މާލީ ބަޔާނަށް މަކަރު ހަދައިގެން ގާޒީ ނަޖީބު ސަސްޕެންޑްކޮށްފި

ގާޒީ ހަސަން ނަޖީބް: މުސާރަ ނުލިބޭ ގޮތަށް އޭނާ ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ---- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސުލީކީ މައްސަލައެއް ބަލަމުން އަންނަ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައިވަނީ، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވީ އެ ކޮމިޝަނުގެ 30 ވަނަ ބައްދަލުވުމުގަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 2013 ވަނަ އަހަރުން ފެށިގެން ގާޒީ ހަސަން ނަޖީބް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަން ސާބިތު ވެފައިވާ ކަމަށެވެ.

އެހެން ކަމުން ފަނޑުޔާރުންގެ ގާނޫނުގެ 68 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (ހ)ގެ ހަހެއް އަދި ނުވަ ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 އާއި 2.2 އާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށްވާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން، މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ހަސަން ނަޖީބް، މަސައްކަތައް ނިކުތުން މަނާކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގައި ހުންނަވައިގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ފުރަތަމަ އޯޑިއޯ ވިޑިއޯ ބައްދަލުވުމުގައި ވަނީ ޖޭއެސްސީން ހިންގާ ތަހުގީގުތައް އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި އުސޫލެއް އެކުލަވާލައި ތަހުގީގުތައް ފެށުމަށް ނިންމާފަ އެވެ.

comment ކޮމެންޓް