ތޮށްޖެހިގެން އުޅޭ 200 ބިދޭސީން ސަރުކާރުގެ ފެސިލިޓީއަކަށް ބަދަލުކޮށްފި

ބިދޭސީން ވަގުތީ ފެސިލިޓީއަށް ބަދަލުކުރުމަށް ރެޖިސްޓްރީކުރަނީ --- ފޮޓޯ : އިމިގްރޭޝަން

ކޮވިޑް-19 އިން ރައްކާތެރިވެ އެ ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ތޮށްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އުފައްދާފައިވާ ރެޕިޑް ރެސްޕޮންސު ސެންޓަރާ ގުޅިގެން އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ އިމިގްރޭޝަނުންނެވެ.

އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން މާލޭ ސިޓީ ކައުންސިލުންވެސް ގުޅިގެން ބިދޭސީން ވަގުތީ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު އެވެ.

ބިދޭސީން ވަގުތީ ފެސިލިޓީއަށް ބަދަލުކުރުމަށް ރެޖިސްޓްރީކުރަނީ: ބިދޭސީން ތިބޭނީ ހުޅުމާލޭގައި ގާއިމުކުރާ ފެސިޓީއެއްގައި --- ފޮޓޯ : އިމިގްރޭޝަން

މިއަދު އިމިގްރޭޝަނުން ބުނީ އެ ބިދޭސީން ތިބޭނީ އެޗްޑީސީއިން ހުޅުމާލޭގައި ހަމަޖައްސާފައިވާ ހާއްސަ ފެސިލިޓީއެއްގައި ކަމަށެވެ. އެ ފެސިލިޓީގައި 1،000 މީހުންނަށް ތިބެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މާލޭގެ ތޮށްޖެހިފައިވާ ތަންތަނުގައި ތިބި ބިދޭސީން ވަގުތީ ފެސިލިޓީއަކަށް ބަދަލުކުރުމަށް އެ ފެސިލިޓީއަށް ގެންގޮސް ރެޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މިއަދު އެ ފެސިލިޓީއަށް 200 ބިދޭސީން ގެންދިޔުމަކީ އަމާޒެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ފެސިލިޓީގައި ތިބޭ ބިދޭސީންގެ ކެއުމާއި ވެލްބީންގެ ކަންތައްތައް ބަލަހައްޓާނީ އެޗްޑީސީއިން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީއެއް އެ ފެސިލިޓީއަށް ގެންދާނެ ކަމަށެވެ. އަދި އިކޮނޮމިކް މިިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ގަވާއިދާ ހިލާފަށް ތިބި ބިދޭސީން ގާނޫނުގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ބިދޭސީން ވަގުތީ ފެސިލިޓީއަށް ބަދަލުކުރުމަށް މައުލޫމާތު ދެނީ --- ފޮޓޯ : އިމިގްރޭޝަން

އިމިގްރޭޝަނުން ބުނީ، ބިދޭސީން އެ ފެސިލިޓީއަށް ބަދަލުކުރި ނަމަވެސް އެ ފަރާތްތަކުން ވަޒީފާއަށް ގޮސް އުޅުމަށް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. އެ ފަރާތްތަކުން ފެސިލިޓީއަށް ވަދެ ނިކުތުމަށް ހާއްސަ ފާހެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މާލޭގެ ބައެއް ކުދިކުދި ތަންތަނުގައި އެކަނިވެސް 20 އަށް ބިދޭސީން ދިރިއުޅެ އެވެ. އެއްތަނެއްގައި ގިނަ އަދަދަކަށް މީހުން ދިރިއުޅުމުން ކޮވިޑް-19 ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީ އެ ފަރާތްތަކުން ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ފަރާތްތަކުން ފެސިލިޓީތަކުގައި ތިބޭނެ ވަކި މުއްދަތެއް އަދި ނޭނގޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

comment ކޮމެންޓް