އިންތިހާބު ބާއްވަން ޖެހޭ މުއްދަތުގައި ބޭއްވެން ނެތް ކަމަށް އީސީއިން ނިންމައިފި

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އިންތިހާބު ބޭއްވޭނެ މާހައިލެއް ނެތް ކަމަށް އީސީން ވަނީ ކަނޑައަޅާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިންތިހާބު ބައްވަން ޖެހޭ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފި އެވެ.

ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އިއުލާން ކުރި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ އެޕްރީލް 18 ވަނަ ދުވަހަަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައެވެ. މިދިޔަ މަހު 12 ވަނަ ދުވަހު އެއް މަސްތުވަހަށް އިއުލާން ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ވަނީ އަންނަ މަހުގެ 12 އަށް އަނެއްކާވެސް އިތުރުކޮށްފައެވެ.

އީސީ މިއަދު ކުރި ޓްވީޓެއްގައި ބުނީ، 18 ވަނަ ދުވަހަށް ފަސްކުރި އިންތިހާބު ބޭއްވޭނެ މާހައުލެއް މިހާރު ނެތަތީވެ، އިންތިހާބު ބާއްވަން ޖެހޭ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް އީސީ އިން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތާވަލު ކުރީ އެޕްރީލް ހަވަނަ ދުވަހަށެވެ. ނަމަވެސް ކޮވިޑް-19 ބައްޔާ ގުޅިގެން އެ ތާރީހު އެޕްރީލް 18 އަށް ފަސްކުރި އެވެ. އޭރު އީސީން ބުނީ، އެޕްރީލް 18 އަކީ ގާނޫނުގައި ބުނާ މުއްދަތަށް އެ ކޮމިޝަނުން އިންތިހާބު ފަސްކުރެވޭނެ އެންމެ ފަސް ތާރީޚް ކަމަށެވެ.

އެ މުއްދަތުގައި އެކަށީގެންވާ މިންވަރަށް ކެންޑިޑޭޓުންނަށްވެސް ކެމްޕެއިން ނުކުރެވޭނެތީއާއި އީސީއަށް ވެސް މަސައްކަތް ކުރުމަށް ދަތިވާނެ ކަމަށް ބުނެ އީސީން މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސް ކުރުމަށް ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް މަޖިލީހުން މިކަމަށް ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމަށް ބުނުމުން އެ މައްސަލަ އަނބުރާ އީސީން ގެނައެވެ.

މިހާރު މަޖިލީހަށް ވަނީ މިކަމާ ގުޅިގެން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށާއި ސަސްސެޓު ގާނޫނެއްގެ ގޮތުގައި ފާސްކުރުމަށް ދެ ބިލެއް ހުށަހަޅާފައެވެ. ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅީ، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދިގު ކުރުމަށެވެ. އެގޮތުން ދެން އިންތިހާބު ބޭއްވި އާ ކައުންސިލަރުން މަގާމާ ހަވާލުވެވެންދެން މިހާރު ތިބި ކައުންސިލަރުންނަށް އެ މަގާމުތަކުގައި ދެމިތިބެވޭނެ ކަމަށް އެ އިސްލާހުގައި ބުނެއެވެ. ނަމަވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާންކޮށްފައިވާ މި ދަނޑިވަޅަކީ، ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ބުނެ، ހިޔާލު ތަފާތުވެފައެވެ.

އަދި އަނެއް ދެ ބިލް ހުށަހެޅީ، ވަގުތީ ގާނޫނެއް، ނުވަތަ ސަންސެޓް ގާނޫނެއް ގޮތުގައިގައެވެ. "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020"ގެ ނަމުގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވީ، ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށެވެ. ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލަކީ، ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ބައެއް ގާނޫނީ މާހިރުން އަންނަނީ ބުނަމުންނެވެ.

އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ހުށަހެޅި އަނެއް ބިލަކީ، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ނަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލެވެ. އެ ބިލުގައި ވާގޮތުން ލޯކަލް ކައުންސިލް އިންތިހާބު ދެން ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެހެން ހާލަތަކަށް ބަދަލުވުމުންނެވެ. އަދި އެގޮތަށް ލަސްކުރި ނަމަވެސް ޖެނުއަރީ ހަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެކަމަށްވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވުމަށް ފަހު، ދެން ހަދާނެ ގޮތަކާ މެދު މެންބަރުންގެ މެދުގައި ވެސް ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ ޖޫން ތިނަކަށެވެ.

comment ކޮމެންޓް