މުޅި ރާއްޖޭގައި 97 ވެންޓިލޭޓަރު، އަމާޒަކީ 200 ވެންޓިލޭޓަރަށް އިތުރުކުރުން

މާލެއާއި އަތޮޅުތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށް ޖުމްލަ 97 ވެންޓިލޭޓަރު އެބަހުރި ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މީގެ ކުރިން ވަނީ އަމާޒަކީ ރާއްޖޭގައި 200 ވެންޓިލޭޓަރު ހަމަކުރުން ކަމަށެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖޭގެ އެކި އަތޮޅު ހޮސްޕިޓަލުތަކުގައާއި މާލެ އަދި އަމިއްލަ ހޮސްޕިޓަލުގައި ހުރި ވެންޓިލޭޓަރުގައި 97 ވެންޓިލޭޓަރު އެބަހުރިކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، 200 ވެންޓިލޭޓަރުގެ ސެޓަޕް ރާއްޖޭގައި ގައިމުކުުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރުވެސް 70 ވެންޓިލޭޓަރު ރާއްޖެއިން ބޭރުން ގެނައުމަށް އޯޑަރުކޮށްފައިވާ ކަމަށެވެ.

"މިހާރު ގެނައުމަށް މަސައްކަތް ކުރަނީ، 70 ވެންޓިލޭޓަރު. އެ އެއްޗެހި ހުރީ ސެކިއުއާކޮށް [ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައި]. ޓްރާންސްޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދަނީ،" މަބްރޫކު ވިދާޅުވިއެވެ.

މުޅި ދުނިޔެއަށްވެސް ސިއްހީ ގޮތުންނާއި އިގްތިސާދީގޮތުންވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކު ބޮޑެތި ގައުމަކުންވެސް މިބަލިން އަރައިގަތުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ސިއްހީ ވަސީލަތްތަކުގައި ބޭނުންކުރާ ވެންޓިލޭޓަރު ފަދަ ތަކެތި ލިބުމުގައި ވަނީ ދަތިތަކެއް ވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 18 މީހެކެވެ. ޕޮޒިޓިވިކަން އެނގުނު ފަހުން ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ ދެ ފަތުުރުވެރިން ނުލާ ތިބީ 16 މީހުންނެވެ. އޭގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. ވައިރަހަށް ފަރުވާދެމުން ދަނީ އިނގިރޭސީވިލާތުން އައި ތިން ދިވެހިންނަށެވެ.

comment ކޮމެންޓް