ޖުވެނައިލް ކޯޓުގެ ޝަރީއަތްތައް އަލުން ފަށައިފި

ޖުވެނައިލް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކޮވިޑް19 އާ ގުޅިގެން، ޖުވެނައިލް ކޯޓުގެ ޝަރީއަތްތަށް ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައި އޮތް އޮތުން ނިމުމަކަށްގެނެސް، އަލުން ޖުވެނައިލް ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

ޖުވެނައިލް ކޯޓުގެ ޝަރީއަތްތައް މެދުކަނޑާލީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން، މި ހާލަތުގައި މައްސަލަތައް ކުރިއަށް ގެންދާނެ ވަކި ގޮތްތަކެއް ހަމަޖެހެންދެނެވެ.

ޖުވެނައިލް ކޯޓުން މިއަދު ބުނީ، މިހާރު "ކޮވިޑް 19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލު" މިހާރު އެކުލަވާލާފައިވާ ކަމަށާއި، ދެން އެ ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެ އުސޫލާ އެއްގޮތަށް ކަމަށެވެ.

އެ އުސޫލުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރޭ ކޮންމެ އެލާޓް ލެވަލް އެއްގައިވެސް ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.

އަދި ކޯޓަށް ލިޔެކިޔުންތައް ހުށަހެޅުމުގައި ވީހާވެސް ބޮޑަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ކޯޓުން އެކަމަށް ހާއްސަކުރެވިފައިވާ އީމެއިލް އެޑްރެސްތައް މެދުވެރިކޮށް، ލިޔެކިއުންތައް ބަލައިގަތުމުގެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސައިފައެވެ.

ކޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވީހާވެސް ބޮޑަށް އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޝަރީއަތްތަކަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ކޯޓަށް ހާޒިރުވުމުގެ އަމުރުތައް ފޮނުވުމުގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި އަދި އީމެއިލް ބޭނުންކުރަމުން ގެންދިއުމާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކުރާ މައްސަލަތައް އިލެކްޓްރޯނިކްކޮށް ކޯޓަށް ފޮނުވަމުން ގެންދިއުމުގެ އިންތިޒާމްވެސް ކޯޓުގައި ވަނީ ގާއިމުކޮށްފައެވެ.

ޖުވެނައިލް ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކޯޓު ހުޅުވިފައި ހުންނާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

ހުސްވި މާޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދުކޮށްފައި ވީނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖްލިސްތައް ބޭއްވުމާއި، ތަހުގީގު މަރުހަލާގައި ކޯޓުން ނެރެދޭންޖެހޭ އަމުރުތައް ނެރެދިނުމުގެ މަސައްކަތް ޖުވެނައިލް ކޯޓުން މެދުކެނޑުމެއްނެތި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޖުވެނައިލް ކޯޓުން މިހާރު އަމަލުކުރަން ފަށާފައިވާ އުސޫލުގައި ބުނެފައި ވަނީ ރީނދޫ އެލާޓުގައި، ތަހުގީގު މަރުހަލާގައި ނެރެންޖެހޭ އަމުރުތައް ނެރޭނީ ގާޒީން ގޭގައި ތިއްބަވައިގެން ކަމަށެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން އަމުރަށް އެދޭނީ އީމެއިލް މެދުވެރިކޮށެވެ.

ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި ޕީޖީ ވަކީލު އެދޭނަމަ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ހުރެގެން ވީޑިއޯ ލިންކް މެދުވެރިކޮށް، އިބްތިދާއީ އަޑުއެހުމާއި ޝަރީއަތުގެ މަޖިލީސް ކުރިއަށް ގެންދެވޭނެއެވެ.

އަދި ކުއްޖާ ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޖަލުގައި ކަމަށްވާނަމަ، ކުއްޖާގެ ރުހުމާއެކު އޭނާ ބަންދުގައި ހުރި ތަނުގައި ހުރެގެން ވީޑިއޯ ލިންކް މެދުވެރިކޮށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމުގެ އިހްތިޔާރު ވަނީ ދީފައެވެ.

ހަމައެއާއެކު ޝަރީއަތަށް ހާޒިރުކުރަންޖެހޭ އާންމު ހެކިންނާއި ހަބަރުންނަކީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނިސްބަތްވާ ފަރާތްތަކެއްނަމަ، އެމީހުން ފުލުހުންގެ އިދާރަގައި ތިބެގެން ވީޑިއޯ ލިންކް މެދުވެރިކޮށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.

ރީނދޫ އެލާޓުގައި ކޯޓުގައި ކުރިއަށް ގެންދާ ޕްރޮބޭޝަން މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުދިންނާއި ބެލެނިވެރިން ކޯޓަށް ހާޒިރުކޮށްގެނެވެ. އަދި ކޭސް ކޮންފަރެންސެއް ބާއްވަން ޖެހިއްޖެނަމަ މުއައްސަސާތަކާއި ކޯޓާއި ދެމެދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވޭނެ ކަމަށް އުސޫލުގައި ބުނެއެވެ.

ޖުވެނައިލް ކޯޓުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އެންމެ އަވަސް މައްސަލަތަކެއްގެ ގޮތުގައި ޝެޑިއުލްކޮށް މި ހާލަތުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް