ފްރާންސްގެ މަނަވަރަކާއި ހެލިކޮޕްޓަރުތަކެއް ރާއްޖޭގައި

ފްރާންސްގެ އަސްކަރީ 2 މަނަވަރަކާއި، ހެލިކޮޕްޓަރުތަކެއް ރާއްޖެ އައިސްފި އެވެ.

ފްރާންސްގެ އަސްކަރީ އުޅަނދުތަކެއް ރާއްޖެ އައިސްގެން އުޅޭ ސަބަބު ސާފެއް ނުވެ އެވެ.

ނަމަވެސް މިއަދު ހެނދުނު ދެ މަނަވަރު ވަނީ މާލޭ ބޭރުގައި ބަނދަރުކޮށްފައެވެ. އަދި ހަތަރު ހެލިކޮޕްޓަރެއް މިއަދު ވަނީ އއ. ތޮއްޑޫ މަތިން ދަތުރުކޮށްފަ އެވެ.

ތޮއްޑު ކައުންސިލްގެ ރައީސް ހަދީޖާ ނިއުޝާ މިއަދު "ސަން" އަށް ވިދާޅުވީ، މިއަދު ހެނދުނު 15 ވަރަކަށް މިނެޓު ވަންދެން ހަތަރު ހެލިކޮޕްޓަރު އެ ރަށް މަތިން ދަތުރުކުރި ކަމަށެވެ.

އޭރު އެއީ ކޮން ތަނެއްގެ ހެލިކޮޕްޓަރުތަކެއް ކަމެއް ނޭނގޭ ކަމަށާއި، ނަމަވެސް މައުލޫމާތު ސާފުކުރުމުން އެއީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ރާއްޖެ އައިސްފައިވާ ފްރާންސްގެ މަނަވަރެއްގެ ހެލިކޮޕްޓަރުތަކެއް ކަމަށް އެނގިފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

comment ކޮމެންޓް