އެގްރިސެންޓަރު ހުޅުވައި ދަނޑުވެރިންގެ އުފެއްދުންތައް އަންނަ މަހު ގަންނަން ފަށަނީ

ދަނޑަށް މީހަކު ފެން ޖަހަނީ: މޭވާ އާއި ތަރުކާރީގެ ކޮލެޓީ ހިފެހެއްޓުމަށް ދަނޑުތައް ބަލަހައްޓަން ޖެހެނީ ފަރުވާތެރިކަމާއެކު-- ސަން ފޮޓޯ/

ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި އަންނަ މެއި މަހު ގަންނަން ފަށާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެސްޓީއޯ އެގްރި ސެންޓަރު ހުޅުވައި ރާްއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އެތަނުން ގަންނަން ފަށާނެ ކަމަށެވެ.

"މި މަސައްކަތް ފަށަން ރާވާފައި އޮތީ އެގްރި ސެންޓަރު ނިންމާލެވުނީމަ. މިހާރު ވެސް އެ މަސައްކަތް ދަނީ ކުރެވެމުން. އެތަން އެގޮތަށް (ތަރުކާރީ އާއި މޭވާއާ ރަނގަޅަށް ބަހައްޓަން) ރޭވުމުގެ މަސައްކަތް. އެކެއް މޭގައި އެތަން އަޅުގަނޑުމެން ހުޅުވާލާނަން. އޭގެ ކުރިން އިއުލާނު ކުރާނަން ގަންނާނެ އެއްޗެހީގެ ލިސްޓާއި ގަންނާނެ އަގު،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު-- ސަން ފޮޓޯ/ފަޔާޒު މޫސާ

ނޯތު ހާބަރު ކުރިމަތީގައި ހުޅުވާ އެ ސެންޓަރުން ރާއްޖޭގައި ދަނޑުވެރިން އުފައްދާ ތަކެތި ގަތުމުގެ އިތުރުން އެތަކެތި ހޯލްސޭލްކޮށް ވެސް ވިއްކަމުންދާނެ އެވެ. އަދި ރީޓެއިލްކޮށް އެތަކެތި ވިއްކާނީ އެސްޓީއޯ ސުޕަމާކެޓުންނެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ އެގްރިސެންޓަރުން ދަނޑުވެރިން ހައްދާ ތަކެތި ގަންނާނީ މާކެޓުގައި ހުރި އަގުތަކަށް ވުރެ ރަނގަޅު އަގުތަކުގައި ކަމަށެވެ.

"ވިސްނުމުގައި ހުރީ ދަނޑުވެރިކަން ފުޅާކުރަން. ތަކެތި ހައްދަން މީހުންނަށް ހިތްވަރުދިނުން. އެހެންވެ އަގު އިއުލާނުކުރާއިރު ކުރާނީ ހަމަގައިމު ވެސް މާކެޓްގައި ހުރި އަގަށްވުރެ ރަނގަޅު އަގުގައި. މިކަން މިކުރަނީ ވިޔަފާރިއެއް ކުރުމުގެ ނިޔަތުގައެއް ނޫން. އެ އޭންގަލުން ވިސްނައިގެން މިކަން ކުރެވެން އޮތީ." އަމްރު ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި މި ދުވަސްވަރު ދަތިތަކެއް ދިމާވަމުންދާއިރު، ދަނޑުވެރިކަން ފުޅާކޮށް، ދަނޑުވެރިން ހައްދާ ތަކެތި ބާޒާރަށް ނެރުމަށް ކުރާ މި މަސައްކަތުގެ ސަބަބުން އެސްޓީއޯއިން އިމްޕޯޓު ކުރަން މިހާރު ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

ދަނޑުވެރިން އުފައްދާ ތަކެތި ގަތުމަށް ހުޅުވާ އެސްޓީއޯ އެގްރިސެންޓަރާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރާއްޖެއަށް ޓޫރިޒަމުންނާއި މަސް އެކްސްޕޯޓުކޮށްގެން ލިބޭ ފައިސާ އަނެއްކާ ގައުމުން ބޭރަށް ފޮނުވާލަން މި ޖެހެނީ ކާ އެއްޗެހި ގަންނަން. އޭގެ ބަދަލުގައި އަމިއްލައަށް ކާބޯތަކެތި ހައްދައިފިނަމަ އެއްކަލަ ފައިސާއަކީ ބޭރަށް ނުފޮނުވައި، ގައުމުގެ އެހެން ކަންކަން ކުރަން ބޭނުންކުރެވޭނެ ފައިސާ." އަމްރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ދަނޑުވެރިން ހައްދާ ތަކެތި ގަންނާނެ ގޮތުގެ ތަފްސީލު ވެސް އެސްޓީއޯއިން ހިއްސާކުރި އެވެ.

އެގްރިސެންޓަރަށް ތަކެތި ވިއްކުމުގެ ކުރިން ދަނޑުވެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ވާން ޖެހެ އެވެ. މިކަމަށް ބޭނުންވާ ފޯމު އެސްޓީއޯ ވެބްސައިޓާއި ފާމަސީތަކުގެ އިތުރުން އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފިހާރަތަކުން ލިބޭނެ އެވެ.

ފޯމު ޕްރޮސެސް ކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ކޮންމެ ދަނޑުވެރިއަކަށް ވެސް ދަނޑުވެރިކަމުގެ އައިޑީއެއް އެސްޓީއޯއިން ދޫކުރާނެ އެވެ.

ދަނޑުވެރިން ހައްދާ ގޮވާން ބޯޓަށް އެރުވުމުގެ ކުރިން އެތަކެތި ރަނގަޅަށް ލޭބަލް ކުރަންޖެހޭނެ އެވެ. ލޭބަލްކުރާ އިރު ދަނޑުވެރިކަމުގެ އައިޑީ ނަންބަރު ޖަހަން ޖެހޭނެ އެވެ.

ގޮވާން ބޯޓަށް އެރުވުމަށްފަހު އެތަކެތީގެ ތަފްސީލު (އަދަދު، ބަރުދަން) އަދި ދޯނީގެ ނަމާއި ދޯނި ފުރާ ތާރީހު ކަނޑައަޅާ ހޮޓްލައިނަށް އަންގަން ޖެހެ އެވެ.

ބޯޓުން މުދާ ގެންނާނީ ކަނޑައަޅާފައިވާ ކަލެކްޝަން ޕޮއިންޓާ ހަމައަށެވެ. އަދި ފޮނުވާ ތަކެތީގެ ތެރެއިން ހަލާކުވެފައި ހުންނަ ތަކެތި ބަލައިނުގަންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެއަށްފަހު އެސްޓީއޯއިން ކިރާ ތަކެތީގެ ބަރުދަނާއި އެތަކެއްޗަށް ދަނޑުވެރިޔާ ލިބޭނެ އުޖޫރަ ވެސް މެސެޖަކުން ދަނޑުވެރިޔާއަށް އަންގާނެ އެވެ. އަދި ދެ ދުވަސް ތެރޭގައި ދަނޑުވެރިޔާއަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ތޮއްޑޫގެ ކަރާ ދަނޑުތައް-- ސަން ފޮޓޯ

މެއި މަހު އެސްޓީއޯ އެގްރިސެންޓަރު ހުޅުވައި، މާކެޓު އަގުތަކަށް ވުރެ ރަނގަޅު އަގުތަކުގައި ދަނޑުވެރިން ހައްދާ ގޮވާން ގަންނަން އެސްޓީއޯއިން ތައްޔާރުވަމުން އަންނައިރު، އެ ސެންޓަރު ހުޅުވުމުގެ ކުރިން ގަންނާނެ ގޮވާމުގެ ބާވަތްތަކާއި އެތަކެތި ގަންނާނެ އަގުތައް އެސްޓީއޯއިން އިއުލާނު ކުރާނެ އެވެ.

ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުން ހިމެނެ އެވެ.

comment ކޮމެންޓް