މަ ލޯތްބެއް ދެން ނުވާނަމޭ... -34

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

ފަތިހު އައިރީން ހޭލިއިރު ވާރޭ ވެހެއެވެ. އޭނާ ނަމާދަށް ދާން އިޔާންއަށް ގޮވާލާފައި ގޮސް ބެލްކަންޏަށް ނުކުމެލިއެވެ. ވާރޭ ވެހެނީ މާ ބޯކޮށް ނޫނަސް ތެމޭހާވެއެވެ.

ވާރޭގެ އެ ހިތްގައިމު މިއުޒިކީ އަޑު އަހަން ހުރިއިރު އޭނާގެ ވިސްނުން އެ ވީޑިއޯ އާ ގުޅިގެން ދިޔައެވެ. ޖަހާލި ވިދުވަރާއެކު ކުއްލިއަކަށް އޭނާގެ ކަންފަތް ބުޑުގައި ކުޑަ ކުއްޖަކު ހަޅޭއްލަވައި ގަތްފަދަ އިޙްސާސްއެއްކުރެވި ސިހުނު އައިރީން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު އިޔާން ފާހާނާއިން ނުކުންނަނީއެވެ. އެ އޮތް ފިނީގައިވެސް އައިރީންގެ ނިތުން ދާ ތިކިތައް ފައިބަން ފެށިއެވެ. ހިތް ތެޅެމުން ދިޔަލެތް ބާރުކަމުން ހީވަނީ މޭ މަޅާފައި ބޭރަށް ފުންމާލަފާނެހެންނެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އިޔާންގެ ގަމީހުގައި ފަހަތުން ހިފައްޓާ ބޮނޑިކޮށްލިއެވެ. އޭރު އޭނާގެ ދެއަތް ވެސް ތުރު ތުރު އަޅައެވެ.

"ރީން... ކިހިނެއްވީ؟" އިޔާން އައިރީންއާ ދިމާލަށް އެނބުރިލާ އައިރީންގެ އަތުގައި ހިފައްޓާލަމުން ސުވާލުކޮށްލިއެވެ.

"ނޭނގެ... ނޭނގެ" އައިރީންގެ އަޑު ނުކުތީ އުނދަގުލުން ނަމަވެސް އެ އަޑުގައި ވި ބިރުވެރިކަން އިޔާންއަށް އިޙްސާސް ކުރެވުނެވެ. މަޑުމަޑުން އައިރީންގެ ތުރުތުރު އަޅަމުން ދިޔަ އަތް އޭނާގެ އަތުގެ ތެރެއަށް ގެނެސް، ދެވަނަ ފަހަރުވެސް ވީ ގޮތާ ބެހޭގޮތުން އިޔާން ސުވާލުކުރިއެވެ.

"މީހަކު ހަޅޭއްލަވައިގަތީ.... " އައިރީން އެންމެ ފަހުން ބުނެލިއެވެ.

"ކާކު؟ ކޮންތާކު ހުރި މީހެއް؟" އިޔާން ސުވާލުކޮށްލިއެވެ.

"ނޭނގެ... ކުޑަ ކުއްޖެއް" އައިރީން ބުނެލިއެވެ. ކޮންމެވެސް ވަރަކަށް ވީ ގޮތް އެނގުނު އިޔާން އައިރީން ގެނެސް އެ މޭގައި ލައްކޮށްލައިގެން އިރުކޮޅަކު ހުއްޓެވެ. އައިރީންގެ ސިކުނޑީގައި ރައްކާކުރެވިފައިވާ ހަނދާންތައް ނުކުތުމަށް މަސައްކަތް ކުރަނީއެވެ. އެ އުނދަގޫތައް އެ ދިމާވަނީ އެހެންވެގެންކަން އިޔާންއަށް ވެސް އެނގެއެވެ. މި ވަގުތު އޭނާގެ އެހީތެރިކަން އިންތިހާއަށް އައިރީންއަށް ބޭނުންވާނެކަން އިޔާން ދަނެއެވެ. އަނެއްކޮޅުން އައިރީންގެ ސިކުނޑިއަށް ވެސް ކޮންމެވެސް ވަރެއްގެ ރެސްޓެއް ބޭނުންވާނެއެވެ.

އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އޭނާ އައިރީން ދުރުކޮށްލިއެވެ. ނަމާދަށް ދާން ވެގެން ކޮޓަރިން ބޭރަށް ނުކުތް އިރު ވާރޭވެސް ބޯ ކޮށްވެހެއެވެ. އެހެންވެގެންނާއެކީ އައިރީން އެކަނި ނުކުރަންވެގެން، އިޔާން ގަސްތުކުރީ މިއަދު ގޭގައި ނަމާދުކޮށްލުމަށެވެ.

އެނބުރި ކޮޓަރިއަށް ވަތް އިރު އައިރީން ވިސްނުމަކަށް ގެއްލިފައި ހުރިތަން ފެނުނެވެ. އެހެން ހުރި އިރު އިރުއިރު ކޮޅަކާ ފުންނޭވައެއް ލާ ފާނެއެވެ. ނޫނީ ދެލޯ މަރާ ބާރުކޮށްލަފާނެއެވެ.

"ރީން" އިޔާން އައިރީންއަށް ގޮވާލީ ދާދި ގާތަށް އައިސް ހުއްޓިފައެވެ.

"މިސްކިތަށް ނުދަނީތަ؟" އިޔާންގެ އަޑަށް ސިހިފައި ބަލާލި އައިރީން ސުވާލުކޮށްލިއެވެ.

"ވަރަށް ބޯކޮށް ވާރޭ ވެހޭއެބަ... އެހެންވީމަ މިރޭ ދެން ގޭގަ ނަމާދުކޮށްލާނީ ދޯ" އިޔާން ހިނިތުންވެލިއެވެ.

އިޔާން ނަމާދުކޮށް ނިމުމުން އައިރީން ތިރިއަށް ފޭބީ ކޮފީއެއް ހަދާލުމުގެ ބޭނުމުގައެވެ. ދެ ކޮފީ މަގު ހިފައިގެން އޭނާ އެނބުރި މައްޗަށް އެރިއިރު އިޔާން ހުރި ބެލްކަނީގައެވެ. ވާރޭގެ މަންޒަރަށް ގެއްލިފައި ހުރި އިޔާންގެ ފަހަތުގައި މީހަކު ހުރި ކަހަލަ އިޙްސާސްއެއް ކުރެވި އޭނާ އެނބުރިލިއެވެ. އައިރީންފެނި ހިނިތުންވެލާ، އެއް ކޮފީ މަގުގައި އޭނާ ހިފިއެވެ. އެއަށްފަހު އޭގެން އެތިފޮދެއް ބޯލިއެވެ.

"ސޯ އަހަރެން ހިރަށް މި އަރަނީ... ދުވަސްކޮޅަކަށް އެކޮޅަށް ބަދަލު ވާންވިއްޔޭ.... " އިޔާން އޭނާގެ ވާހަކަ ފެށިއެވެ.

"ތިބުނީ؟ ކޮންތާކަށް؟" އައިރީންގެ އަޑުގައި ހައިރާންކަން ވެއެވެ.

"މި ބުނީ ރާއްޖޭން ބޭރަށް... ކެނެޑާ އަށް ނޫނީ އޮސްޓްރޭލިޔާއަށް... " އިޔާން އައިރީންއަށް ބަލާލިއެވެ.

"އެ ކީކުރަން؟" އައިރީން ކޮށްލީ ސުވާލެކެވެ.

"ދެން ހަމަ ޖައްސައިލަން... އެކޮޅުގަ ތިން މަސް ކޮށްލާފަ އަންނާނީ" އިޔާން އަނެއްކާވެސް ކޮފީ މަގުން އެތިފޮދެއް ބޯލިއެވެ.

އެއަށްފަހު އައިރީންގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އޭނާ ބޭނުންވަނީ މި މާހައުލާ ދުރަށް އައިރީން ގެންދާށެވެ. ސިކުނޑި ހަމަ ޖައްސާލާ ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ.

"އޭރުން އޮފީހޯ؟" އައިރީން ސުވާލުކޮށްލުމުން އިޔާން ބުނީ އޭނާ އެކަންތައް ހަމަ ޖައްސާނެ ކަމަށެވެ.

"ދެން ހިނގާބަލަ... އަހަންނާއެކު ދާން ބޭނުންނުވަނީތަ؟ ނޫނީ ޒެލް މެން ގޮވައިގެން ވެސް ދެވިދާނެ" އިޔާން ހިޔާލެއް ދިނެވެ.

"އޮސްޓްރޭލިޔާއަށް ދަމާ... އޯކޭ ވާނެ ދެމީހުން އެކަނި ދިޔަޔަސް" އައިރީން އެއްބަސްވިއެވެ.

"އަހަރެން ބައްޕައާ ވާހަކަ ދައްކާނަން... " އިޔާން ބުނެލިއެވެ. އައިރީން ބޯ ޖަހާލިއެވެ.

އެ ދުވަހު އިޔާން އެކަމާ ބެހޭގޮތުން ފަލަކްގެ ހިޔާލެއް ހޯދިއެވެ. ފަލަކްއަށްވެސް އެ ހިޔާލު ކަމުދިޔައެވެ. ޖެހިގެން އަންނަ ހަފްތާއަށް ފުރުމުގެ ކަންތައްތައް ހަމަޖައްސަން އިޔާން ތައްޔާރުވީ، އެ ވާހަކަ ބައްޕައާއިވެސް ހިއްސާ ކުރުމަށްފަހުއެވެ. ޒަލަފްމެނަށް އެނގިގެން ޒަލަފްއާއި ރަޔާ ދާން ބޭނުންވި ނަމަވެސް ފުލުހުންގެ ތަހުގީގު ނުނިމޭތީ އޭނާ އެހަށް މަޑުކޮށްލީއެވެ.

"އަހަރެން ބޭނުން އޭނަ އަހަންނަށް އެވަރުގެ ހަމަލާއެއް ދިނީ ކީއްވެތޯ ބަލަން" އިޔާން އާއި ޒަލަފްއާ ދެމީހުން ތިބީ ރެސްޓޯރެންޓެއްގައެވެ. ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައިތީ ރެސްޓޯރެންޓުގައި މީހުން ވެސް މަދެވެ.

"އެ ސުމާ ގާތު އެހިއްޔާ މާ ރަނގަޅެއް ނޫންތަ؟" އިޔާން ސުވާލުކޮށްލިއެވެ.

"ދޮންބެއަށް ނޭނގި އަހަރެން ސުމާ އާ ބައްދަލުކުރަން ދިޔައިން... ސުމާ ބުނީ ލިއަމް އާ މަށާ ދެމެދު ކުރިން ކަމެއް ހިނގާފައިވާކަމަށް... ކޮންކަމެއް ކަން އޭނާއަށ ސީދާ ނޭނގޭ ކަމަށް" ޒަލަފް ބުނެލިއެވެ. "މަށަށް އަންގާވެސް ނުލާ ދިޔައީ..." އިޔާން ބުމަ އަރުވާލިއެވެ.

"އެ ދެން އެހެން އުޅެމުން އުޅެމުން ރަޔާ އާ އެކު ދިޔައީ" ޒަލަފް ބުނެލިއެވެ.

"އެހެންވިއްޔާ އަހަންނަށް ހީވަނީ ޒާނާ ލިއަމް އާ ރުޅިވީމަ އެކަމުގެ ބަދަލު ހިފާލީކަމަށް... ޒާނާ އަހަންނާ ރައްޓެހި ވި ކަމެއް ނޭނގޭނެއެއްނު އޭނަ އެ ދުވަސްކޮޅު ކޮލެޖުން ކެނޑުނީމަ" އިޔާން ވިސްނާލިއެވެ. އިޔާން އެހެންބުނުމުން ޒަލަފްވެސް ބޯ ޖަހާލިއެވެ.

"ފުލުހުން އެއްޗެއް ބުނަން ދެން މަޑުކުރަމާ... ކޮންމެހެން އޭނައާ ބައްދަލުކުރަން ދާނެކަމެއް ނެތް... އަނެއްކޮޅުން އިއްޔެ ފުލުހުން ބުންޏެއްނު ޒާނާ ވެސް ތުހުމަތުގަ ބަންދު ކުރި ވާހަކަ، ދެން އަޅާނުލާ" އިޔާން ބުނެލިއެވެ. ޒަލަފް ވެސް އެއްބަސްވިއެވެ.

އޮސްޓްރޭލިއާޔަށް ފުރުމުގެ ކުރިން އިޔާންއާއެކު ގޮސް އައިރީން އޭނާގެ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ތިން މަސް ދުވަހުގެ ބޭހެއް ލިޔެދިނެވެ. އޭގެ އަނެއްދުވަހު އިޔާންއާ އައިރީންއާ ދެމީހުން ފުރީ އޮސްޓްރޭލިއާއަށެވެ.

*****

ޒަމީރަކީ ޖަލީލުގެ ބައްޕަ ކަމުގައި ވިނަމަވެސް ދަރިއަކަށްޓަކައި ބައްޕައެއްގެ ހިތުގައި އޮންނަން ޖެހޭ ފަދަ އެއްވެސް ރަހުމެއް އޭނާގެ ހިތުގައި ނުވެއެވެ. އޭނާ ދަހިވެތި ވެފައިވަނީ ޖަލީލުގެ މުދަލަށެވެ. ޖަލީލު މަރުވަންދެންވެސް ޖަލީލުގެ ހާލުވެސް ބަލާލާފައެއް ނުވެއެވެ. އެއާއިލާގެ ތެރޭގައި ވެސް ޖަލީލުގެ ވާހަކަ ދެއްކުން އޭނާ މަނާކުރީއެވެ. އޭނާގެ ވިޔަފާރި ބަނގުރޫޓު ވުމުގެ އަސްލަކީ ޖަލީލު ކަމުގައި އޭނާ ގަބޫލު ކުރަނީއެވެ. ރިޒްފާ އާއި ޖަލީލު ކައިވެނި ކުރިނަމަ އެމީހުންގެ ކުންފުނި މިހާރުވެފައިވާނީ ދުނިޔޭގައިވެސް މަޝްހޫރު ކުންފުންޏަކަށެވެ.

ޖަލީލުގެ ކުންފުނި ޑައިމަންޑް ހޯލްޑިންގްސް މިހާރު ވެފައިވަނީ ދުނިޔޭގެ މަޤްބޫލުކަން ލިބެމުންދާ ކުންފުންޏަކަށެވެ. އެކަން އެގޮތަށް ވަމުން ދާތަން ބަލަން އޭނާއަކަށް ކުޅަދާނައެއް ނޫނެވެ. ޖަލީލުގެ ކުންފުންޏަށް ދަހިވެތިވެފައި ހުރިލެއް ބޮޑުކަމުން ކޯޓަށް ގޮސްގެންވެސް އެ ކުންފުނި ހޯދަން ޒަމީރު ބޭނުންވެއެވެ. އެހެންނަމަވެސް މަޑުޖެހެވެނީ ކުންފުނި އެކީ އައިރީންގެ ނަން މައްޗަށް ބަދަލުކޮށްފައި، ހުރިހާ ލިޔެކިޔުންތަކެއްގައި ޖަލީލު ސޮއިވެސް ކޮށްފައިވާތީއެވެ.

*****

އިޔާންއާ އައިރީންއާއި ދެމީހުން ފުރަތަމަ މަޑުކުރީ އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ހޮޓެލްއެއްގައެވެ. އެ ތަނުގައި ތިން ދުވަހު މަޑުކުރުމަށްފަހު ހަތަރު ވަނައަށް ވީ ދުވަހު ދަތުރުފެށީ ފަރުބަދަ މަތީއަވަށަކަށް ދިޔުމަށެވެ. އެ ހިސާބުގައި އިޔާން ބައްޕަގެ ކޮޓެޖެއް ހުރެއެވެ. ދިގު ދަތުރަކަށް ފަހު ކޮޓެޖަށް އާދެވިއްޖެއެވެ. ކޮޓެޖު ވަށައިގެން ހައްދާފައިވަނީ ވިނަ ގަސްތަކެވެ. ވާތް ފަރާތުގައި ބޮޑު ބިޔަ ގަހެއް ހުރިއިރު ގަހުގެ ހިޔާ ވަނީ މުޅިތަނަށް ފެތުރިފައެވެ. އިޔާންއާއި ދެމީހުން ކާރުން ފޭބުމާއެކު ފިރިހެނަކު އައިސް ފޮށިތައް ބާލަދީފިއެވެ. އިޔާންގެ އަތުގައި ހިފާލި އައިރީން އަށް ދެއަތް މޭގައި ހުރަސްކޮށްލެވުނެވެ. ފުދޭވަރަކަށް ފިންޏެވެ.

އިޔާން އައިރީންގެ ކޮނޑުގައި އަތް އަޅުވާލަމުން ގާތް ކޮށްލިއެވެ. އެތެރެއަށް ވަނުމާއެކު އިޔާންމެނަށް މަރުހަބާ ކީ މެދު އުމުރުގެ އަންހެނެކެވެ. އެމީހާގެ މޫނުމަތީގައި ފުޅާ ހިނިތުންވުމެއް ވެއެވެ. އައިރީން ވަށައިގެން ގޭތެރެއަށް ބަލާލިއެވެ. އެއްފަރާތުގައި ސޯފާސެޓެއް ބެހެއްޓިފައި ހުރި އަނެއްފަރާތުގައި ވަނީ މައްޗަށް އަރައިގެން ދާ ސިޑިއެވެ. ކުރިމަތީގައި އެތެރެއަށް ވަދެވޭ ގޮތަށް އިތުރު ދޮރެއް ހުއްޓެވެ.

"ވަރަށް އުފާވެއްޖެ" އިޔާންއަށް ބަލާލަމުން އެ އަންހެން މީހާ ބުނެލިއެވެ. ވާހަކަ ދެއްކީ ސާފު ދިވެހިބަހުންނެވެ. އެހެންކަމުން އައިރީންއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. "މީ ފަހީމައްތަ... މަންމަމެން މިކޮޅުގައި އުޅުން އިރު މިގޭގައި އުޅެން ފެށި ގޮތަށް އަދިވެސް އެ އުޅެނީ... ފަހީމައްތައާއި ފަހީމައްތަ ފިރިމީހާ މިގެ ބަލަހައްޓާނީ... ފޮށިތަށް ބާލާދިނީ ފަހީމައްތަގެ ފިރިމީހާ އަސަދުބެ " އިޔާން ކުޑަ ތައާރަފެއް ދިނެވެ.

އެންމެ ފުރަތަމަ ފަހީމާ އޮސްޓްރޭލިއާއަށް އައީވެސް ފަލަކްއާއެކުގައެވެ. ފަލަކްމެން ރާއްޖެ ބަދަލުވި ފަހުން ވެސް ފަހީމާ މިކޮޅުގައި ހުންނަން ބޭނުންވުމުންނާ، އެ ގެ ސާފުކޮށްބަލަހައްޓަން ވެސް މީހަކު ބޭނުންވާތީ، އެގޮތަށް ފަހީމާ އެގޭގައި ބެހެއްޓީއެވެ. ފަހީމާގެ އުމުރުން މިހާރު ފަންސާސް އަހަރު ވާން ގާތްވެފައި ވާއިރުވެސް ކުއްޖަކު ނުލިބެއެވެ.

"ޒަލަފް ނާދޭތަ؟" ފަހީމާ އިޔާންއާ ސުވާލުކޮށްލިއެވެ. އިޔާން ހަމައެކަނި ބޯ ޖަހާލީއެވެ. ދެމީހުން ސިޑިން މައްޗަށް އަރައިގެން އެމީހުންނަށް ތައްޔާރުކޮށްދީފައި ހުރި ކޮޓަރިއަށް ވަނެވެ. ފެންވަރާ ތާޒާ ވެލައިގެން ތިރިއަށް ފޭބީ އެއްޗެއް ކާލާށެވެ. އޭރު ފަހީމާ ހުރީ ކާއެއްޗެހި ތައްޔާރުކޮށްފައެވެ. ކައިލައިގެން ވެފައި ހުރި ވަރުބައްޔާއެކު ދެމީހުން އަނެއްކާވެސް ދިޔައީ މައްޗަށެވެ. އަރާމުކޮށްލުމުގެ ބޭނުމުގައެވެ. އިރު އޮއްސުނު ގަނޑީގައި އިޔާން އާއި އައިރީންއާ ދެމީހުން ބޭރަށް ނުކުމެލިއެވެ. ފަރުބަދަ ތަކުގެ ހިތްގައިމު މަންޒަރަށް ގެއްލިފައި އައިރީންއަށް ހުރެވުނެވެ. ގުދުރަތުގެ ފުރިހަމަ ކަމާއެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭފަދަ މަންޒަރެކެވެ. ފޮޓޯތައް ނެގުމުގައި އެތައް ވަގުތެއް އެދެމީހުން ހޭދަކުރިއެވެ.

އިޔާންމެން އެތަނުގައި މަސްދުވަސް ހޭދަކުރިފަހުން ޒަލަފްއާއި ރަޔާ އައެވެ. އެއާއެކު ތަފާތު އެކު ތަންތަނަށް ޓްރިޕްތައް ދެވެން ފެށުނެވެ. އަބަދުވެސް އުޅެވެނީ ކޮންމެވެސް ތަނެއް ބަލާލުމުގައެވެ. އޮސްޓްރޭލިއާގެ ޒޫ ތަކާއި ޕާރކުތަކުގައި ފޮޓޯ ނެގުމުގައެވެ. ދުވަސްތައް ހީވެސް ނުކުރާހާ އަވަހަށް ފާއިތުވަމުން ދިޔައެވެ.

"ކޮބާ ޒެލް!... މައްސަލައަށް ވީ ގޮތެއް ނުބުނަމެއްނު..." އެމީހުން ތިބީ ޕާކެއްގެ ތެރޭގައެވެ.

ރަޔާއާއި އައިރީންއާ ދެމީހުން ފޮޓޯނެގުމައިގެން އުޅުނު އިރު އިޔާންއާއި ޒަލަފް ތިބީ އެތަނުގައި ހުރި ބެންޗެއްގައި އިށީނދެގެންނެވެ. އެ ދެމީހުންގެ ނަޒަރު ހުރީ އައިރީންމެނަށް ހުއްޓިފައެވެ. ކުއްލިއަކަށް ކަމެއް ހަނދާންވާފަދައަކުން އިޔާން އަހާލުމާއެކު ޒަލަފް ހީލިއެވެ.

"ކިހިނެތް ނިމޭނެހެން ދޮންބެ އަށް ހީވަނީ... ލިއަމް އުޅުނީ ޒާނާގެ ބޮލުގަ އެކަން އަޅުވަން، ޒާނާވެސް ހައްޔަރުކުރި ތުހުމަތުގަ. އެކަމަކު ފަހުން ޒާނާ އެކަމުގައި ބައިވެރި ނުވާކަން އެނގުނު... ސުމާވެސް ބުނި ކަމަށްވަނީ ލިއަމް ކައިރީ އަހަންނަށް ހަމަލާ ދޭން... އެކަމަކު ލިއަމް އެކަން ކުރީ ވަކި އެހެންވެގެނެއް ނޫން... ޒާނާ އޭނާއާ ރުޅިވީމަ އެކަމުގެ ބޮނޑި މަށަށް ބޭލީ އޯ އޭނަ... ހެހެ. ކޮލެޖުން ކެނޑިގެން އައިސް ރާއްޖެތެރޭރަށެއްގަ ވެސް އުޅެ ފަ އޭނާ މާލެ ބަދަލުވީ... އަހަރެން ގަޔަށް ވަޅި ޖެހި ކަމަށް އޭނާ އަމިއްލައަށް އެއްބަސްވީ... އެއާއެކު އޭނާގެ މައްޗަށް ކުށް ސާބިތުވި... އޭނާއަށް އައީ އުމުރު ދުވަހުގެ ޖަލު ހުކުމެއް... ސުމާވެސް ޖަލަށްލީ... ކިހާ ދުވަހަކަށް ކަމެއް ނޭނގެ" ޒަލަފް ބުނެލިއެވެ. އިޔާން އެހެންހޭ އަހާލާ ހިނިތުންވެލިއެވެ.

އަލުން އެ ދެމީހުންގެ ހަޔާތަށްވެސް މިހާރު މިވަނީ އުފާވެރި ދުވަސްތަށް މަރްޙަބާ ކިޔާފައެވެ. މާޒީއަށް ފަސް އަޅާ ފޮރުވާލުމަށްފަހު ބޭނުންވަނީ އުފާވެރި ދުވަސްތަކެއް އެކަކު އަނެކަކާ އެކު ހޭދަ ކުރުމަށެވެ. މިހާރު ދެ މަސްދުވަސް ފާއިތުވެއްޖެއެވެ.

ނިދާހޭލައިގެން މޯޅިއަކަށް ދެމިލި އައިރީން މޭ ނުބައި ކުރުމާއެކު ފުރަތަމަވެސް ދުއްވައިގަނެވުނީ ފާހާނާއަށެވެ. އިޔާންއަށް ހޭލެވުނީ އައިރީން ހޮޑުލަމުން ދިޔަ އަޑަށެވެ. އޭނާ އެނދުން ފުންމައިގެން ތެދުވިއެވެ.

"އިއްޔެ މާގިނައިން ދަތުރު ކުރެވުނީ ކަންނޭގެ ދޯ" އިޔާން އައިރީންއަށް އެހީތެރިވަމުން ބުނެލިއެވެ. އައިރީން ބޯޖަހާލިއެވެ. ހެނދުނަށްފަހު ހޮޑު ނުލެވޭތީ އަޅާނުލާ ތިއްބާ، އަނެއްކާ މެންދުރު ކެއުމާއެކު އައިރީންއަށް ހޮޑުލެވުނެވެ. އޭގެފަހުން ޖޫސްތަށި ދިނުމާއެކު އަނެއްކާވެސް ހޮޑުލެވުނެވެ. އެހެންކަމުން އިޔާން ގަސްތުކުރީ އައިރީން ޑޮކްޓަރަށް ދައްކާލަން ދިޔުމަށެވެ. ރީތިވެލައިގެން ނުކުތް އިރު އައިރީން އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. އިޔާން ސުވާލުކޮށްލުމާއެކު އައިރީން އިސްއުފުލާލިއެވެ.

"އައި ތިންކް އައި އެމް ޕްރެގްނެންޓް" އައިރީން ބުނެލިއެވެ. އިޔާންއަށް ހިނދުކޮޅަކު އެއްޗެއް ނުބުނެ ހުރެވުނެވެ. ލިބުނު އުފާވެރިކަން ބަޔާން ކުރާނީ ކިހިނެއްކަން ނޭނގުނީއެވެ.

"ހޮސްޕިޓަލަށް ގޮސް ދެން ޓެސްޓް ހަދާލާނީ ދޯ" އިޔާން ބުނެލިއެވެ. އައިރީން ބޯ ޖަހާލިއެވެ. ޑޮކްޓަރަށް ދައްކާފައި ބަނޑުބޮޑުތޯ ޔަޤީން ކުރަންވެގެން ޓެސްޓް ހެދުނެވެ. ޖެހިގެން އައި ދުވަހު ނަތީޖާ ބަލާ ދިޔައިރު ދެމީހުންވެސް އިންތިޒާރުކުރަމުން ދިޔައީ އޭގައި އޮތް އެއްޗެއް ބަލާލުމަށެވެ. އައިރީން ބަނޑުބޮޑުކަން ޔަޤީންވުމާއެކު ދެމީހުން ބޭނުންވީ ވީ އެންމެ އަވަހަކަށް ރާއްޖެ ދާށެވެ. އަދި އެއްމަސް ދުވަސް އެބައޮތެވެ. އެހެންނަމަވެސް މިހާރު ބޭނުންވަނީ އަވަހަށް ރާއްޖެ ގޮސް އާއިލާއާއި އެ އުފާވެރި ހަބަރު ހިއްސާކުރާށެވެ.

ރާއްޖެދާން ވާހަކަ ދެކެވެމުން ދަނިކޮށް އެއްދުވަހެއްގެ ހެނދުނު ބައްޕަ ގުޅާފައި ދިން ހަބަރުން އިޔާން ހާސްވިއެވެ. "ޒަމީރުއަށް އެކަން އެނގުނީ ސަލީމުގެ ފަރާތުން... އޭނަ ކުންފުނީގެ މައްސަލައިގައި ކޯޓަށް ގޮސްފި" އާމިރު ވާހަކަ ދެއްކިއިރު އެ އަޑުގައިވަނީ ހާސްކަމެވެ.

އިޔާން ދެކޮޅަށް ހިނގަމުން އާމިރު އާ ވާހަކަ ދައްކަމުން ދިޔައިރު އައިރީން އިނީ އެ ވާހަކަތައް ކަނުލާ އަޑު އަހާށެވެ. އެހެންނަމަވެސް މާ ބޮޑަކަށް ވާނުވާއެއް އޭނާއަކަށް ނޭނގެއެވެ.

"ކިހިނެތްވީ؟" އިޔާން ފޯނު ބޭއްވުމުން އައިރީން އަހާލިއެވެ. އިޔާން ފުންނޭވާއެއް ލަމުން ވެގެން އުޅޭގޮތް ކިޔައިދިނެވެ.

"އަވަހަށް އެކޮޅަށް ދަމާ" އައިރީން ބުނެލިއެވެ.

"އާނ... އަހަރެވެސް މި ހިތަށް އަރަނީ ތިހެން.... ޒެލް މެން ކައިރީގަވެސް ބުނަންވީ ދޯ" އިޔާން އައިރީންއަށް ބަލާލިއެވެ.

ވެގެންއުޅޭ ގޮތް ބުނުމުން ޒަލަފްމެންވެސް ބޭނުންވީ އެމީހުންނާއެކު ދާށެވެ.

*****

ދެން ކޮން އިރަކުން އަންނާނީ ... ޒަލަފް އައިމަ ހީވާނީ ބަޔަކު އުޅޭހެން..." ފަހީމާ ހުރީ ދެރަވެފައެވެ.

"ފަހީމައްޗަ ދެރަނުވޭ... އަދި އަންނާނަން... ނޫނީ ހިނގާ އަހަރެމެންނާއެކު ޜާއްޖެ ދާން" ޒަލަފް ފަހީމާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. އެއަށްފަހު ހީގަތެވެ.

"އެއްކަލަ ޒަލަފް...." ގަޑިއަށް ބަލާލަމުން ފަހީމާ އެދުނީ އަވަސްކުރުމަށެވެ. އެއާރޕޯޓަށް ދާން ވެގެން ކާރުގައި ނައްޓާލިއިރު ފަހީމާ އަތުން ހަނާ އަލާލިއެވެ.

ރާއްޖެ އާދެވުނީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ. ކޮންމެއަކަސް ލިބުނު ހަބަރަކުން އައިރީންގެ އިތުރުން ހުދު އިޔާންވެސް ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އެއާރޕޯޓުގައި އަޝްރާއާއި އާމިރު ތިއްބެވެ. ފަލަކް އަށް ނާދެވުނީ ކުޑަކޮށް ބަލިވެ އުޅޭތީއެވެ. އެރައިވަލް ގޭޓުން ނުކުތް ހަތަރު މީހުން އާމިރުއާ ދިމާލަށް މިސްރާބުޖެހިއެވެ.

"ކޮބާ ކިހިނެތް ދަތުރު؟" އާމިރު ހިނިތުންވެލަމުން އަހާލިއެވެ.

"ދަތުރު ހަމަ ބަރާބަރު ދޯ" އިޔާން އެންމެނަށް ދޯ ދެމުން ބުނެލިއެވެ.

*****

ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. ސުފުރާމަތީގައި ކުކުޅާއި ފްރައިޑްރައިސްގް އިތުރުން ދެ ވައްތަރެއްގެ ސެލެޑް ހުއްޓެވެ. އޭގެ އިތުރުން ޖޫހާއި ބައެއްކަހަލަ މޭވާތަށްވެސް ކޮށާފައި ތައްޓަކަށް އަޅާފައި ހުއްޓެވެ. އަރަމުން ދިޔަ މީރުވަހުން ކުޅުދިޔާވާހާވެއެވެ. އިޔާންއާއި އައިރީންއާއި ދެމީހުން ލޮލުން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔައެވެ. އެތަން އެންމެ ފުރަތަމަ އަޅައިގަތީ ޒަލަފްއާއެވެ.

"އޭތް.... ކޮން ކަމެއް ތީ..." ޒަލަފް ބަތް ސުވާއެއް އަނގަޔަށް ލަމުން ބުނެލިއެވެ. އެއާއެކު އިޔާންއާއި އައިރީން ދިޔައީ ސިއްސައިގެންނެވެ. އެންމެންގެ ނަޒަރުވެސް އައިރީންމެން ދެމީހުންނަށް ހުއްޓިގެން ދިޔައެވެ. އެންމެ ފަހުން އެ އުފާވެރި ހަބަރު އެ އެންމެނަށް ދިނީ އިޔާންނެވެ. ސުފުރާމަތީގައި ތިބި އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަމުން ދިޔައެވެ.

"ނުވެސް ބުނޭ... އެކޮޅުންއެހާ އަވަހަށް އަންނަން އުޅުނީ އެހެންވެ ދޯ... ވަގުކަން" ޒަލަފްއަށް އަނގަ މަޑުން ލައިގެން އިންނަން އުނދަގޫވިއެވެ. އަޝްރާ ޒަލަފް ގެ ކަންފަތުގައި ހިފިއެވެ. އެންމެންގެ ހުނުމުގެ އަޑު އެތަނުގައި ގުގުމާލިއެވެ.

ހަލުވި ކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކޮންމެ މީހަކުވެސް އުންމީދު ކުރަނީ އެ އާއިލާއަށް އަންނަން އުޅޭ އާ މެހެމާނަށް މަރުހަބާ ކިޔުމަ ށެވެ.

ތިން މަސް ފަސް

*****

މައްސަލަ ނިމުނީ އިޔާންމެނަށް ކުރި ލިބިގެންނެވެ. މައްސަލަ ނިމުންއިރު ޒަމީރުގެ މައްޗަށް ކޮރަޕްޝަން ގެ ތުހުމަތެއް ކުރެވި އޭނާއަށްވެސް ޖަލު ހުކުމެއް އައެވެ. އޭނާއާއެކު ސަލީމުވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށް ލެވުނެވެ.

އައިރީންގެ ބަނޑަށްވެސް މިހާރު ހަތަރު މަސްވެއްޖެއެވެ. ކުރިއަށްވުރެ ރޫފަ ރަނގަޅުވެލާ ކޮލުގައި މަސްޖަހާ ފަލަވެލައިފިއެވެ. އައިރީން ބަނޑު ބޮޑުކަން ބަނޑުން އެނގެން ފެށިއެވެ. ކުރިއަށްވުރެ ގިނަ ވަގުތު އައިރީންގާތު ހޭދަކުރެވޭތޯ އިޔާން ބަލައެވެ. އޮސްޓްރޭލިއާގައި އުޅުނު އިރު އައިރީން ނެގި ތެރަޕީ ސެޝަންތަކުގެ ސަބަބުން އައިރީންއަށް ވަމުންދިޔަ އުނދަގޫތައް ކޮންމެވެސް ވަރަކަށް ލުއި ވިނަމަވެސް އަދިވެސް އެ އުނދަގޫތައް އައިރީނާ ކުރިމަތިވެއެވެ. އެ ހުރިހާ އިރަކު އައިރީންއަށް ލިބޭ އެންމެބޮޑު ހިންހަމަޖެހުމަކީ އޭނާގެ ގާތުގައި އިޔާން ހުރުމެވެ.

