ހދ. ވައިކަރަދޫއަކީ މީގެ ބައި ގަރުނުކުރިން، ސަރުކާރުން ހިންގި ދަނޑުވެރިކަމުގެ ބޮޑު ޕްރޮޖެކްޓެއްގެ ދަށުން ހަނޑޫ ހެއްދުމުގެ މަސައްކަތް ކުރި އެވެ. އެފަހަރު ކޮންމެސް ވަރަކަށް ހަނޑޫ ހެއްދުނު ނަމަވެސް، ބޭނުންވި ނަތީޖާއެއް ނުނެރެވުނެވެ. އެ ޕްރޮޖެކްޓު ނިމުމާއެކު ހަނޑޫ ހެއްދުމުގެ މަސައްކަތް ވެސް މާޒީވެގެން ދިޔަ އެވެ.
އެރަށު އިބްރާހިމް އަޝްރަފް (31އ)ގެ ހިތުގައި އުފެދުނު ސުވާލަކީ އެކަން ކުރެވިދާނެބާ އެވެ. އެ ސުވާލުތަކަށް ކޮންމެހެންވެސް ޖަވާބެއް ހޯދަން ބޭނުންވި އެވެ. އަމިއްލައަށް އެކަން ވޭތޯ ބަލާނަމޭ ހިތާ އަޝްރަފް އެ މަސައްކަތް ފެށި އެވެ.
އެއީ 2018 ވަނަ އަހަރުގެ މެދު ތެރެ އެވެ. ވައިކަރަދޫ ސްކޫލުގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު ޗުއްޓީއަށް ގައުމަށް ދިއުމުން، އަޝްރަފް އެދުނީ ޗުއްޓީ ނިންމާފައި އަންނަ އިރު ހަނޑޫ މުޑުވައް ކޮޅެއް ގެނެސްދިނުމަށެވެ. ބައި ކިލޯއެއްހާ މުޑުވައް ލިބުމާއެކު، ހަނޑޫ ހައްދާނެ ގޮތް ދަސްކޮށްގެން އެކަން ޓެސްޓު ކުރި އެވެ.
"އަސްލު ހެއްދޭނެތޯ ބަލާލަން ކުރި ކަމެއް. އެހެންވެ ވަރަށް ކުޑަ ޓޭންކެއްގަ ފުރަތަމަ މުޑުވައް އިންދީ. ޓޭންކެއްގެ ތެރޭގައި ރަބަރު ގަނޑެއް އަޅާފަ އޭގެ މައްޗަށް ކަޅު ވެލި އަޅާފަ ގެރި ގުއިކޮޅެއް އަޅާފަ ދެން ފެން އަޅައި ޗަކަ ކޮށްލާފަ ފެށީ،" ހަނޑޫ ހެއްދުމުގެ މަސައްކަތް ކުރި ގޮތް އަޝްރަފް ކިޔައިދިނެވެ.
ހަނޑޫ ހައްދަން އަޝްރަފް ބޭނުންކުރީ ބޮޑުމިނުގައި ހަތަރު ފޫޓު ހަ ފޫޓު ހުންނަ ޓޭންކެކެވެ. މުޑުވައް އިންދިތާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަޝްރަފްގެ ކުޑަ ދަނޑުން ހަނޑޫ ކެނޑޭވަރަށް ފޯދިއްޖެ އެވެ.
ބައި ކިލޯއިން ހެއްދި ދަނޑުން ފުރަތަމަ ފަހަރު އަޝްރަފަށް ދެ ކިލޯއެއްހާ ހަނޑޫ ކަނޑަން ލިބުނެވެ. އެ ކެނޑި ހަނޑުލުން އަމިއްލައަށް ބަތް ކައްކައިގެން ކާންވެސް ކެއެވެ.
ނަމަވެސް މުޑުވައްކޮޅު ގެއްލިދާނެތީ އޭގެން އެތިކޮޅެއް އަދިވެސް ކުޑަ ފުޅި ބުރިއެއްގައި ހައްދާފައި އެބަހުއްޓެވެ. ހަނޑޫ ހެއްދޭނެކަން ޔަގީންވި ނަމަވެސް ފަހުން މާބޮޑަށް އެކަމާ ނޫޅެވުމުގެ ސަބަބުން އޭރު ހެއްދި ކުޑަ ދަނޑު މިހާރަކު ނެތެވެ.
ނަމަވެސް އަޝްރަފް މިހާރު ތައްޔާރުވަމުން އަންނަނީ ބިމުގައި ހަނޑޫ ހެއްދޭތޯ ބަލާށެވެ. ކުރިން ހެދި ކުޑަ ޓެސްޓު މިފަހަރު ބޮޑުކޮށްލައި، ވިއްސަކަށް ފޫޓުގެ ބިމެއްގައި ހަނޑޫ ހެއްދުމުގެ މަސައްކަތް ފެށުމަށް، އެ ބިން ސާފުކުރުމުގެ މަސައްކަތް އަޝްރަފް އަންނަނީ ކުރަމުންނެވެ.
މިއީ ޗަކަ ބިމެއްގައި ކުރެވޭ ކަމަކަށް ވުމުން، އަބަދު ވެލިގަނޑު ތެތްކޮށް ބޭއްވޭނެ ގޮތްތައް ރާވައި، އަޝްރަފް އަންނަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. ބިމުގައި ހަނޑޫ ހައްދަން އަޝްރަފް މި ފަށާ މަސައްކަތް ކާމިޔާބު ވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައި މިކަން އިތުރަށް ފުޅާކުރާނެކަމަށް އަޝްރަފް ބުންޏެވެ.
ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވަމުން އަންނަ ދަތިކަމާ ގުޅިގެން ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން އަންނަނީ ބާރުއަޅަމުންނެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ އެ އިރުޝާދަށް ބޯލަނބައި ދަނޑުވެރިކަން ކުރަން ބިން ދޫކުރުމުގެ މަސައްކަތް ފަށައިފަ އެވެ.