ކެފޭތައް ބަންދުކުރަން އަންގާފައިވާނީ މާލެ ސަރަހައްދުގައި އެކަނި: އެޗްޕީއޭ

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު -- ފޮޓޯ/ ރައީސް އޮފީސް

ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާ ތަކުގައި ތިބެގެން ކަސްޓަމަރުންނަށް ހިދުމަތް ނުހޯދޭ ގޮތަށް ބަންދުކުރަން އަންގާފއިވާނީ މާލެ ސަރަހައްދުގައި އެކަނި ކަމަށް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އެހެން ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގައި ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ހިދުމަތް ދޭ ތަންތަނުން ރޭގަނޑު ހިދުމަތް ނުދިނުމަށް ސިޓީ ކައުންސިލުން ނިންމާފައި ވަނިކޮށެވެ.

އައްޑޫ ސިޓީގެ މޭޗަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވެފައި ވަނީ އެގޮތަށް ނިންމާފައިވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ގްރޭޓަރ މާލެ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި އެ އިދާރާއިން އަންގާފައެއް ނުވާނެ ކަމަށެވެ.

އަދި، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައެއްވެސް ނުވާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުކޮށްފައިވާ ޞިއްޙަތާއިބެހޭ ޓާސްކްފޯސްތަކުން، އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

https://sun.mv/133806

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނީ، އިއްޔެ އިރުއޮއްސި 6:00 ގެ ފަހުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އެހެން ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ. މިއާއެކު އިރުއޮއްސި 6:00 ގެ ފަހުން އެތަންތަން ބަންދުކުރަން ޖެހޭނެ އެވެ.

އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް