭނާ ލިއަމަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އޭރު އެރިކްއަށް ނޭނގުނު ކަމަކީ ހަޤީގަތުގައި އޭނާ ޚިޔާރުކޮށްގެން އެ އުޅޭ މަގަކީ ނުބައި މަގުކަމެވެ. ލިއަމަށް އެވަނީ ތެދުމަގު ލިބިފައި ކަމެވެ.

"އެހެންވެގެންތަ އެހާ ބާތަކާއި ދުރުގައި ލިއަމް އުޅުނީ... ކަމޯން. ދިރިއުޅުމަކީ އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަކޮށްލަން ލިބިފައި އޮތް ފުރުސަތެކޭ. ލިއަމް ކޮން އިރަކުތަ ދީނީ ކަންތަކަށް ޝައުގުވެރިވާން ފެށީ؟" އެރިކް ސުވާލުކޮށްލިއެވެ.

"އެރިކްއަށް އެނގޭތަ؟ އަހަންނާ މަންމައާ އޮތް ގުޅުން އެހާ ހީނަރުވެފައި ވަނިކޮށް އެ މަންމައާ ގުޅުވައިދިން ސަބަބަކީ ވެސް އިސްލާމްދީން.. " ލިއަމް އިސްލާމް ދީނުގައި މަންމަމެންނަށް ދީފައިވާ މަޤާމް އެރިކްއަށް ކިޔައިދިނެވެ. އޭނާ އެ ދީނަށް ޝައުގުވެރިވީ ކީއްވެކަން ކިޔައިދިނެވެ.

"އަހަރެމެން ހީކުރާ ކަހަލަ ދީނެއް ނޫނޭ އެއީ" ލިއަމަށް ބުނެވުނެވެ.

އޭނާ އެރިކްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެރިކް ދެފަރާތަށް ބޯ ހޫރާލީއެވެ.

"ލިއަމްގެ ސިކުނޑި ތިވަނީ ހަމަ ރަނގަޅަށް ވެސް އެމީހުން ދޮވެލާފައި..." އެރިކް ބުނެލިއެވެ. ލިއަމަކީ އެންމެ ގާތް އެކުވެރިޔާ ކަމުގައި ވިނަމަވެސް މުސްލިމަކަށް އޭނާގެ ހަޔާތުން ޖާގަ ދޭކަށް އެރިކް ބޭނުމެއް ނޫނެވެ. އޭނާ ދެން ވެސް މަސައްކަތް ކުރީ ލިއަމަށް ވިސްނައިދޭށެވެ. ލިއަމްގެ ވާހަކަތައް ހުރި ގޮތުން އެރިކް ގާތަށް އައީ ރުޅިއެވެ. ލިއަމް ބުނި ހާ ވެސް އެއްޗަކީ އޭނާ ދެން އެންމެ އަވަހަށް ކުރާނެ ކަމަކީ އިސްލާމްވުން ކަމުގައެވެ.

އެރިކް އެ ދުވަހު ލިއަމްމެން ގެއިން ދިޔައީ ލިއަމާ އޮތް ގުޅުން ކަނޑާލާފައެވެ. އެކަމާ ލިއަމް ކިތަންމެ ދެރަވި ނަމަވެސް އޭނާ ކެތްތެރިވިއެވެ. ﷲގެ ހަޟްރަތުގައި އޭނާގެ އެކުވެރިޔާއަށް ތެދުމަގު ދެއްކެވުން އެދި ދުޢާ ކުރެވުނެވެ. މީހެއްގެ ރުހުން ހޯދުމަށްވުރެ އޭނާ ﷲ ގެ ރުހި ވޮޑިގަތުން ބޭނުމެވެ.

އެރިކް ދިޔުމާއެކު، ސާރާ ދިން ތަރުޖަމާ ހިފައިގެން އައިސް އެނދުގައި އިށީނދެފައި އޭނާ ތަރުޖަމާ ކިޔަންފެށިއެވެ. ކިޔަމުން އައިސް އަލް ބަޤަރާ ސޫރަތުގެ 257 ވަނަ އާޔަތުގެ މާނަ ކިޔައިލި ލިއަމަށް މަޑުޖެހިލެވުނެވެ. އޭނާއަށް ﷲ އަށް ޙަމްދުކުރެވުނެވެ. ދުނިޔޭގައި އެތަކެއް ބަޔަކު ކާފިރުކަން މަތީ ޣާފިލްވެގެން ތިބިއިރު ﷲ ގެ އިރާދަ ފުޅާއެކު އޭނާއަށް ތެދުމަގު ދެއްކެވުމުން އެތަކެއް ފަހަރު އޭނާއަށް ޙަމްދުކުރެވުނެވެ. އެއާޔަތުގެ މާނަ އެތަކެއް ފަހަރު އޭނާއަށް ކިޔައިލެވުނެވެ.

" اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، كافر ވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، شيطان ންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ شيطان ން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ."

****

ޕާކިސްތާނަށް އައި ލިއަމަށް ނޭނގުނު ކަމަކީ އޭނާ ދެން ކުރިމަތި ލާން ޖެހޭނީ ވަރުގަދަ އިމްތިހާނަކާ ކަމުގައެވެ. އެއީ ކެތްތެރިކަމާއި ހިތްދަތިކަމުގެ އިމްތިޙާނެއް ކަމުގައެވެ. އޭނާ ކުރިމަތިލާން އޮތީ ވަރުގަދަ ތޫފާނަކާ ކަމެވެ.

ގެއަށް ގޮސް ލިއަމް ފުރަތަމަ ވެސް ހުޅުވައިލީ ކޮޓަރީގެ ކުޑަ ދޮރެވެ. ސާރާގެ ކޮޓަރީގެ ކުޑަ ދޮރު ލައްޕާފައި ހުރުމުން އޭނާ ދެން ނުކުތީ ޓެރެސްއަށެވެ. ސާރާ ދުށުމަށް އޭނާގެ ހިތް އެދެނީއެވެ.

*****

ޕާކިސްތާނަށް އައި ފަހުން އެއްރޭ އެއްދުވާ ފާއިތުވެގެން ދިޔައިރު ވެސް، ސާރާގެ ހަބަރެއް ނުވެއެވެ. އެކަމާ ލިއަމް ކަންބޮޑުވިއެވެ. ހިންހަމަ ޖައްސައިލަން މަސައްކަތް ކުރި ލިއަމް އޭނާގެ ސޫރައަށް ލޯގަނޑުން ބަލައިލިއެވެ. ކުރިއާ ޚިލާފަށް މޫނުމަތި ތާޒާއެވެ. ކަންފަތުގައި އެހެންޏާ ލައްވާފައި އިންނަ ބޮޅެއް ނެތެވެ. އިސްތަށިގަނޑު ހުރީ ރީތި ވަރަކަށް ކޮށާލާފައެވެ.

މިހާރު ހީވަނީ އޭނާއަކީ އެހެން މީހެއް ހެންނެވެ.

ޖެހިގެން އައި ދުވަހުގެ ރޭ ލިއަމް މިސްކިތަށް ދިޔައީ އިސްލާމްވުމުގެ ބޭނުމުގައެވެ. އެރިކް ގާތުގައި ބުނި ނަމަވެސް، އޭނާ އެ ވާހަކަ މަންމައާ ހިއްސާ ނުކުރީ މަންމަގެ ޚިޔާލު އެކަމާ މެދު ހުންނާނީ ކިހިނެއްކަން އޭނާއަށް ނޭނގޭތީއެވެ. މަންމައާއި އޮތް ގުޅުން ރަނގަޅުވިތާ އަދި ގިނަ ދުވަސްތަކެއް ނުވާއިރު އެރިކް ފަދައިން މަންމަ އަނެއްކާ އޭނާއާއި ގުޅުން ކަނޑާލާކަށް އޭނާ ނޭދެއެވެ.

އިޝާނަމާދު ވަގުތުގައި ލިއަމް މިސްކިތަށް ދިޔައިރު ދޮރުމަތިން ކުރިން ދިމާވި ޒުވާނާއާ ދިމާވިއެވެ. އެ ޒުވާނާއަށް ވެސް ލިއަމް ފެނުމުން ވަކިކުރަން އެނގުނެވެ. އޭނާ ލިއަމްގެ ބޭނުމާ ބެހޭގޮތުން ސުވާލުކުރިއެވެ. ލިއަމް އޭނާއައި ބޭނުން ހާމަކޮށްލުމާއެކު އެ ޒުވާނާގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.

