އިންޓަނެޓާ ގުޅޭ ލުއިތަކެއް ދެތިން ދުވަަސް ތެރޭގައި ހާމަކުރާނަން: ރައީސް

މިއަދު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އިންޓަނެޓާ ގުޅޭ ލުއިތަކެއް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިއުލާނު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ވައިރަހާ ގުޅިގެން ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، މި ދުވަސްވަރަކީ ރާއްޖޭގައި އިންޓަނެޓު ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ދުވަސްވަރެއް ކަމަށެވެ.

އެހެންކަމުން، އިންޓަނެޓުގެ މައްސަލައިގައި ރައްޔިތުންނަށް ލުޔެއް ހޯދައިދޭން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ މައުލޫމާތު ދެއްވާނެ ކަމަށެވެ.

"މި ދުވަސްވަރު އިންޓަނެޓު ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެކަމަށް ރަނގަޅު ލުޔެއް ހޯދައިދޭން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިކަމުގެ މައުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ހިއްސާ ކުރާންނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އިންޓަނެޓުގެ ލުއިތަކެއް ނުލިބޭތީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ސުވާލުކުރަން، އެ އޮތޯރިޓީގެ އިސްވެރިންް މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދޭންވެސް މި ފަހުން ވަނީ އެދިފައެވެ. އެ ބޭފުޅުން ހާޒިރު ކުރަން އެދުނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.

ރާއްޖޭގައި އިންޓަނެޓުގެ އަގުބޮޑުވާތީ އާންމުން މިހާރު ވަކިން ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާއިރު ބައެއް އިންޓަނެޓު އޮޕަރޭޓަރުން ވަނީ ބިލުތައް ކުޑަކުރަން ނިންނައިފައެވެ.

comment ކޮމެންޓް