ކޮރޯނާވައިރަސް: އާންމުން ހޭލުންތެރި ކުރަން މަޖީދިއްޔާ ސްކައުޓް ގްރޫޕް ނުކުމެއްޖެ

މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕް (ފަސްޓް މާލެ ސްކައުޓް ގްރޫޕް) އިން އިސްނަގައިގެން ކޮރޯނާވައިރަސް ކޮވިޑް-19 އަށް އާންމުން ހޭލުންތެރި ކުރުމުގެ ހާއްސަ ކެންޕޭނެއް ފަށައިފި އެވެ.

ސޯޝަލް މީޑިއާޔާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މަޖީދިއްޔާ ސްކައުޓް ގްރޫޕުން ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން، ސިއްހީ މާހިރުންގެ ލަފަޔާއި ނަސޭހަތުގެ ބަސްކޮޅުތައް ގެނެސްދޭނެ އެވެ. އަދި ސްކައުންޓް ގްރޫޕާއި މަހަލްދީބް ފައުންޑޭޝަނާ ގުޅިގެން، ދީނީ މައުލޫމާތުތައް ގެނެސް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ކެމްޕޭންގެ މަގުސަދާ ގުޅޭ ގޮތުން މަޖީދިއްޔާ ސްކައުންޓް ގްރޫޕުން ބުނީ، މިކެންޕޭނަކީ މި ދަނޑިވަޅުގައި އާންމުންނަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދާ ކެންޕޭނެއް ކަމަށެވެ.

މި ކެންޕޭންގެ ޕޯސްޓްތައް މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިހާރު ވަނީ ޝާއިއު ކުރަން ފަށައިފަ އެވެ.

މީގެ އިތުރުން ދާދިފަހުން ބްލަޑް ގޯއިން އިންތިޒާމްކޮށްގެން މާލޭގައި ބޭއްވި، ލޭ ހަދިޔާކުރުމުގެ ހަރަކާތް، ބްލަޑް ޑްރައިވްވެސް ގެންގޮސްފައި ވަނީ މަޖީދިއްޔާ ސްކައުޓް ގްރޫޕްއާ ގުޅިގެންނެވެ.

އެ ހަރަކާތުގެ ތެރެއިން، މި ހާލަތުގައި ލެޔަށް ބޭނުންވެފައި ތިބި މީހުންނަށް ލޭ ލިބުމުގައި ދިމާވި ދަތިތައް ވަނީ ހައްލު ކޮށްދީފަ އެވެ.

މަޖީދިއްޔާ ސްކައުންޓް ގްރޫލުން ބުނީ، އެ ހަރަކާތުގެ ތެރެއިން ތެލަސީމިޔާ ސެންޓަރަށް ބޭނުންވާ ވަރަށް ލޭ ހޯދިފައިވާ ކަމަށާއި އެއީ 4 ދުވަހަށް ދިގުދެމިގެން ދިޔަ ހަރަކާތް ވަރަށް ކާމިޔާބު ކަމަށެވެ،

"އަޅުގަނޑުމެންގެ އެދުމަކީ މި ބަލިބަޑުކަމުން އަރާގަތުމަށް ތި އެންމެހާ ބޭފުޅުންގެ އެހީތެރިވެދިނުމެވެ. ސިއްހަތާއި ބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލަބާ ކިޔަމަންވުމެވެ. ކިތަންމެ ފޫހިވި ކަމުގައިވިޔަސް ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުމެ ނޫޅުމެވެ. ޑޮކްޓަރުންގެ އިރުޝާދުތަކަށް ތަބާވެ، ފުރިހަމަ ސިއްހަތެއް ގާއިމް ކުރުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ސަމާލުކަން ދިނުމެވެ،" މަޖީދިއްޔާ ސްކައުޓް ގްރޫޕުން އިލްތިމާސްކުރި އެވެ.

މަޖީދިއްޔާ ސްކައުޓް ގްރޫޕްއަކީ ރާއްޖޭގެ ސްކައުޓް ހަރަކާތް ފެށިގެން ދިޔަ ސްކައުޓް ގްރޫޕްއަށް ވާއިރު މި ގްރޫފް އުފެދުނީ 1956 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު އެވެ.

comment ކޮމެންޓް