"ވެލްކަމް ބްރަދާރ..." ލިއަމާ ކޮނޑާ ކޮނޑު ޖައްސާ ސަލާމްކުރަމުން އެ ޒުވާނާ ބުނެލީ އެހެންނެވެ. އިޝާނަމާދަށްފަހު ލިއަމް ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްވިއެވެ. ހިތަށް ލިބިގެންދިޔަ ފިނިކަން އޭނާ ބަޔާން ކުރާނީ ކިހިނެއްހެއްޔެވެ؟ އެތައް ބަޔެއްގެ ހެޔޮ ދުޢާ ލިއަމަށް ލިބުނެވެ. ކުރީގެ އުޅުމާ މެދު މާޔޫސްވެގެން އޭނާ އެ ވާހަކަ ހިއްސާކުރުމުން ކޮންމެ މީހަކު ވެސް ބުނަނީ މިއީ މާޔޫސް ވާންވީ ވަގުތު ނޫން ކަމުގައެވެ. ހެޔޮ މަގު އެނގުމުން އެ މަގުގައި ސާބިތުވެ ހުންނަ މީހާ ކާމިޔާބު ވާނޭ ކަމުގައެވެ. ކޮންމެ މީހަކު ވެސް ލިއަމަށް މަރުޙަބާ ކިޔާ ކޮނޑާ ކޮނޑު ޖައްސާ ސަލާމްކުރިއެވެ.

އިޙްސާސްކުރެވުނީ އަޚްވަންތަކަމެވެ. މީގެ ކުރިން އޭނާއަށް ކުރެވިފައިނުވާ އިޙްސާސްއެކެވެ. އެ މީހުންގެ ހިތްވަރުގެ ބަސްތަކުން ލިއަމްގެ ހިތަށް ސާބިތުކަން ލިބުނެވެ. އެ ހިތުގައި އިސްލާމް ދީނަށް އޮތް ލޯބި ފުންވެގެން ދިޔައެވެ. ﷲ އީ ގިނަ ގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.

ލިއަމް އެރޭ މިސްކިތުގައި ތަޢުބާ ވިއެވެ. ނަމާދުކުރިއެވެ. ޝުކުރުގެ ސަޖިދައެއް ކުރިއެވެ. ދިމާވާ ހުރިހާ ކަމެއްގައި އޭނާއަށް ސާބިތުކަން ދެއްވުން އެދިއެވެ. އެ ހިތުގައި އިސްލާމްދީނާ މެދު އޮތް ލޯބި އިތުރު ކޮށްދެއްވުން އެދި އެވެ.

މިސްކިތުން ނުކުންނަމުން ދިޔަ ލިއަމަށް މިސްކިތުގެ އިމާމް ޒުމަރުގެ ސޫރަތުގެ 53 ވަނަ އާޔަތުގެ މާނަ ކިޔައިދިނެވެ.

" ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ. "

ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ ކަމަށް ބުނެދިނެވެ. އަދި އެ ކަލާނގެ ރަޙްމަތުން އެއްވެސް ހާލެއްގައި އުންމީދު ކަނޑައިނުލުމަށް ނަސޭޙަތް ދިނެވެ.

އެ ރެއަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެއެވެ. އެންމެ ހިންހަމަ ޖެހުނު ރެއެވެ. ގެއަށް ދިޔައިރު ސާރާގެ މަތިން އޭނާއަށް ހަނދާންވިއެވެ. ސާރާއަށް އެކަން އެނގުމުން ކިހާ އުފާވާނެހެއްޔެވެ؟

ސައިކަލު ގައި ގޮސް ގޯޅިގަނޑުގެ ތެރެއަށް ވަތްއިރު ސާރާ މެންގޭ ކައިރިއަށް މަޑުކޮށްލި ކާރުން ސާރާ ފައިބަނީއެވެ. ލިއަމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިއެވެ. އޭނާ ސައިކަލުން ފައިބަމުން ސާރާއަށް ގޮވައިލިއެވެ. ލިއަމްގެ އަޑު އިވި އެ ދިމާލަށް ބަލައިލި ސާރާގެ މޫނުމަތިން ލިއަމަށް ފެނުނީ މާޔޫސްކަމެވެ. ލިއަމް ކުރިއަށް ފިޔަވަޅެއް އަޅާލި ނަމަވެސް އެ ފިޔަވަޅު ހުއްޓައިލަން މަޖުބޫރުވީ އަނެއް ފަރާތު ދޮރު ހުޅުވާލާފައި ނުކުތް ޒައިދު ފެނިފައެވެ.

