ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ހާލަތާ މެދު ބިރު ގަންނަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ކޮރޯނާ ވައިރަސްގެ ސަބަބުން ހާލު ބޮޑުވެފައިވާ ބަލި މީހަކަށް އެމެރިކާގައި ފަރުވާދެނީ

ވޮޝިންޓަން (2 އެޕްރީލް 2020) : އެމެރިކާގައި ބިރުވެރި މިންވަރަކަށް ކޮރޯނާ ވައިރަސް "ކޮވިޑް19" ފެތުރިފައި ވެދާނެކަމަށާއި އެމެރިކާގެ ހާލަތާމެދު ބިރުގަންނަ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ޓަކައި އެމެރިކާގައި އުފައްދާފައިވާ ޓާސްކް ފޯސް ކޮމިޓީން ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން އެއް ދުވަހުގެ ތެރޭގައި އެއްހާހަށް ވުރެ ގިނަ މީހުން މަރުވުމަކީ ހިތްދަތި ކަމެއްކަމަށާއި މިއާ އެކު އެމެރިކާގައި ބިރުވެރި މިންވަރަކަށް ކޮރޯނާ ވައިރަސް ފެތުރިފައި ވެދާނެކަމުގެ ބިރު އިހްސާސް ކުރައްވާ ކަމުގައެވެ.

އަދި ކޮރޯނާ ވައިރަސްގެ ލަފާކުރުންތަކާއި ތަފާސްހިސާބުތަކުން ދައްކަނީ ބިރުވެރި މަންޒަރުތަކެއްކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. މީގެއިތުރުން އެންމެ ކަންބޮޑުވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން އެމެރިކާއަށް ލިބިދާނެ އިގްތިސާދީ ގެއްލުންތަކަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕަކީ ކުރިން ކޮރޯނާ ވައިރަސްއަކީ ޗައިނާގެ އެއްޗެއް ކަމަށް ވިދާޅުވެ އެއީ މާބޮޑު ނުރައްކަލެއް ކަމަށް ގަބޫލުކުރަން ދެކޮޅު ހެއްދެވި ބޭފުޅެކެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން އެމެރިކާގައި މަރުވި މީހަކު ގެންދަނީ އެމެރިކާގެ ޖޯންޒް ހޮޕްކިންޒް ޔުނިވާސިޓީން އެކުލަވާލާފައިވާ ކޮވިޑް-19 ލައިވް ޓްރެކާގެ ރެކޯޑްތައް ދައްކާގޮތުން އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި 1049 މީހުން މަރުވެފައިވެ އެވެ. މީގެތެރެއިން 90 އިންސައްތަ މީހުން މަރުވީ ނިޔުޔޯކުންނެވެ. އެމެރިކާގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ ނިޔުޔޯކް، ނިއުޖާސީ އަދި ކޮނިޓިކެޓް ގައެވެ. ނިއުޔޯކަށް ބަލާއިރު އެސްޓޭޓުން މިހާތަނަށް 83،901 މީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެ އޭގެތެރެއިން 2،219 މީހުންވަނީ މަރުވެފަ އެވެ.

ޖޯންޒް ހޮޕްކިންޒް ޔުނިވާސިޓީން ކުރިޔަށް ގެންދާ ކޮވިޑް-19 ލައިވް ޓްރެކާގެ ރެކޯޑްތައް ދައްކާގޮތުން އެމެރިކާގައި މިހާތަނަށް ވަނީ 215،300 މީހުންނަށް ކޮރޯނާ ވައިރަސް ޖެހި އޭގެތެރެއިން 5،110 މީހުން އެރޯގާގައި މަރުވެފަ އެވެ. މިއާއެކު އެމެރިކާވަނީ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު ކަމަށްވެސް ވެފަ އެވެ.

އެމެރިކާ ފިޔަވައި ދެން ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނި އިޓަލީގަ އެވެ. އިޓަލީގައި 110،574 މީހުންނަށް އެރޯގާ ޖެހި 13 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. މީގެކުރިން ކޮރޯނާ ވައިރަސް ޖެހިގެން 24 ގަޑީއިރު ތެރޭގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީންނެވެ. މާޗް 27 ގައި އިޓަލީން 24 ގަޑީއިރު ތެރޭގައި 919 މީހުން އެރޯގާގައި މަރުވެފައިވެ އެވެ. ނަމަވެސް އިއްޔެ އެމެރިކާއިން ވަނީ 24 ގަޑީއިރު ތެރޭގައި 1،049 މީހުން ކޮރޯނާ ވައިރަސްގެ ސަބަބުން މަރުވެފަ އެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ އެމެރިކާގައި ކަމަށްވާ އިރު އެންމެ ގިނަ ބަޔަކު 24 ގަޑީއިރު ތެރޭގައި އެ ރޯގާއަށް ޕޮޒިޓިވް ވެފައިވަނީ ވެސް އެމެރިކާގަ އެވެ. އެމެރިކާގައި ފާއިތުވި 24 ގަޑީއިރު ތެރޭގައި 26473 މީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވެއެވެ.

ޓްރަމްޕް

އެމެރިކާގައި ކޮރޯނާ ވައިރަސް ނުރައްކާތެރި ހާލަތަކަށް ގޮސްފައި ވަނީ އިހުމާލާއި އަޅައިނުލުމާއި ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން ކަމަށް ތަޖްރިބާކާރުން ވިދާޅުވާއިރު ރައީސް ޑޮނަލްޑް ޓްރަމްޕާއޮ ކޮންގްރެސްގެ ބައެއް މެންބަރުން ވަނީ ޗައިނާއިން ކޮރޯނާ ވައިރަސްގެ ތަފާސް ހިސާބުތައް ސިއްރު ކޮށް އަދި އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވައި ޗައިނާއަށް ބަހުގެ ޙަމަލާތައް ދެއްވަން ފައްޓަވާފަ އެވެ.

ޓްރަމްޕާއި އެމެރިކާގެ ސިޔާސީ ބޭފުޅުން ޗައިނާއަށް ބަހުގެ ހަމަލާތައް ދެއްވަނީ ކޮރޯނާ ވައިރަސް އާ ކުރިމަތިލުމަށް އެމެރިކާ ނުކުޅެދުމުގެ ސަބަބުން ބޮޑު ލަދެއް އެމެރިކާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެއިތުރުން އެމެރިކާއިން އަހަރަކު 3.3 ޓްރިލިޔަން ޑޮލަރު (އެމެރިކާގެ ޖީޑީޕީ ގެ 11 އިންސައްތަ) ސިއްޙަތަށް ޚަރަދުކުރާއިރު އެމެރިކާގައި ސިއްޙީ އެއްވެސް އިންޝުއަރެންސެއް ނެތި 28 މިލިޔަން ރައްޔިތުން ތިބިކަންވެސްވަނީ ބޭޒާރުވެފައެވެ. އަދި އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން 3.3 ޓްރިލިޔަން ޑޮލަރު ސިއްޙަތަށް ޚަރަދުކުރާއިރު އޭގެ ބޮޑު ބައި ދަނީ މުއްސަނދިން ކޮންޓްރޯލްކުރާ އިންޝުއަރެންސް ކުންފުނިތަކަށާއި ބޭސް އުފައްދާ ކުންފުނިތަކަށްކަން ވެސް ވަނީ ބޭޒާރުވެފަ އެވެ.

ކޮރޯނާ ވައިރަސް އެމެރިކާގައި ފެތުރިގެން ދިޔުމާއެކުގެ ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންޥާ ރައްކާތެރިކަމުގެ ވަސީލަތްތަކާއި އެނޫން ވެސް ސިއްޙީ ރައްކާތެރިކަމުގެ ސާމާނުތަކާއި ވެންޓިލޭޓަރު ފަދަ ތަކެތި އެމެރިކާގައި އާދަޔާ ޚިލާފަށް މަދު މައްސަލަ ފެންމަތިވިއެވެ. މިއާއެކު ޗައިނާއާއި ރަޝިއާގެ ފަދަ ގައުމުތަކުގެ އެހީ ހޯދަން އެމެމެރިކާއަށްވަނީ ޖެހިފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް