މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާމެންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާމެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މާލެއިން ފުރައިގެން މާމެންދުއަށް ދަތުރުކުރި ކަނޑު ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް ކަމަށެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ދަތުރުކުރި ބޯޓު މާމެންދުއަށް ދިޔުމުން އެމީހުންނަށް ފުލުހުން ފެނުމާ އެކު، އެމީހުންގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅު ފަޅާލައި އެ ކޮތަޅު ހިފައިގެން މޫދަށް ފުންމާލާފައިވާ ކަމަށާއި އެއާ އެކު އެ ދެ މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ދެ މީހުން ބޯޓުގައި ތިބި ސަރަހައްދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށާއި މި މައްސަލަ މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް