ރާއްޖެ އިން ނުލިބޭ ބޭސްތައް އެސްޓީއޯ ހެންވޭރު ފާމަސީން ގެނެސްދޭނެ: ސަރުކާރު

އެސްޓީއޯ ހެންވޭރު ފާމަސީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުން ބޭނުންކުރާ ބޭސް ރާއްޖެ އިން ލިބެން ނެތް ނަމަ އެ ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީން ގެނެސްދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ބޭސް ރާއްޖެ އިން ލިބެން ނެތް ނަމަ އެ ބޭސް އެސްޓީއޯ އިން ރާއްޖެ ގެނައިސް ދޭނެ ކަމަށެވެ.

"ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތައް ރާއްޖެއިން ނުލިބޭ ބޭސްތައް ބޭނުންކުރައްވާ ބޭފުޅުންގެ ކަންތައް މިހާރު ހަމަޖައްސައިދެއްވަނީ އެސްޓިއޯ ފާމަސީން. އެސްޓީއޯގެ ހެންވޭރު ފާމަސީއަށް ދާން ޖެހޭނީ ޕްރިސްކްރިޕްޝަން ހިފައިގެން. މާނައަކީ ކުރިން ސުރެން ލިބިފައި ހުރި ބޭސް ސިޓީ ހިފައިގެން ވަޑައިގަތީމަ އެ ބޭފުޅުން މީގެ އިންތިޒާމްތައް ރާވައިދޭ،" މަބްރޫކް ވިދާޅުވި އެވެ.

އާސަންދަ ނުވަތަ އެންސްޕާގެ އެހީގައި ހޯދާ ބޭހެއް ނަމަ އެ ތަނުގެ ކޯޓޭޝަން އާއި ލިޔެކިޔުންތައް އެސްޓީއޯގެ ހެންވޭރު ފާމަސީއަށް ހުށަހެޅުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފަ އެވެ.

އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ބޭސް އެ ގައުމުން ރާއްޖއަށް ވަނީ ގެނެސްދީފި އެވެ. މއިީ އިންޑިއާގެ އެކި ސަރަހައްދުތަކުން އެސްޓީއޯއިން އޯޑަރުކޮށްފައިވާ ބޭސްތަކެކެވެ. ނަމަވެސް އެތަކެތި ގެނެވޭނެ ގޮތެއް ނެތިގެން އެ ބޭސްތައް ރާއްޖެއަށް ގެނެސްފައިވަނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ޒަރޫރީ ބޭސްތައްވެސް ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް