ކައުންސިލުން ހުއްދަ ނުހޯދާ ފުވައްމުލަކުން އަލަނިރު ބޭރުނުކުރަން އަންގައިފި

ފުވައްމުލަކު އަލަ ބިމެއް

ފުވައްމުލަކު ސިޓީ ކައުންސިލުން ހުއްދަ ނުހޯދާ، އެރަށުން އަލަނިރު ބޭރުނުކުރަން އަންގައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް އެ ސިޓީން ގިނަ އަދަދެއްގެ އަލަނިރު ކަނޑައި، ބޭރު ކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ ގަވާއިދުގެ ދަށުން ހަދާފައިވާ "ފުވައްމުލަކުން ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ބޭރު ކުރެވޭނެ ގޮތުގެ އުސޫލު" ގައި ވާގޮތުން، ފުވައްމުއްލައް ސިޓީން އެއްވެސް ބާވަތެއްގެ ގަހެއް ކަނޑައި ބޭރުކުރެވޭނީ ފުވައްމުލައް ސިޓީ ކައުންސިލުން ހުއްދަ ހޯދައިގެންނެވެ.

އެހެން ނަމަވެސް ކައުންސިލުގެ ހުއްދައާ ނުލާ، ފުވައްމުލައް ސިޓީން އަލަނިރު ބޭރުކުރުން އިތުރުވެފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

ކައުންސިލުން ބުނީ ފުވައްމުލަކުން އަލަނިރު ބޭރުކުރެވޭނީ "ފުވައްމުލަކުން ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ބޭރު ކުރެވޭނެ ގޮތުގެ އުސޫލު"ގެ ދަށުން ސިޓީ ކައުންސިލުން އެކަމަށް ހޯދަންޖެހޭ ހާއްސަ ހުއްދަ ހޯދައިގެން ކަމަށެވެ.

"އެހެންކަމުން އެއްވެސް ފަރާތަކުން ކައުންސިލުން ހުއްދަ ނުހޯދައި އަލަނިރުތައް ފުވައްމުލަކުން ބޭރު ނުކުރަމަށް އަންގައި އިއުލާނު ކުރީމެވެ،" ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ.

comment ކޮމެންޓް