ދިވެހި ބަހުގެ ދުވަހު ޅެން ބައިތުގެ ޗެލެންޖެއް

ފެބްރުއަރީ 21، 2019: މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހު ޅެން ބައިތުގެ ޗެލެންޖްއެެއް ދިވެހި ބަހުގެ އެކެޑަމީއިން ހުޅުވާލައިފިއެވެ.

"ވާދަ ބައިތު ހުށަހެޅުން" ގެ ނަމުގައި ހުޅުވާލި ޗެލެންޖްގައި ކޮންމެ މީހަކުވެސް ތިން ބައިތު ކިޔާ އެކަކު އަނެކަކާ ޗެލެންޖްކުރަން ހުށަހެޅުމަށް ދިވެހި ބަހުގެ އެކެޑަަމީގެ ރައީސް އަޝްރަފް އަލީ އެދިވަޑައިގަތެވެ.

އަޝްރަފް މިއަދު "ސަން" އަށް ވިދާޅުވީ ދިވެހި ބަހަކީ ގައުމީ އެއްބައިވަންތަކަމުގެ ތަރިކައެއް ކަަމަށާއި އަދި މިދުވަސްވަރު ކޮރޯނާއާ ގުޅިގެން އެކަހެރިވެގެން ތިބޭއިރު ދިވެހި އަދަބިއްޔާތު ކުރިއެރުވުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

ފޭސްބުކާއި ޓުވިޓާއިން އަޝްރަފް ހުޅުވާލި އެ ޗެލެންޖްގައި އަޝްރަފްވެސް ވަނީ ތިން ޅެން ބައިތުވިދާޅުވެފައެވެ. އަދި އެހެން މީހުންވެސް އެގޮތަށް ތިން ބައިތު ވިދާޅުވެ އެހެން މީހުންނަށް ޗެލެންޖްކޮށް ޓެގްކުރުމަށް އަޝްރަފް އެދިވަޑައިގަތެވެ.

މީގެ ކުރިންވެސް ދިވެހި ބަހުގެ ދުވަހު އެކިއެކި ޗެލެންޖްތައް ބަހުގެ އެކެޑަމީން ހުޅުވާލައިފައިވެއެވެ.

މިއަހަރު ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ކަނޑައަޅާފައިވާ ޝިއާރަކީ "ފޮތް ކިޔުމާއި މުއާމަލާތު ކުރުން: އިސްކަން ދިވެހި ބަހަށް" އެވެ.

މީގެ ކުރިން ދިވެހި ބަހުގެ ދުވަސް އެކި ސްކޫލްތަކާއި ބަހުގެ އެކެޑަމީއިން ފާހަގަކުރެއެވެ. ނަަމަވެސް ކޮރާނާއާ ގުޅިގެން ސްކޫލްތަކާއި ސަރުކާރު ބަންދުކޮށްފައިވާތީއާއެކު ބަހުގެ އެކެޑަމީންވެސް އެއްވެސް ބޮޑު ހަފްލާއެއް ނުބާއްވައެވެ.

comment ކޮމެންޓް