ކޮވިޑް 19: ރައީސް ސޯލިހް އދ. ސެކެޓްރީ ޖެނެރަލްއާ މަޝްވަރާ ކުރައްވައިފި

ރައީސް ސޯލިހް އދ. ސެކެޓްރީ ޖެނެރަލްއާ ފޯނުން ވާހަކަައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޒްއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް ވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން އދ. އިން އަޅުއްވަމުންދާ ފިޔަވަޅުތަކަށް ތައުރީފުކުރައްވައިފަ އެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަ ގުޅޭގޮތުން ރައީސް ވަނީ ސެކެޓްރީ ޖެނެރަލްއާ މަޝްވަރާކުރައްވައިފައެވެ.

އޭގެެ އިތުރުން ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ އަދި އެކަމުގައި އދ. އަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވައިފައެވެ،

ރާއްޖެއިން ކޮވިޑްގެ އެންމެ ފުރަތަމަ ކޭސް ފެނުނީ މިދިޔަ މަހު ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް 23 މީހަކު ވަނީ ފެނިފައެެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބަލި ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތައް ރައީސް ވަނީ ސެކެޓްރީ ޖެނެރަލްއާ ހިއްސާ ކުރައްވައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް މަޑުމަޑުން ބަންދުކުރަން އެޅި ފިޔަވަޅުތަކާއި ކަރަންޓީނު ކުރަންއެޅި ފިޔަވަޅުތައް ހިމެނެއެވެ. އޭގެ ސަބަބުން ބަލި ކޮންޓްރޯލްވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް މާލެއިން އިއްޔެ ފުރަތަމަ ފަހަރަށް ކޭސް އެއް ފެނި އިތުރު ދެ މީހަކު ޕޮޒިޓިވްވުމުން މުޅި މަންޒަރު ބަދަލުވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެެވެ. އަދި މިހާރުވެސް ސަރުކާރުގެ އަމާޒު ހިފާފައި ހުރީ ބަލި ކޮންޓްރޯލް ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ދިމާވެފައިާ ގޮންޖެހުންތަކުން އަރައިގަތުމަށް އދ. އިން ވަނީ " ރެސްޕޯންސް އެންޑް ރިކޮވަރީ ފަންޑް"ގެ ނަމުގައި ފަންޑެއް ގާއިމްކޮށްފައެވެ. އެ ފަންޑަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ޜާއްޖެއިން އދ. ގެ އެހީތެރިކަމަށް ބޭނުންވާ ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށްވެފައި ކޮވިޑްއިން ރައްކާތެރިވުމަށް ވުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއަށް އެހެން ގައުމުތަކަށް ވުރެ ބޮޑަށް އަސަރުކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިމަހު ކުރީކޮޅު ރައީސް ވަނީ ކޯވިޑްގެ ޙާލަތާއި ގުޅޭގޮތުން ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް އާއި ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ

comment ކޮމެންޓް