ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް އެއާޕޯޓް ބަންދު

ޑިސެމްބަރ 18، 2019: ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިރެއިން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށް ކޮންމެ ރެއެއްގެ 9:00 އިން ހެނދުނު 6:00 އަށް ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބަންދު ކުރަން ނިންމައިފި އެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ވެބްސައިޓުގައި ބުނެފައިވާގޮތުން މިރެއިން ފެށިގެން ކޮންމެ ރެއަކު ރޭގަނޑު 9:00 ގައި އެއާޕޯޓް ބަންދު ކުރަން ފެށި ނަމަވެސް، ރާއްޖެ އަށް ބޭރުން ލިބޭ އެހީ ގެނައުމަށާއި އާއި މެޑިކަލް އިވެކުއޭޝަންތަކަށް އެއާޕޯޓް ހުޅުވާލާނެ އެވެ.

މީގެ އިތުރުން ޝެޑިއުލްގައި ނެތް ދަތުރުތަކަށް ތިން ގަޑިއިރު ކުރިން ނޯޓިސް ދިނުމުންވެސް އެއާޕޯޓު ހުޅުވާލާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން ވަނީ އިއްޔެ އިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފަ އެވެ. މިއާއެކު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކުން ނާންނާނެ އެވެ. ނަމަވެސް ރާއްޖޭގައި ތިބި ބޭރުގެ ފަތުރުވެރިން ބަލައި އަންނަ ރެސްކިޔު ފްލައިޓުތަކާއި ކާގޯ ފްލައިޓުތައް މިހާރުވެސް އެއާޕޯޓަށް ޖައްސަ އެވެ.

މި ބަލިމަޑުކަމާއެކު ފަތުރުވެރިން އައުން ހުއްޓި، އެތެރޭގެ ދަތުރުތައްވެސް ވަނީ މަޑުޖެހިފަ އެވެ. އެއާޕޯޓަށް ފަޅުކަން ވެރިވެފައިވާއިރު އަމިއްލަ އެއާލައިންތަކުގެ އުދުހުންތައް ވެސް ވަނީ މެދުކަނޑާލަން ނިންމައިފަ އެވެ. މީގެ އިތުރުން ގައުމީ އެއާލައިންގެ ދަތުރުތައްވެސް ވަނީ މަދުކޮށްފަ އެވެ.

comment ކޮމެންޓް