ސައިލެންސަރު ބަދަލުކޮށް އަޑުގަދަވާ ގޮތަށް ދުއްވާ ސައިކަލުތައް ހޯދަން ފުލުހުން ނުކުންނަނީ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު --- ސަންފޮޓޯ ފަޔާޒު މޫސާ

ސައިކަލުގެ ސައިލެންސަރަށް ބަދަލު ގެނެސް އާންމުންނަށް އުނދަގުވާ ގޮތަށް ދުއްވާ ސައިކަލުތައް ހޯދައި ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސީޕީ ހަމީދު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ އާންމުން ތަބާވާ ކަމަށެވެ. އެހެންނަމަވެސް، މި ދަނޑިވަޅުގައިވެސް، ސައިކަލުގެ ސައިލެންސަރު މޮޑިފައިކޮށްގެން ބައެއް މީހުން އާންމުންނަށް އުނދަގޫވާ ގޮތަށް ބާރަށް ސައިކަލު ދުއްވާކަން ފާހަގަކުރެވިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

އެއީ ގާނޫނީ ކުށެއްކަން ފާހަގަކޮށް، އެކަން ހުއްޓުވުމަށް ރާވައިގެން ފިޔަވަޅުތައް އަޅުއްވާނެ ކަމަށް މިއަދު ހަމީދު ވިދާޅުވިއެވެ. އަދި އެ ކުށް ކުރާ މީހުންނަށް ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ދައުވާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގައިވެއެވެ.

އޭގެ އިތުރުން 2010 ވަނަ އަހަރު ތަސްދީގު ކުރި ގޭންގު ކުށްތަށް މަނާ ކުރުމާ ބެހޭ ގާނޫނުގެ ދަށުން ސައިލެންސަރު މޮޑިފައި ކުރުމަކީ ކުށެކެވެ. އެ ގާނޫނުގެ 10 ވަނަ މާއްދާގައި ގޭންގެއްގެ ބޭނުމަށް ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެފަދަ އެއްޗެއް އުފެއްދުމަކީ ނުވަތަ ވިއްކުމަކީ ނުވަތަ ދިނުމަކީ ނުވަތަ ގެންގުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ގާނޫނުގެ 23 ވަނަ މާއްދާގައި "ހަތިޔާރު"ގެ މާނައިގެ ތެރޭގައި "އަޑުގަދަވުމުން ސިއްސައިގެންދާގޮތަށް މޮޑިފައިކޮށްފައި ހުންނަ އެއްގަމު އުޅަނދުފަހަރު" ހިމަނާފައިވެއެވެ.

އެ ގާނޫނުގައިވާ ގޮތުން އެފަދަ "ހަތިޔާރެއް" އުފެއްދުމާއި ވިއްކުމާއި ދިނުމާއި ގެންގުޅުމުގެ ކުށުގެ އަދަބަކީ އެއް އަހަރާއި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

comment ކޮމެންޓް