ބަޖެޓް 12 ބިލިއަން ރުފިޔާއިން ދަރަނި ވެދާނެ: މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --

ކޮރޯނާވައިރަހުގެ ހާލަތާ ގުޅިގެން ޓޫރިޒަމަށް އަސަރުކޮށްފައިވާތީ، ދިވެހި ދައުލަތުގެ މިއަހަރުގެ ބަޖެޓް 12 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ވައިރަސްއާ ގުޅިގެން ސަރުކާރުން ފުރަތަމަ ކޮށްފައިވާ ބަޖެޓުގެ އަންދާޒާތަކަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް ދަށްވެ، ބަޖެޓަށް މިއަހަރު ލިބޭނެ ކަމަށް ލަފާވާ، 30 ބިލިއަން ރުފިޔާ ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިންވެސް ފާހަގަ ކުރަމުން އައިން ސަރުކާރަށް ލިބޭ އާމްދަނީއިން ވެސް ވަރަށް ބޮޑުތަނުން ދަށްވެގެން އެބަދޭ. އަޅުގަނޑުމެންގެ ބަޖެޓް ގެ އަންދާޒާ އަކީ، ހިލޭ އެހީ އާއި ނޮން ޓެކްސް ރެވެނިއު ހިމަނައިގެން 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް. އެހެން ނަމަވެސް، މިހާރު ލަފާވަނީ އޭގައި [ބަޖެޓްގައި] 12 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އޮންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޓުއަރިސްޓް އެރައިވަލްވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު 50 އާއި 37 ޕަސެންޓާ ދެމެދުގައި ދަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު 5.7 ޕަސެންޓުން ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިއީ އެއްވެސް ބަޔަކު އަންދާޒާކޮށްގެން އައި ހާލަތެއް ނޫން. މިއީ ކުއްލިއަކަށް އަޅުގަނޑުމެން، މުޅި ދުނިޔޭގައިވެސް އިގްތިސޯދު އައުޓްލުކް ހަމަ ނެގެޓިވް ވެގެން މި ދިޔައީ،" އަމީރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. މީގެ ކުރީން ވަނީ ސަރުކާރުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ މަދު ކުރުމަށް ނިންމާފަ އެވެ. އަދި މިހާރު އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދަކަށް ރިކަރަންޓް ހަރަދު ކުޑަކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ބަޖެޓު ޑެފިސިޓް އަށް ފައިނޭންސް ކުރަން އެތޭރޭގެ ފަރާތްތަކުން އަދި ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ވޯލްޑް ބޭންކް މެދުވެރިކޮށް އެހީތެރިކަން ހޯދުމަށް ތައްޔާރުކަމަށް އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ފައިސާ ދޭން ކޮމިޓްމަންޓުތަކެއް މިހާރުވެސް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ ފަންޑުތަކުގެ ލިޔެކިޔުންތައް އަދި ނުނިމޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް