ވައިއާރްއެފްގެ "ބަންޓީ އޯރް ބަބްލީ 2" އަކީ ސައިފް އަށް މުހިންމު ފިލްމެއް

ފިލްމުން ފެނިގެންދާ ތަރިން---

އަދިތިޔާ ޗޯޕްރާ ހިންގާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ފިލްމު "ބަންޓީ އޯރް ބަބްލީ2" އަކީ ވަރަށް މުހިއްމު ފިލްމެއް ކަމަށް އެ ފިލްމުގެ ބަތަލު ސައިފް އަލީ ޚާން ބުނެފިއެވެ.

ސައިފް ބުނީ އެ ފިލްމަކީ ގިނަ އަހަރުތަކަކަށްފަހު ވައިއާރްއެފްގެ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމުކަމަށާއި އަދި އެ ފިލްމުގައި ރާނީ މުކަރްޖީ ހަރަކާތްތެރިވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެ ކުރިން ވައިއާރްއެފް އާއި ސައިފް އާ ދެމެދު ވަނީ މައްސަލަތަކެއް އުފެދިފައެވެ. ނަމަވެސް އެ މައްސަލަތަކަށް ނިމުން އައިސް މިފަހަރުގެ ވައިއާރްއެފް ގެ ފިލްމުން ސައިފް ފެނިގެންދާ ކަމީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ސްޓޫޑިއޯއާ ދޭތެރޭ މައްސަލަތަކެއް ޖެހުނީ ގެންގުޅުނު އެޓިޑިއުޑްތަކެއްގެ ސަބަބުންކަމަށް ގަބޫލުކުރާކަމަށެވެ. ނަމަވެސް މާޒީ ހަނދާން އާ ކުރަން ބޭނުންނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެ ފިލްމުގެ މަސައްކަތްތައް ފެށިއިރު އެންމެ އުފާވީ އަދިތިޔާގެ ފަރާތުން ލިބުނު މެސެޖަކުން ކަމަށާއި އެ މެސެޖުގައި ބުނެފައިވަނީ "ވެލްކަމް ހޯމް" ކަމަށް ސައިފް ބުންޏެވެ. އޭނާ ބުނީ ވައިއާރްއެފް ސްޓޫޑިއޯ އަކީ އޭނާ އާއިލާއެއް ކަމަށެވެ.

ދެހާސް ހަތަރު ވަނަ އަހަރު ނުކުތް ފިލްމު ހަމްތުމްގެ ޖޯޑު ސައިފް އާއި ރާނީ އެކުގައި 11 އަހަރުފަހުން ސްކްރީނުން ފެނިގެންދާނީ "ބަންޓީ އޯރް ބަބްލީ" އިންނެވެ. ދެވަނަ ބައިގައި ފެނިގެން ދާނީ ފުރަތަމަ ފިލްމަށް ވުރެ ދިހަ އަހަރު ފަހުން ހިނގާ ކަންކަމެވެ. މި ފިލްމުގައި އެދެތަރިންގެ އިތުރުން ފެނިގެންދާނީ ސިދާންތު ޗަތުރްވެދީ އާއި ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރި ޝަރްވަރީ އެވެ.

އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ވަރުން ވީ ޝަރްމާ އެވެ. ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

comment ކޮމެންޓް