ހައިރާންކަމާއެކު ލިއަމް ސާރާއަށް ބަލަން ހުއްޓާ ޒައިދު އައިސް ސާރާގެ އުނަގަނޑުގައި އަތް ޖައްސައިލިއެވެ. އެ އަމަލުން ސާރާ ސިހި އެ އަތް ދުރުކޮށްލަން އުޅުނު ތަން ލިއަމަށް ފެނުނެވެ. އެހެންނަމަވެސް އިރުކޮޅަކުން ސާރާ ހަމަހިމޭންވިއެވެ. ސާރާގެ އެ އަމަލުގެ މާނަ ނަގާނީ ކިހިނެއްކަން ލިއަމަކަށް ނޭނގުނެވެ. އޭނާއަށް ކުރެވުނު ހާވެސް ކަމަކީ ބަލަން ހުރުމެވެ.

'ހޭ... މީޓް މައި ވައިފް ސާރާ. އެއްކަލަ ދުވަހަށް ވަރަށް ބޮޑަށް ސޮރީ އިނގޭ" ޒައިދު ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. ލިއަމަށް އެ މޫނުމަތިން ފެނުނީ މަލާމާތެވެ. ސާރާގެ މޫނުމައްޗަށް ބަލައިލުމާއެކު، އެ މޫނުމަތީގައިވި އަސަރުން އެ ބަހުގެ ތެދުކަން ލިއަމަށް ނަގައިގަނެވުނެވެ.

އޭނާ ޒައިދާ ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލިއިރު އެ ހިތް ރޮމުން ދިޔައެވެ. ސާރާ އާމެދު އެތައް ޝަކުވާއެއް އޭނާގެ ހިތުގައި އުފެދުނެވެ. ސާރާ އޭނާއަށް އިންތިޒާރުކުރި ނަމައެވެ. ޒައިދު ލިއަމްގެ އަތަށް ބާރުކޮށްލިއެވެ. އޭނާ ވަނީ ނުހަނު ފަހުރުވެރި ވެފައެވެ. ލިއަމްގެ މޫނުމަތިން ފެނުނު ކުލަވަރު ތަކުން އޭނާއަށް ކާމިޔާބު ލިބިއްޖެކަމުގައި ޒައިދަށް ޔަޤީން ކުރެވުނެވެ. ލިއަމް އަވަސް އަރުވާލާފައި ގޭތެރެއަށް ވަތްއިރު އޭނާގެ ހިތް ދިޔައީ ބާރު މިނުގައި ތެޅެމުންނެވެ.

އަވަސްއަވަހަށް ސިޑިން މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށް ވަނުމާއެކު ފާރުގައި ގޮށް މުށުން ޖަހައިލެވުނެވެ. މިހެންވާންވީ ކީއްވެ ހެއްޔެވެ؟ މިއީ އެއް ގޮތަކަށްވެސް އޭނާ އުންމީދު ކުރި ގޮތެއް ނޫނެވެ. މާޔޫސްކަމާއެކު އެނދުގައި އިށީނދެވުނެވެ. ހިތުގައި ޝަކުވާ އުފެދުނެވެ. ހިތްވަރު ކުރާނީ ކިހިނެއްހެއްޔެވެ؟ ލޮލުން ކަރުނަ ހިލިއްޖެއެވެ. އެންމެ ގާތް އެކުވެރިޔާ ވެސް ގެއްލުނީއެވެ. ސާރާ ވެސް ގެއްލުނީއެވެ.

އެހެންނަމަވެސް، އެ ހިތްދަތިކަމުގެ ތެރޭގައި ބެހިގެން ދިޔުމަށް ވުރެ ބޮޑަށް ލިއަމް ވާގި ހޯދީ ﷲ ގެ ހަޟްރަތުންނެވެ. ދުޢާ ކުރެވުނީ ކެތްތެރިކަން ދެއްވުން އެދިއެވެ. މިއީ އިމްތިޙާނުގެ ގޮވައްޗެއްކަން އޭނާއަށް އެނގެއެވެ. ލިއަމް ހިތްވަރުކުރިއެވެ. ދުޢާ އިން އޭނާއަށް ހިންހަމަޖެހުން ލިބެއެވެ.

ކައިވެންޏަށްފަހު ގިނަ ދުވަސްތަކެއްނުވެ ޒައިދާ ސާރާއާއި ދެމީހުން އިނގިރޭސިވިލާތަށް ބަދަލުވީ ޒައިދުގެ ކޯސް ފެށެން ވެސް ކައިރިވެފައިވީތީއެވެ.

