ރަޝިއާ އަށް އަައި ބިންހެލުމުން ސުނާމީގެ އިންޒާރު، ރާއްޖެއަށް ބިރެއް ނެތް: މެޓް އޮފީސް

ބިންހެލުން އައި ކުރިލް އައިލެންޑް: ރާއްޖެއަށް ބިރެއް ނެތް ---

ރަޝިއާގެ ކުރިލް އައިލެންޑަށް މިއަދު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުން ރާއްޖެއަށް ބިރެއް ނެތް ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

ކުރިލް އައިލެންޑަށް 10 ކިލޯ މީޓަރުގެ ފުންމިނުގައި އައި ބިންހެލުމާ ގުޅިގެން އެމެރިކާ އިން ވަނީ ސުނާމީގެ އިންޒާރު ދީފަ އެވެ.

މެޓް އޮފީހުން މިއަދު ބުނީ، ކުރިލް އައިލެންޑާއި ރާއްޖެއާ ހުރި ދުރުމިނަކީ، 9039 ކިލޯ މީޓަރު ކަމަށާއި ބިންހެލުމާ ގުޅިގެން ރާއްޖެ އަށް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޯސްފެރިކް އެޑްމިނިސްޓްރޭޝަނުން ސުނާމީގެ އިންޒާރު ހަވާއީ އަށް ދިން އިރު، އެހެން އެޖެންސީއެއް ކަމަށްވާ ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނި ގޮތުގައި މި ބިންހެލުމާ ގުޅިގެން ބޮޑު ސުނާމީއެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޖަޕާނުގެ މީޓްރިއޯލޮޖިކަލް އެސޯސިއޭޝަނުން ބުނީ، ބިންހެލުމާ ގުޅިގެން ދިޔަވަރަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެ ކަމަށާއި ނަމަވެސް ސުނާމީގެ އިންޒާރެއް އަދި ނެތް ކަމަށެވެ.

މި ބިންހެލުމާ ގުޅިގެން އެއްވެސް ގެލުމެއް ލިބުނު ކަމެއް އަދި މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ.

ޑިސެމްބަރު 26، 2004ގައި އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައީ 9.1 މެގްޓިނިޓިއުޑްގެ ބިންހެލުމެކެވެ. އެ ބިންހެލުމާ ގުޅިގެން 14 ގައުމަކަށް އަސަރު ކުރި، އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. އެ ބިންހެލުމާ އެކު އެރި ސުނާމީގައި ރާއްޖެ އިން 82 މީހަކު ވަނީ މަރުވެ، ވީނުވީ ގޮތެއް ނޭގި 26 މީހަކު ގެއްލިފަ އެވެ. އަދި އެތައް ބައެއްގެ ގެދޮރު ބިންމާ ހަމަކުރި އެވެ.

comment ކޮމެންޓް