ރޭގަނޑުގެ ކެއުމަށްފަހު އިޔާންއާއި އައިރީންއާއި ދެމީހުންވެސް އެރީ މައްޗަށެވެ. އިޔާންވެސް މިހާރު ކެއުމަށްފަހު މުހިންމު ކަމަކުނޫނީ ނޫނީ ބޭރަށް ގޮހެއް ނޫޅެއެވެ. ލޯބިވާ އަނބިމީހާ ގާތުގައި ގިނަ ވަގުތުތައް ހޭދަކުރެވޭތޯ އޭނާ ބަލައެވެ. އެދެމީހުން ކޮޓަރިއަށް ވަތް އިރުވެސް ފުދޭވަރަކަށް ބޯ ކޮށް ވަރޭވެހެމުން ދިޔައެވެ. ރާއްޖެ ކައިރީގައި އުފެދިގެން އުޅޭ ތޫފާން ބާރުގަދަ ވަމުން ދާތީ ބޭރަށް ނުކުމެ އުޅުން ރައްކާތެރި ނޫންކަމަށް ރޭޑިއޯއާއި ޓީވީތަކުންވެސް ގޮވަނީއެވެ. ވިދާ ގުގުރާތީ އައިރީންއަށް ބިރުވެރިކަމާ އެއްވަރަށް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވެސް ވެރިވަމުން ދިޔައެވެ. އެއްޗެހި ބަދަލުކޮށްލައިގެން ފާހާނާއިން ނުކުމެ އިސްތަށިގަނޑު ނިއުޅުވާލާފައި އައިރީން ފުނާ އަޅަން ވެގެން ގޮސް ޑްރެސިން ޓޭބަލްކައިރީގައި ހުއްޓުނެވެ. އެނދުގައި އޮށޯވެލައިގެން އޮތް އިޔާންގެ ނަޒަރު ހުރީ އައިރީންއަށް ހުއްޓިފައެވެ. ގަޔަށް ތަންކޮޅެއް ބާރުކޮށް ހެދުން ލާފައި ހުރުމުން އައިރީންގެ ބޮޑުވެފައިވާ ބަނޑު ރީތިކޮށް ހާމަވެއެވެ. ބަނޑުބޮޑުވިފަހުން އައިރީންގެ ފަންއިސްތަށިގަނޑު އިތުރަށް ދިގުވެ ރީތިވެއްޖެއެވެ.

ނިމިގެން އައިސް އެނދުގައި އޮށޯވެލުމާއެކު އިޔާން އައިރީންގެ ބަނޑުގައި އަތް ޖައްސާލިއެވެ. މިހާރުއްސުރެ އެ ތުއްތު ފުރާނަ ދުނިޔެއަށް އަންނާނޭ އިރަކަށް އިންތިޒާރުކުރެވެން ފެށިއެވެ. ނިދިފައި އޮތް އައިރީންއަށް ސިހުން ގެނުވީ ޖަހާލި ބާރު ގުގުރީގެ އަޑެވެ. ލޯ ހުޅުވާލުމާއެކު ފެނުނީ އޭނާއާއި ދިމާލަށް ގުދުވެގެން އޮތް ސަލީމެވެ. ހަޅޭއްލަވައިގަންނަން މަސައްކަތް ކުރިނަމަވެސް އަނގައިން އަޑެއް ނުނިކުތެވެ. އަތް ހިއްލާލާ އަތަށް ބަލާލިއިރު އަތުން ތަންތަން މަށައިގެން ގޮސް ލޭ އަންނީއެވެ. އެ ހާސްކަމުގެ ތެރޭން ކުޑަ އިރުގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް ވެރިވާން ފެށިއެވެ.

*****

"ސޯފާތަކުގެ އެއްފަރާތުގައި ކުޅޭއެއްޗެހިތައް އަތުރައިގެން އިން އައިރީން ސިހުނީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ.

"އައިރީން.... އައިރީން" ދެފަހަރަކު އޭނާގެ ނަމުން ގޮވާލުމާއެކު އައިރީންއަށް ތެޅިގަނެވުނެވެ. ދުވެފައި ދާން ބޭނުންވިނަމަވެސް އޭނާގެ ފައި ހަރަކާތެއް ނުކުރެއެވެ. އެއަޑު ގާތްވަމުން ދިޔަ ވަރަކަށް އެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެއާއެކު އެ އަޑުގައިވި އަސަރުން އައިރީންގެ ހިތުގައި ވި ބިރުވެރިކަން ދެގުނަ ވިއެވެ. ލޮލަށް ނުފެނު ނަމަވެސް ސަލީމު ހުރީ މަސްތުގެ ހާލުގައި ކަން އެ ކުޑަ ސިކުނޑިއަށް ނަގައިގަނެވުނެވެ. އުމުރުން ހަތް އަހަރު ވީ އިރު ލޯތްބަކީ ކޮން އެއްޗެއްކަން އައިރީނަކަށް ނޭނގެއެވެ. މުޅީންވެސް ލިބެނީ އަނިޔާއެވެ. އަތުގަޔާއި ފައިގައި ލަކުނުތައް ބައިވަރެވެ. އަލިފާން ޖައްސާފައި ހުރި ލަކުނުތަކާއި އިލޮށިފަތީގެ ނިޝާންތަކެވެ. ނޫފައިގަންފައިވާ ތަންތަންވެސް މަދެއްނޫނެނެވެ. ލޮލުން ކަރުނަ ނުހިކެއެވެ. (ނުނިމޭ)

comment ކޮމެންޓް