އެ ދުވަހުގެ ފަހުން ލިއަމަށް ސާރާއެއް ނުވެސް ފެނެއެވެ. ޕާކިސްތާނުގައި އިތުރު ދެ ހަފްތާ ކޮށްފައި ލިއަމް ވެސް އެނބުރި ގައުމަށް ދާން ނިންމިއެވެ.

ގޮސް މަންމަމެނަށް އޭނާ އިސްލާމް ވި ވާހަކަ އަންގަން ބޭނުންވިއެވެ. ޕާކިސްތާނުގައި ހުރެފައި އޭނާ އެރިކްއަށް ގުޅައިލިއެވެ. އޭނާ އިސްލާމް ވި ނަމަވެސް އެ ގުޅުން އެ ގޮތުގައި ބާއްވަން ބޭނުންވާ ވާހަކަ ބުނުމުން ލިއަމްއަށް ރައްދުވީ މަލާމާތުގެ ބަސްތަކެވެ. ފޯނަށް މުޅީން ވެސް އަންނަނީ މަލާމާތުގެ މެސެޖުތަކެވެ. އެކުވެރިން އޭނާއަށް ޓެރަރިސްޓެކޭ ކިޔާފައި މެސެޖު ކުރެއެވެ. ލިއަމް ކެތްތެރިކަން އިސް ކުރިއެވެ. ޚިޔާލުތަކުން މިންޖުވާން ވެގެން ލިއަމް ނެގީ ލެޕްޓޮޕެވެ. އޭނާ ނެރެމުންދާ"ލައިފް" ސިލްސިލާ ފޮތްތަކުގެ ތެރެއިން ފަސްވަނަ ފޮތުގައި އޭނާ ހިމަނަން ނިންމާފައިވަނީ ޕާކިސްތާނުގެ މައުލޫމާތެވެ. މިހާރު އެ ފޮތް ވެސް އެވަނީ ނިމުމަކާ ގާތް ވެފައެވެ. ހަވަނަ ފޮތް އިންޑިއާއަށް ޚާއްސަ ކޮށް ނެރެން ބޭނުންވިޔަސް، ލިއަމް ބޭނުންވީ އިންޑިއާ ދަތުރު ފަސްކޮށްލުމަށްފަހު، އެނބުރި ގައުމަށް ދާށެވެ.

ރޭގަނޑެކެވެ. ލިއަމް އިނީ ޓެރެސްގައެވެ. ލެޕްޓޮޕް ހުޅުވައިލުމަށްފަހު އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ.

"އަހަރެން އިސްލާމްވީ ކީއްވެ؟" އާ ޑޮކިއުމެންޓެއް ހުޅުވާފައި ލިއަމް އޭގައި ހެޑިންއަކަށް ލިޔެލިއެވެ. އެއަށްފަހު އޭނާ ހިނިތުންވުމެއް އަމިއްލަ ނަފުސަށް ހަދިޔާ ކޮށްލިއެވެ.

*****

އެނބުރި ޤައުމަށް ގޮސް މަންމައަށް އެ ވާހަކަ ކިޔައިދިނުމުން މަންމަ ވެސް އެކަމާ ނުރުހުން ފާޅުކުރިއެވެ. ލިއަމާ ވާހަކަ ދެއްކުން ހުއްޓައިލިއެވެ. ސުބްޙާނަﷲ އެވެ. މިއީ ކޮންފަދަ އިމްތިޙާނެއްހެއްޔެވެ؟ ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. ކެތްތެރިވެގެން ނޫނީ ކާމިޔާބެއް ނުލިބޭނެއެވެ. މާޔޫސްވާ ކޮންމެ ފަހަރަކު ދުޢާ އިން ހިންހަމަ ޖެހުން ލިއަމް ހޯދައެވެ. ﷲ އަށް ކުއްތަންވެ ނަމާދު ކުރުމުގައި ދެމި ހުރެއެވެ. އޭނާ ލޯބިވާ އެންމެނަށް ތެދުމަގު ދެއްކެވުން އެދި ދުޢާ ކުރެވެއެވެ.

*****

ދެ މަސް ފަސް

ފިނި މޫސުމް ނިމި ބަހާރު މޫސުމަށް މަރުޙަބާ ކިޔަން ތައްޔާރުވަމުން ދިޔަ ދުވަސްކޮޅެވެ. ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ގަސްތަކަށް ދިރުން ލިބެމުންދާ މަންޒަރެވެ. މާތަށް ފަރިވެ ފޮޅެމުން ދިޔައީ މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުންނެވެ. އެހެންނަމަވެސް، މާހައުލުގައި އޭރުވެސް ފިނިކަން ރަސްކަން ކުރަމުންދިޔައެވެ.

އަޞުރު ނަމާދަށް ފަހު ލިއަމް ބޭރަށް ނުކުމެލީ ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެލަން ޖެހޭތީއެވެ. އެއްޗެހި ގަނެގެން ގެއަށް ނުދެވި އުޅެނިކޮށް މަޣްރިބް ނަމާދު ބަންގި ގޮވައިފިއެވެ. ލިއަމް ގަސްތުކުރީ މިސްކިތަށް ދިޔުމަށެވެ. މިސްކިތާ ކައިރީގައި ކާރު ޕާކުކޮށްލާފައި، ވުޟޫ ކޮށްލައިގެން ލިއަމް އެތެރެއަށް ވަނެވެ. އޭރު އާއްމުކޮށް އޭނާއާއި މިސްކިތުން ދިމާވާ ކުއްޖެއް ކަމަށްވާ އިލްޔާސް އާ ދިމާވިއެވެ. ބައެއް ފަހަރު އިލްޔާސް އިމާމުވެ ނަމާދު ވެސް ކުރެއެވެ. ބަންގި ވެސް ގޮވައެވެ. ލިއަމަށް އޮޅުން ނުފިލާ އެއްޗެއް ވިއްޔާ ލިއަމް އިލްޔާސް ކައިރިން އޮޅުން ފިލުވައެވެ. ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގައި ވެސް އިލްޔާސްގެ ދައުރު ބޮޑެވެ. މަޣްރިބް ނަމާދުކޮށްލައިގެން ލިއަމް އިލްޔާސް އާއެކު ޤުރުއާން ކިޔަވާލަން މަޑުކޮށްލިއެވެ. މިސްކިތުން ފޭބީ ދެމީހުން އެކު އެކީގައި އިޝާ ވެސް ކޮށްލައިގެންނެވެ.

"އަހަރެން ބޭނުންވަނީ ރީތި އިސްލާމީ ނަމެއް ކިޔަން، ލިއަމް އެޑްވާޑް ވީމަ މުސްލިމް ނަމެއް ހެނެއް ހިޔެއް ނުވޭ" މިސްކިތުން ފައިބާފައި ލިއަމް ވާހަކަ ދެއްކިއެވެ.

އިލްޔާސް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ދެމީހުން އެފަދަ ވާހަކަ އެއްގައި ކުޑަ އިރުކޮޅަކު މިސްކިތުން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ.

"ހިނގާ ކޮފީއަކަށް..." މިސްކިތާ ކައިރީގައި ކޮފީ ޝޮޕެއް ހުންނާތީ އެތަނަށް ދިޔުމަށް ލިއަމް އިލްޔާސަށް ދައުވަތު ދިނެވެ. އިލްޔާސް ވެސް އެއްބަސްވުމުން ލަސްނުކޮށް ލިއަމް ހިނގައިގަތީ ކާރާ ދިމާލަށެވެ.

ކާރުގައި ދިޔަ އިރުވެސް ލިއަމް ބޮޑަށް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ނަމާ ގުޅުވައިގެންނެވެ. ދެމީހުން ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސިންނެވެ.

ކާރު ޕާކުކޮށްލާފައި ދެމީހުން ގޮސް ކޮފީ ޝޮޕަށް ވަނެވެ. ލިއަމްގެ ނަޒަރު ހުއްޓުނީ ބިއްދޮށުގައި އިން މޭޒެއްގެ ދޮށުގައި އިން ޒުވާނާއަށެވެ.

"އެރިކް" ލިއަމްގެ ތުންފަތް ފޫދުއްވާލާފައި މަޑުމަޑުން އެ ބަސްތައް ނުކުތެވެ. މިވީ ދެ މަސް ދުވަހުގެ ތެރޭގައި އޭނާއަށް އެރިކް އެއްވެސް ވަރަކަށް ފެނިފައެއް ނުވެއެވެ. އެ ވަގުތު އިއްތިފާގަކުން އެރިކް ވެސް ލިއަމަށް ބަލައިލައިފިއެވެ.

"ލިއަމް އިށީނދޭ" ލިއަމަށް ސިހުން ގެނުވީ އިލްޔާސްގެ އަޑާ އެކުގައެވެ.

"އޭތް އޭތް... އެ ލިއަމެއް ނޫންތަ އެއީ. ހަމަ ފައްކާ ޓެރެރިސްޓަކަށް ވެފަ އެހެރީ" ލިއަމްގެ އެކުވެރިއަކު ބުނެލި އަޑު އިވުނެވެ. އެރިކް ވެސް އެކަމަށް އެއްބާރުލުން ދީ ލިއަމަށް މަލާމާތް ކޮށްލިއެވެ. ޖެއްސުމުގެ ގޮތުން އޭނާ އިލްޔާސް ލާފައި ހުރި ޖުއްބާއަށް ވެސް ހަޖޫ ޖެހިއެވެ.

"އަޅާ ނުލާ" އިލްޔާސް އިނީ ހަމަޖެހިފައެވެ. ލިއަމްއަށް އިސްޖަހާލެވުނެވެ. އޭނާގެ ހުރިހާ އެކުވެރިން ވެސް އޭނާއަށް މަލާމާތް ކުރަނީއެވެ. މަންމަ ވާހަކަ އެއް ދައްކަނީ އެއް ނޫނެވެ. ކުޑަ މިނުން ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބިވި އަންހެން ކުއްޖާ ވެސް ގެއްލުނީއެވެ. ކޮފީއަކަށް އޯޑަރު ދީފައި ލިއަމް ފޯނު ހުޅުވައިލީ އިލްޔާސް ފާހާނާއަށް ދިޔުމުންނެވެ.

ފޯނު ހުޅުވާލުމާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އޭނާ އެންމެ ފަހުން ކިޔާފައި ބައިންދާފައި އިން އާޔަތުގެ މާނައެވެ. އެއީ ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތުގެ މާނައެވެ.

"اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. "

ފުރަތަމަ ޖުމްލަ އެތަކެއް ފަހަރު ލިއަމަށް ކިޔައިލެވުނެވެ. ހިތަށް ހިންހަމަ ޖެހުން ލިބުނެވެ. އެމީހުންގެ ކުރިމަތީގައި އޭނާއަށް ސާބިތުކަން ލިބުނެވެ. އެކުވެރިޔާ އައުމުން ކޮފީ ބޮއިލައިގެން ނުކުތް ލިއަމްމެން ދެމީހުން ކާރަށް އެރި އިރު ކެފޭ ކުރިމަތީގައި އެރިކްމެން އެ ދެމީހުންނަށް ބަލަން ތިއްބެވެ.

އިލްޔާސް ގެއަށް ލާފައި ލިއަމް ވެސް މިސްރާބުޖެހީ ގެ އަށެވެ. ޑިކީގައި ހުރި ހުރިހާ އެއްޗެއް ނަގައިގެން އެޕާރޓްމެންޓަށް ވަންނަން ދިޔަ ލިއަމްގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާ ހުރީ ހަމަޖެހިފައެވެ.

ކާޑު ޖަހާލާފައި ދޮރުފަތް ހުޅުވާލަމުން އޭނާ ގޮސް އެއްޗެހިތައް ބަދިގޭގެ ކަބަޑުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ދިޔައީ ކޮޓަރިއަށެވެ.

ފެންވަރާލައިގެން ނުކުމެ ލިއަމް މަޑުކޮށްލީ މޭޒު ކައިރީގައެވެ. ނޯޓު ފޮތް ނަގާ އޭނާ އޭގައި ހުރި ގަނޑުކޮޅުތައް ނެގިއެވެ. ސާރާގެ މަތިން ހަނދާންވަނީއެވެ. އެއީ އަބަދުވެސް އާދައެވެ. އޭނާ ސާރާ މަތިން ހަނދާން ވަންޏާ އަބަދުވެސް އޭނާއަށް ސާރާ ދިން ގަނޑުކޮޅުތައް ކިޔައެވެ.

*****

ކޮޓަރީގައި އެކަނި މާ އެކަނި އިން ސާރާގެ ދެލޮލުގައި ވަނީ ކަރުނައެވެ. ޒައިދު އޭނާއާއި ކައިވެނި ކުރީ މި ގޮތަށް ކަންތައް ކުރަން ހެއްޔެވެ؟. (ނުނިމޭ)

comment ކޮމެންޓް