ވެލާގެ މުވައްޒަފުންނަށް މުސާރައާއެކު އިތުރު އެލަވެންސެއް

ވެލާ ރިސޯޓުގެ މުވައްޒަފުން ހިދުމަތުގައި-- ފޮޓޯ/ ވެލާ ރިސޯޓް

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުލިބޭ މައްސަލަތަކެއް ފެންމަތިވަމުންދާއިރު ނ. އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓްގެ މޯލްޑިވްސްގެ މުވައްޒަފުންނަށް މުސާރައާއެކު ހާއްސަ އެލަވެންސްއެއް ދިނުމަށް ނިންމައިފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތައް ހުސްވުމާ ގުޅިގެން ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ނޯ ޕޭ ލީވްއަށް ފޮނުވާލާ ފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ވެލާ އިން އެ ކަމާ ގުޅިގެން ކަންތައް ކޮށްފައިވަނީ ތަފާތުކޮށެވެ. ވެލާއިން ވަނީ އެ ރިސޯޓުގެ މުވައްޒަފުންގެ މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ބަދަލުގައި ފިކްސްޑް އަދަދެއް ހާއްސަ އެލަވެންސެއްގެ ގޮތުގައި ދިނުމަށް ނިންމާފައެވެ.

ވެލާ އިން އެ ރިސޯޓުގެ މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ދަތި ދަނޑިވަޅުގައި މުވައްޒަފުންނަށް ދަތިވާނެ ގޮތެއް ނުހަދާނެ ކަމަށެވެ.

މުވައްޒަފުންގެ ތެރެއިން 600 ޑޮލަރަށްވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތަކަށް ސާވިސް ޗާޖު އެލަވެންސްގެ ގޮތުގައި 200 ޑޮލަރު ލިބޭނެއެވެ. އަދި 601 ޑޮލަރާއި 1،000 ޑޮލަރުގެ އާމްދަނީ ލިބޭ މުވައްޒަފުންނަށް 100 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ލިބޭނެއެވެ.

އެގޮތުން 1000 ޑޮލަރަށްވުރެ ދަށްކޮށް ބޭސިކް ސެލެރީގެ ގޮތުގައި ލިބޭ މުވައްޒަފުންނަށް 500 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި 1،001 ޑޮލަރާއި 2،000 ޑޮލަރާ ދެމެދުގެ އާމްދަނީ ލިބޭ މުވައްޒަފުންނަށް ސާވިސް ޗާޖު އެލަވެންސްގެ ގޮތުގައި 300 ޑޮލަރު ލިބޭނެއެވެ.

ސާވިސް ޗާޖު އެލަވެންސްގެ އިތުރުން ގިނަ ދުވަހު ހިދުމަތްކުރާ ފަރާތްތަކަށް "ލޯންގް ސާވިސް"ގެ ނަމުގައި 100 ޑޮލަރުގެ އެލަވެންސް އެއްވެސް ވަނީ ކަނޑައަޅާފައެވެ.

ވެލާއިން ބުނެފައިވަނީ އެ ރިސޯޓުން ބަލަނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

ވެލާއިން އަޅާފައިވާ ފިޔަވަޅުތަކަކީ އެންމެ ހަމަހަމަ ފިޔަވަޅުތަކަށް ނުވެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް މި ދަނޑިވަޅަކީ ވަރަށް ނާޒުކު ދަނޑިވަޅަކަށް ވާތީ މެނޭޖުމެންޓުގެ ނިންމުންތައް ރަނގަޅު ނަޒަރަކުން ބެލުމަށް ވެލާއިން އެދިފައިވެއެވެ.

comment ކޮމެންޓް