ހާއްސަ ހުއްދަ ދޫކުރެވިފައިވާ މީހުންނަށް އަމާޒުކޮށް ބަސް ދަތުރުތައް ބާއްވަނީ

އަލިމަސް ކާނިވާ ސަރަހައްދުގައި ބަހެއް -- ސަން ފޮޓޯ/ ސައީދު

ހާއްސަ ހުއްދަ ދޫކުރެވިފައިވާ މީހުންނަށް އަމާޒުކޮށް މާލެއާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުތައް ބާއްވަން ނިންމައިފިއެވެ.

ހާއްސަ ހުއްދަ ލިބޭ ފަރާތްތަކުގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި
ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުން ހިމެނެއެވެ. އޭގެ އިތުރުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތަކުގެ މީހުންވެސް ހިމެނެއެވެ.

ބަސް ދަތުރުތަކުގެ ހިދުމަތް ދެމުންގެންދާ ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކްއިން މިރޭ ފޭސްބުކްގައި ޝާއިއުކުރި ޕޯސްޓެއްގައި ވަނީ އެ ބަސްދަތުރުތައް ބާއްވާނެ ގަޑިތައްވެސް އިއުލާންކޮށްފައެވެ.

ބަސް ދަތުރުތަކުގެ ގަޑިތައް

ހުޅުމާލެ -މާލެ - ހެނދުނު 06:45 - 08:30

ހުޅުމާލެ - ހެނދުނު 09:00

މާލެ - ރޭގަނޑު 22:00

ހުޅުމާލެ - 22:30 އިން 00:30 އަށް

ކޮރޯނާ ވައިރަސްއާ ގުޅިގެން މަލޭގައި ތިން ގަޑިއިރު ދާދި ފަހުން ވަނީ ކާފިއުވެސް ހިންގައިފައެވެ. އެކަމާ ގުޅިގެންވެސް މާލެއާއި ހުޅުމާލެއާ ދެމެދު ކުރަމުންދާ ބަސް ދަތުރުތައް މަދުކުރިއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ކޮވިޑްގެ ކޭސް ފުރަތަމަ ފަހަރަށް މިއަދު ވަނީ މާލެއިން ފެނިފައެވެ. އޭގެ ފަހުން 24 ގަޑިއިރަށް މާލެ ވަނީ ލޮކްޑައުންކޮށްފައެވެ.

އޭގެ ފަހުން މިރޭވެސް އިތުރު މީހަކު ކޮވިޑްއަށް ވަނީ ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް