އެޕޯލޯ ހޯލްޑިންސްގެ އޮފީހުގައި ހުރި ތިޖޫރީތަކެއް ފަޅާލައި ގާތްގަނޑަކަށް 1.75 މިލިއަން ރުފިޔާ ވަގަށް ނަގައިފި އެވެ.
އެޕޯލޯގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި އެޕޯލޯ ހާޑްވެއާ ސެންޓަރުގެ މަތީ އޮފީހަށް ބަޔަކު ވަދެ ފަސް ތިޖޫރީއެއް ފަޅާލުމަށްފަހު ފައިސާތައް ވަގަށް ނަގާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނަ އަދަދަކަށް ފައިސާ ހުރީ ބޮޑު ތިޖޫރީގައި ކަމަށާއި އެ ތިޖޫރީ ފަޅާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޮފީހަށް ބަޔަކު ވަދެފައިވަނީ އޮފީސް ދޮރުގެ ތަޅުވެސް ހަލާކު ކޮށްލުމަށްފަހުގައި ކަމަށެވެ.
"ބަލާލާފައި އެނގޭ މިއީ އެންމެ މީހަކަށް ނުވަތަ ދެމީހަކަށް ވާނެ ކަމެއް ނޫން ކަން،" އޭނާ ވިދާޅުވިއެވެ.
އެޕޯލޯ ހާޑްވެއާ ސެންޓަރުން ފެށިގެން އޮފީހާ ހަމައަށް 17 ސެކިއުރިޓީ ކެމެރާ ހިމެނޭއިރު އޭގެތެރެއިން ހަ ކެމެރާ ހުންނަނީ އޮފީސް ތެރޭގައެވެ. ފައިސާތައް ވަގަށް ނެގުމަށް އެތަނަށް ވަތް ބަޔަކު ވަނީ ސެކިއުރިޓީ ކެމެރާގައި ޑަކްޓް ޓޭޕްވެސް އަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ރޭގެ 23:00 ޖެހި ފަހުން އެ މީހުން އައިސް އުޅުނު ކަމަށް ބެލެވޭ. އަދި ބިލްޑިންގައި އުޅޭ ބޭފުޅެއްގެ މައުލޫމާތަށް ބަލާނަމަ އެމީހުން ފަތިސް 04:00 ޖަހަން ދެއްވެސް އެތަނުގައި އުޅުނު،" އޮފިޝަލު ވިދާޅުވިއެވެ.
މައުލޫމާތު ލިބުމާއެކު މިއަދު ހެނދުނު އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ. މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ ސީން ބަލާފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެޕޯލޯ ހޯލްޑިންގްސް ގެ އޮފީހުގެ ތިޖޫރީ ހަލާކުކޮށްލައިގެން 1.7 މިލިއަން ރުފިޔާ އާއި އަދި 2،200 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.