އިސްރާއީލުގެ ހެލްތު މިނިސްޓަރުގެ ދެކަނބަލުންނަށް ކޮރޯނާ ޖެހިއްޖެ

އިސްރާއީލުގެ ސިއްހަތާބެހޭ ވަޒީރު ޔައުގޫބު ލިޓްސްމަން އާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ޓެލްއަވީވު (2 އެޕްރީލް 2020): އިސްރާއީލުގެހެލްތު މިނިސްޓަރު ޔައުގޫބު ލިޓްސްމަންއާއި އޭނާގެ އަނބިކަނބަލުންނަށް ކޮރޯނާވައިރަސް ޖެހިއްޖެއެވެ.

އިސްރާއީލުގެ ރަސްމީ ފަރާތްތަކާ ހަވާލައިދީ "ޓައިމްސް އޮފް އިޒްރޭލް"އިން ބުނީ ލިޓްސްމަންއާއި އޭނާގެ އަނބިކަނބަލުންގެ ފަރާތުން ކޮވިޑް19ގެ އަލާމާތްތައް ފެނުމާއެކު އެ ދެބޭފުޅުން ޓެސްޓްކުރުމުން އެ ދެބޭފުޅުންވެސް އެ ރޯގާއަށް ޕޮޒިޓިވް ވެފައިވާ ކަމުގައެވެ. އުމުރުން 71 އަހަރުގެ ޔައުގޫބަކީ އިސްރާއީލުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޔަހޫދީތު ހޮތަވްރާތު ޕާޓީގެ ޒައީމެވެ.

ޔައުގޫބު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވިކަން ޓެސްޓްތަކުން ކަށަވަރުވިއިރު އޭނާ އުޅުއްވަނީ ބަލިވެއެވެ. ޔައުގޫބާއި އޭނާގެ އަނބިކަނބަލުންނަށް ފަރުވާދެނީ އެކަހެރިކޮށް ބައިތިއްބައިގެން ކަމަށާ ނަމަވެސް އެދެބޭފުޅުންގެ ހާލަތު ކުރިޔަށްވުރެ ބޮޑަށް ގޯސްނުވާކަމަށް އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

ޓައިމްސް އޮފް އިޒްރޭލްގައި ބުނާ ގޮތުން އިސްރާއީލުގައި ކޮރޯނާވައިރަސް ފެތުރެމުންދާ މި ދުވަސްވަރު ޔައުގޫބު އުޅުއްވީ އާންމުންގެ ތެރެއަށް ވަރަށް ބޮޑަށް ނުކުމެވަޑައިގެންނެވެ. ޔައުގޫބުގެ އަނބިކަނބަލުންނަށް ކޮރޯނާވައިރަސް ޖެހުނީ އޭނާގެ ފަރާތުންކަމަށް ބެލެވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތުން މަސައްކަތްކުރައްވާ މުސްތަޝާރު ރުބެކާ ބޮލްވޮޝްވެސް ދާދި ފަހުން ވަނީ ކޮރޯނާއަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ނަތަންޔާހޫވެސް ކަރަންޓީނުގައި އުޅުއްވިއެވެ. އޭގެ ފަސް ދުވަސްފަހުން ކުރި ޓެސްޓުތަކުން ނަތަންޔާހޫ ވަނީ ކޮރޯނާއަށް ނެގެޓިވް ވެފައެވެ.

އިސްރާއީލުގައި 6،000 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހި އޭގެތެރެއިން 26 މީހުން ވަނީ މަރުވެފައެވެ. އިސްރާއީލުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ސިފައިންނާއި ޑިޕްލޮމެޓުންވެސް ހިމެނެއެވެ.

ސްޕެއިންގައި ހުންނަ އިސްރާއީލުގެ އެމްބަސީގެ މުވައްޒަފުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވުމުން އެ އެމްބަސީ ވަނީ ބަންދުކޮށްފައެވެ. އަދި ޖަރުމަނުގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޖެރެމީ އިސަކަރޯވްއާއި އޭނާގެ ނައިބަށްވެސް ކޮރޯނާވައިރަސް ޖެހުމުން އެ އެމްބަސީވެސް ވަނީ 14 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ. (ޓައިމްސް އޮފް އިޒްރޭލް)

comment ކޮމެންޓް