މެލޭޝިއާ އިން ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅު: އެމްބަސީ

މެލޭޝިއާގައި ސިއްހީ ޚިދުމަތްތެރިއަކު މާސްކު އަޅައިގެން ---

މެލޭޝިއާ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީ އިން ބުނެފި އެވެ.

މެލޭޝިއާއިން ވައިރަހަށް ޕޮޒިޓިވްވި 416 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން މިރޭ ބުނީ، އެގައުމުގައި ދިވެއްސަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަން ކަމާބެހޭ ފަރާތްތަކުން އެމަބްސީއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން އެ ދިވެހި މީހާގެ ހާލުވެސް ރަނގަޅުކަމަށް ކަށަވަރުކޮށްދީފައިވާ ކަމަށް އެމްބަސީން ބުންޏެވެ.

"ދުއާއަކީ އެނާއަށް ފުރިހަމަ ސިއްހަތެއް މެދުވެރިކޮށްދެއްވުން،" އެމްބަސީން އެތަނުގެ ވައިބާ ގުރޫޕަށް ކޮށްފައިވާ މެސެޖްގައި ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިޔާގައި މިހާތަނަށް 4,228 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 67 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. އަދި 1,608 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.

އެގައުމުގައި ބަލި ފެތުރެމުން އަންނާތީ، ލޮކްޑައުންގައި އޮތް އެގައުމުން އަނބުރާ ރާއްޖެ އަންނަން ބޭނުން ދިވެހީން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އަދި މިހާތަަނަށް ވަނީ 200 މީހުންގެ އެއް ފްލައިޓު ބާއްވާފައެވެ. އަދި ރާއްޖެއިން ކާގޯ ފޮނުވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް