އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ، މަރަދޫ: އެ ސީޓީގައި ތޫނުއެއްޗަކުން ހަމަލާދީ އެކަކު ވަނީ ޒަހަމްވެފައި -- ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީ، މަރަދޫގައި ތޫނު އެއްޗަކުން މާރާމާރީ ހިންގައި، އެކަކު ޒަހަމްކޮށްލައިފި އެވެ.

ފުލުުހުންނަށް މި މައްސަލަ ހުށަހެޅީ މިރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ، މިރޭ 8:16 ހާއިރު މަރަދޫ މުދިންގެ މަގުން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ތޫނު އެއްޗަކުން ހަމަލާދީ، ފިރިހެނަކު ޒަހަމްކޮށްލި މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޒަހަމް ވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

"އޭނާގެ ބުރަކަށިން ފަސް އިންޗިވަރު ތިލަކޮށް ކަފައިގެންގޮސްފައިވޭ. އަދި އޭނާއަށް މަރަދޫ ހެލްތް ސެންޓަރުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލަފައި،" ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކުރި ކަމެއް އަދި ކަށަވަރެއް ނޫނެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށްބަލާއިރު، މިއަހަރު މިހާތަނަށް މާރާމާރީގެ ގޮތުގައި 190 މައްސަލައެއް އެ މުއައްސަސާއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މިމަހުގެ މިހާތަނަށް ހުށަހެޅި 16 މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް