އިގްތިސާދީ ޕެކޭޖުގައި އެއްވެސް އޮއްޓަރެއް ނެތް: މެމްބަރު ސައީދު

ޕީޕީއެމްއިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ

ކޮވިޑް-19އާ ގުޅިގެން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އިއުލާނުކުރި އިގްތިސާދީ ޕެކޭޖަކީ އެއްވެސް އޮއްޓަރެއް ހުރި ޕެކޭޖެއް ނޫން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ސައީދު ވިދާޅުވީ 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް އިއުލާނުކުރި ނަމަވެސް އެއީ ކިހިނެއް ހޯދާ ފައިސާއެއް ކަން ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މާ އެކަށީގެންވާ، އޮއްޓަރެއް ހުރި ޕެކޭޖެއް ކަމަށް އެއީ. އަދި އަދަށް ދާންދެން ވެސް ސަރުކާރަށް ވިދާޅެއް ނުވެވޭ ކިހިނެއް ކަން 2.5 ބިލިއަން ރުފިޔާ ހޯއްދަވާނީ. އަޅުގަނޑު އެމްއެމްއޭގެ ގަވަރުނަރު ކުރެން ސާފުކުރަން މަސައްކަތް ކުރިން ކޮބައިތޯއޭ ރައީސް ސޯލިހު އެ ވިދާޅުވާ ބީއެމްއެލްގެ އަމިއްލަ ފައިސާއިންނޭ 20 މިލިއަން އެމެރިކާ ޑޮލަރު، ނުވަތަ 300 މިލިއަނެއްހާ ރުފިޔާ ހޯދާނީ. ބީއެމްއެލްގައި ސީދާ ފައިސާ ހުރި އަދަދަކީ ނުވަތަ ލިކުއިޑިޓީއަކީ ކޮބައިތޯ ސުވާލު ކުރިން،" ސައީދު ވިދާޅުވި އެވެ.

މެމްބަރު ސައީދު އެމްއެމްއޭގެ ގަވަރުނަރާ ސުވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގަ އެވެ.

ބީއެމްއެލްގެ ލިކުއިޑިޓީއާ ގުޅޭގޮތުން މެމްބަރު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ އެއީ 'ކޮންފިޑެންޝަލް' މައުލޫމާތު ކަމަށް ވުމުން އެ އަދަދު ހާމަކޮށްދެވެން ނެތް ކަމަށެވެ.

މީގެ އިތުރުން ޕެކޭޖްގެ ދަށުން ރިސޯޓްތަކާއި ބޮޑެތި ވިޔަފާރިތަކަށް ހުޅުވާލި ލޯނުގެ ފުރުސަތަށް ވެސް މެމްބަރު ސައީދު ވަނީ ފާޑުވިދާޅުވެފަ އެވެ.

"ފަސްލައްކައެއްހާ ޑޮލަރު ރިސޯޓަކަށް [ގާތްގަނޑަކަށް 45 ރިސޯޓަށް] ލިބިގެން އެމީހުންނަށް ފުރަތަމަ އެއް މަސް ދުވަހުގެ ހަރަދުވެސް ބަލަހައްޓާ ނުލެވޭނެ. އެއީ ކޮންޑިޝަންއަކަށް އެ ހަދަނީ ދިވެހި މެނޭޖްމަންޓަކަށް ތޯ ނުވަތަ ދިވެހި ރައްޔިތަކަށް ލިބިފައި އޮތް ރަށަކަށް ތޯ، މިކަންކަން ސާފުކޮށް، ކަނޑައެޅިގެން ބުނެދޭން އެނގޭވަރަކަށް ނެތް،" ސައީދު ވިދާޅުވި އެވެ

ކޮރޯނާވައިރަހުގެ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޫކުރާ 2.5 ބިލިއަން ރުފިޔާގެ ސްޓިމްލަސް ޕެކޭޖުގެ ތެރެއިން އެކި ދާއިރާތަކުން މިހާރު ފައިސާ ދޫކުރަން ވަނީ ފަށާފަ އެވެ.

އެ ޕެކޭޖުގެ ދަށުން އެސްޑީއެފްސީ މެދުވެރިކޮށް އަމިއްލަ މަސައްކަތްކުރާ މީހުންނަށް ދޫކުރާ ލޯނުގައި ގިނަވެގެން ދެނީ 18،000 ރުފިޔާ އެވެ. ތިން އަހަރުން އަނބުރާ ދައްކަން ޖެހޭ މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.

ކުދި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 500،000 ރުފިޔާ އެވެ.

މި ލޯނުގެ ޝަތުރުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އާމްދަނީ 10 މިލިއަނަށް ވުރެ އިތުރު ނުވުމާއި މިހާރު ދިމާވެެފައިވާ ހާލަތާ ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގައި ވެސް އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރުން ހިމެނެ އެވެ.

އިގްތިސާދީ ޕެކޭޖުގެ ދަށުން 10 މިލިއަން ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލްއިންނެވެ.

comment ކޮމެންޓް