އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތަކުން ރޭގަނޑު ހިދުމަތް ނުދޭން އަންގައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގައި ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ހިދުމަތް ދޭ ތަންތަނުން ރޭގަނޑު ހިދުމަތް ނުދިނުމަށް އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދު ހަވީރު 6:00 ގެ ފަހުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވިދާނެ ކަމަށެވެ.

އަދި 24 ގަޑިއިރު ހިދުމަތްދޭ ތަންތަނުން މިހާރު ކަނޑައަޅާފައިވާ ގަޑީގެ އިތުރަށް ހިދުމަތް ދޭން ބޭނުންވާ ނަމަ އަވަށު އޮފީހުން ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުންް ވެސް ހިދުމަަތް ދިނުމުގައި ގިނަ ކަންތައްތަކަކަށް ސަމާލުވާން ކައުންސިލުން ވަނީ އަންގައިފަ އެވެ.

އެގޮތުން ގާޑިޔާތަކުގެ ހިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހުގައި ކަމަށާއި ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ، މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން ވަނީ މަނާކޮށްފަ އެވެ.

ގާޑިޔާތަކުގައި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ހިދުމަތް ނުދެވޭނެ ކަމަށާއި ދެވޭނެ ހަމައެކަނި ހިދުމަތަކީ ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން އެކަނި ކަމަށް ވެސް ކައުންސިލުގެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 27 މާރޗު ވާ ހުކުރު ދުވަހު ހެނދުނު 8:00 އިން ފެށިގެން ކަނޑައެޅޭ ދުވަސްތަކުގައި އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އެހެންކަމުން އާންމު ސަރަހައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާއި، ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް ވެސް ވަނީ އަންގައިިފަ އެވެ.

comment ކޮމެންޓް