މެލޭޝިއާ އިން ކޮވިޑަށް ޕޮޒިޓިވްވި ދިވެހި މީހާ ރަނގަޅު ވެއްޖެ

އޭޕްރީލް 6، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެލޭޝިއާގައި ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހި މީހާ ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މެލޭޝިއާގައި ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭނާ ބަލިން ރަނގަޅުވެ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

"މެލޭޝިއާ އިން ރާއްޖެ އައި ފަރާތްތަކުގެ ތެރެއިން އެ ފަރާތާ އެއްވެސް ކޮންޓެކްޓެއް ވި މީހަކު ހުރިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް މިހާރު ދަނީ ކުރިއަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މެލޭޝިއާއިން ވައިރަހަށް ޕޮޒިޓިވްވި 416 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކުރީ އިއްޔެ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިޔާގައި 4346 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 70 މީހަކު ވަނީ މަރުވެފައެވެ.

ކޮރޯނާ އާއި ގުޅިގެން މެލޭޝިއާ އޮތީ ލޮކްޑައުން އެއްގައެވެ.

މެލޭޝިއާ އިން ރާއްޖެ އަންނަން ބޭނުން ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު އަދި މިހާތަަނަށް ވަނީ 200 މީހުން ރާއްޖެ ގެނެސްފައެވެ. އެމީހުން މިހާރު ތިބީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ކަރަންޓީނު ފެސިލިޓީތަކުގައެވެ.

comment ކޮމެންޓް