ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ނުވަ ޓަނުގެ ކެއާ ޕެކޭޖު

ލަންކާގައި ތިބި ދިވެހިންނަށް ފޮނުވާ ކެއާ ޕެކޭޖުތައް: 8.9 ޓަނުގެ ކެއާ ޕެކޭޖު ލިބިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނޭ -- ފޮޓޯ/މޯލްޑިވިއަން

އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ތަކެތި ފޮނުވަން ހުޅުވާލި ފުރުސަތުގައި 8.9 ޓަނުގެ ކެއާ ޕެކޭޖު ލިބިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ލަންކާގައި ތިބި ދިވެހި އާއިލާތަކަށް އެހީވުމަށްޓަކައި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުން ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސައި، އިއްޔެ ވަނީ ތަކެތި ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އިއްޔެ މާލޭގައި ތިބި އާއިލާތަކުން ލަންކާގައި ތިބި ދިވެހިންނަށް ފޮނުވަން 8.9 ޓަނުގެ ކެއާ ޕެކޭޖު ލިބިފައިވާ ކަމަށެވެ. މިހާރު މޯލްޑިވިއަންގެ ފްލައިޓް ކޮލަމްބޯއަށް ފުރަން އޮތީ ތައްޔާރުވެފަ އެވެ.

އާދިއްތަ ދުވަހު ފުރާ ފްލައިޓުން ލަންކާގައި ތިބި މީހުންނަށް ފޮނުވާ ތަކެތި ބަލައިގަތުން ކުރިއަށް ގެންދަނީ ކޮންމެ ހޮނިހިރު ދުވަހެއްގައެވެ. ތަކެތި ބަލައިގަތުމަށް ނިންމާފައި ވަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ކާގޯގެ ގޮތުގައި ފޮނުވޭނީ ލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ބޭނުންތަކަށް ފޮނުވާ ތަކެއްޗެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި:

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަތް ޕެކެޓް / ފަތް ޕެކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގައި ނުހިމެނޭނެ ތަކެތިވެސް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފަ އެވެ. އެއީ:

  • ފައިސާ
  • ރޯމަސް
  • ކޭކު
  • ހެދިކާ
  • މޭވާ
  • ތަރުކާރީ

ފަނަރަހާހަށްވުރެ ގިނަ ދިވެހިން ދިރުއުޅެމުން އަންނަ ލަންކާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެ ގައުމަށް އެއާޕޯޓު ވަނީ ބަންދުކޮށްފަ އެވެ. އަދި އެކި ސަރަހައްދުތަކަށް ބަހަލައިގެން ކާފިއު ދަނީ އިއުލާން ކުރުމުންނެވެ.

އެއާއެކު ގިނަ އިރުތަކެއްވަންދެން ޒަރޫޒީ ބޭނުމަށް ބޭނުންވާ ތަކެތި ގަތުމަށް ފިހާރަތަކުގައި ކިއުޖެހެން ޖެހެ އެވެ. އެތައް ގަޑިއިރަކު ކިއުގައި މަޑުކޮށް ފިހާރަތަކުން ބޭނުންވާ އެއްޗެހި ގަންނަން ފިހާރައަށް ވަންނައިރު ބޭނުންވާ ތަކެތި ނުލިބޭ ކަމަށް އެގައުމުގައި ދިރިއުޅޭ ދިވެހިން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް