ކޮވިޑް: މާލެ ލެވެލް ހަތަރަކަށް މަތިކޮށް ރަތް އެލާޓުގައި

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މާލެ ސިޓީ އިން ކޮރޯނާ ވައިރަސްގެ ކޭހެއް ފެނުމާއެކު މާލޭގައި ބަލި ފެތުރޭ ލެވެލް ހަތަރަކަށް މަތިކޮށް. ރަތް އެލާޓަށް ޖައްސައިފިއެވެ.

އެޗްޕީއޭ އިން ކޮވިޑާ ގުޅޭ މައުލޫމާތު އާންމުކުރާ ވެބްސައިޓުގައިވާގޮތުން މިވަގުތު މާލެ ސިޓީ އޮތީ ރަތް އެލާޓުގައެވެ. ކުރެއްދޫ ރިސޯޓު އޮރެންޖު އެލާޓުގައި އޮތްއިރު، ރާއްޖޭގެ އެހެން ސަރަހައްދުތައް އޮތީ ރީނދޫ އެލާޓުގައެވެ.

މާލޭގެ ލެވެލް ރަތަށް ބަދަލުކޮށްފައިވާއިރު މިއަދު މާލެ ސިޓީ އިން ކޮވިޑަށް ޕޮޒިޓިވްވި މީހާ އަކީ ޓްރެވަލް ހިސްޓްރީ އެއް އޮތް މީހެއް ނޫން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އޭނާ އަށް ބަލި ޖެހިފައިވާކަން ޔަގީން ކުރެވުނީ ރޯގާގެ އަލާމާތްތަކާއެކު އިއްޔެ ފްލޫ ކްލިނިކަށް ދެއްކުމުން ހެދި ޓެސްޓުތަކުންނެވެ.

އޭނާ އަށް ބަލިޖެހުނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އޭނަ އަށް ބަލީގެ އަލާމާތްތައް ފެނުމުގެ ދެ ދުވަސް ކުރިން ކައިރިން ކޮންޓެކްޓިވްވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތުގައި ރަތް ލެވެލް އަކީ އިމްޕޯޓެޑް ކޭސް އަކާއި ގުޅުން ނެތް މީހެއްގެ ގައިން ބަލި ފެނި އޭނާގެ ގައިން އެހެން މީހެއްގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު އޮންނަ ހާލަތެވެ.

މިއަދު މާލެއިން ފެނުނު ކޭހާއި ގުޅިގެން މާލެ އާއި އައްޑޫގެ ޖުމްލަ ހަތަރު ގެއެއް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާއިރު މާލެ އާއި ކ. ކާށިދޫ ވަނީ ލޮކްޑައުންކޮށްފައެވެ.

މާލޭގައި 24 ގަޑިއިރަށް ވަނީ ކާފިއު ވެސް އިއުލާނު ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ބަލިޖެހިފައިވަނީ 21 މީހަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ހަ ދިވެއްސަކާއި 15 ބިދޭސީއެކެވެ. މީގެ ތެރެއިން މިހަރު ފަރުވާދެމުންދަނީ ތިން މީހަކަށެވެ.

comment ކޮމެންޓް