ބިޑަކާ ނުލައި މަޝްރޫއު ހަވާލުކުރުމުގެ ބާރު ކެބިނެޓަށް

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީީ ޚިދުމަތްތަކަށް ޚާއްސަ ކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ މަޝްރޫއުތައް ބިޑުނުކޮށް ބޭނުން ބަޔަކަށް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފިއެވެ.

އެ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުގައިވަނީ ރައްޔިތުންގެ އަސާސީ ބެނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ އަދި ސަލާމަތީ ޚިދުމަތްތަކަށް ޚާއްސަ މަޝްރޫއުތަކުގެ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތައް ބިޑު ކުރުމަކާ ނުލައި ހަވާލުކޮށްގެން ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.

ހަމަ މި ގަވާއިދުގެ ދަށުން ޕީއެސްއައިޕީގެ ތެރެއިން ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލު ކުރުމަށް ނިންމައިފިނަމަ، އެ މަޝްރޫއަށް ބިޑް ސެކިއުރިޓީއާ ޕާފޮމެންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާ ކުރުމުގެ ބާރު ވެސް މިނިސްޓަރަށް ލިބިގެންވެއެވެ.

ބިޑަކާ ނުލައި މަޝްރޫއު ހަވާލުކޮށް އަދި ތަކެތި ހޯދޭނެ އުސޫލެއް މީގެ ކުރިން ވެސް މާލިއްޔަތު ގާނޫނުގެ ދަށުން ބަޔާންކޮށްފައިި އޮތްއިރު، އެ ބާރު ދީފައި އޮތީ ވަޒީރުންގެ މަޖިލީހަކަށް ނޫނެވެ. ގަވާއިދަށް ގެނައި އިސްލާހާއެކު މިހާރު އެ ބާރު އޮންނާނީ ވަޒީރުންގެ މަޖިލީހަށެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓުުގައި އާންމުކުރި މި އިސްލާހާއެކު، މިހާރުވަނީ އެއަށް އަމަލުކުރަން ފަށައިފައެވެ.

comment ކޮމެންޓް