ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުކުރުމާ މެދު މިއަދު ގޮތެއް ނިންމަނީ

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން: ތިރީސް ދުވަހަށް ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް މިއަދު ގޮތެއް ނިންމާނެ - ސަން ފައިލް ފޮޓޯ / އަހްމަދު ސައީދު

އެއް މަސް ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން މިއަދު ގޮތެއް ނިންމާނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ރާއްޖެއަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މާޗު މަހުގެ 12 ވަނަ ދުވަަހު އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހަމަވާނީ މާދަމައަށެވެ.

ދަރުބާރުގޭގައި ގާއިމުކޮށްފައިވާ ނޭޝަނަލް އެމެޖެންސީ ރެސްޕޮންސް ސެންޓަރުގައި ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭގޮތުން މިއަދު ގޮތެއް ނިންމައި މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރައްވާނެ ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވޭނީ އާންމު ސިއްހަތައް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޑިރެކްޓާ ޖެނަރަލަށް ފެނިއްޖެ ހިނދެއްގައި އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން މިނިސްޓަރަށް ލަފާދޭ ޖެހޭ ހާލަތުގައެވެ.

މިއީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފުރަތަމަ ފަހަރެވެ. އެ ހާލަތު އިއުލާނު ކުރަން ޖެހުނީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމުގެ ރޯޅި ރާއްޖޭގެ އަސްކަނިތަކާއި ހަމައަށް ވާސިލްވުމުން އެ ބަލިން ރައްކާތެރިވުމުގެ ގޮތުންނެވެ.

comment ކޮމެންޓް