ޓްރެވެލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހާ ގުޅިގެން މާލޭހިޔާ 2 ފުރަގަހުން އޮންނަ ހުސްބިމުގައި ގާއިމުކުރި ޓްރެވެލާސް ކްލިނިކް، ފްލޫ ކްލިނިކްއަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެއިން ފެށިގެން ޓްރެވެލާސް ކްލިނިކް ފްލޫ ކްލިނިކްއަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. މި ކްލިނިކުން ދިވެހިންނަށާއި ބިދޭސިންނަށްވެސް ހިދުމަތް ދޭނެއެވެ.

ކްލިނިކްގެ ހިދުމަތް ދޭނީ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ.

ހުން އައިސް ރޯގާގެ އަލާމާތްތައް ހުރިނަމަ ހޮސްޕިޓަލަށް ނުގޮސް ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފައެވެ.

މާލޭހިޔާ ފުރަގަހުގައި ޓްރެވަލް ކްލިނިކެއް ގާއިމުކުރީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންގެ ތެރެއިން ރޯގާގެ އަލާމާތްތައް ފެންނަ މީހުންނަށް ހާއްސަ ކޮށްގެންނެވެ. ނަމަވެސް މިހާރު ރާއްޖެއިން ބޭރުން އަންނަ މީހުން ރާއްޖެ އައުމުން ގެންދަނީ ކަރަންޓީނު ފެސިލިޓީތަކަށެވެ.

ރޯގާ އަދި ހުން އައިސްފައި ހުންނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ސެނެހިޔާ ހޮސްޕިޓަލުގައިވެސް ފްލޫ ކްލިނިކެއް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ބިދޭސިންނަށް ހާއްސަ ފްލޫ ކްލިނިކެއް ވަނީ ގާއިމު ކޮށްފައެވެ.

ރާއްޖެއިން ކޮރޯނާވައިރަސް ޖެހިފައިވާ 19 މީހަކު ފެނިފައިވާއިރު 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ.

comment ކޮމެންޓް