ކުރިއަށް އޮތްތަނުގައި އަޅާނެ ފިޔަވަޅުތަކާ މެދު ވަޒީރުންގެ މަޖިލީހުން މަޝްވަރާކޮށްފި

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ : ރައީސް އޮފީސް

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި ކުރިއަށް އޮތްތަނުގައި އެޅުމަށް ގަސްދުކުރާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި މިއަދު މެންދުރުފަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ ގެއްލުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފަވެ. އަދި އެ ގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތަކުގެ މައްޗަށާއި މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށްވެސް މިއަދުވެސް ޖަލްސާގައި މަޝްވަރާކޮށްފައިވެއެވެ.

ރާއްޖޭގައި ވައިރަސް ފެތުރުން ކުޑަކުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުރަމުން ގެންދާ މަސައްކަތްތަކާއި ހަރުދަނާ ފިޔަވަޅުތައް، މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

އަދި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރީންގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ވަޒީރުންގެ މަޖިލީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް