އާންމުން މޯބައިލް ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ނުބަހައްޓަން އަންގައިފި

ދިރާގުގެ ޓެކްނީޝަނުންތަކެއް މަސައްކަތުގައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ، ކޭމްއިން އަންގައިފި އެވެ.

އެ އޮތޯރިޓީން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށް އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތަށް ބާރުގަދަ ރިޕީޓަރު ފަދަ ތަކެތި ބޭނުންކުރުމުން އެ ބަހައްޓާ ތަނެއްގެ މޯބައިލް ސިގްނަލް ވަރުގަދަވި ނަމަވެސް، ރިޕީޓަރު ބަހައްޓާ މުޅި ސަރަހައްދުގެ މޯބައިލް ސިގްނަލަށް ނޭދެވޭ އަސަރު ކުރާކަމަށެވެ.

އެކަމުގެ ސަބަބުން ސަރަހައްދުގެ އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރަން އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޭމްއިން ބުނެފައިވަނީ މިކަމާ ގުޅޭގޮތުން މޯބައިލް ހިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަ އުޅޭނަމަ، އެކަން މޯބައިލް ހިދުމަތްދޭ ކުންފުނިތަކަށް އެންގުމުން އެ މައްސަލަ ހައްލުކޮށްދޭން އެ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް އިއުލާނުގައިވެ އެވެ.

ސިގްނަލް ލިބުމުގެ މައްސަލަ ހައްލުނުވާނަމަ، އެ އޮތޯރިޓީއަށް ހުށަހެޅުމުން މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށާއި އެފަދަ މައްސަލަތައް އެ އޮފީހުގެ ނަމްބަރު 3030300 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ހުށަހަޅަން ވަނީ އެދިފަ އެވެ.

comment ކޮމެންޓް