ރޮހިންގާ މީހުންގެ ހައްގުތައް ހޯދައިދޭން ގެމްބިއާ-ރާއްޖެ މަސައްކަތް ކުރަނީ

މިނިސްޓަރު ޝާހިދު ވަނީ ގެމްބިއާގެ ފޮރިން މިނިސްޓާރަށް ގުޅުއްވައި މަޝްވަރާކުރައްވާ ދެގައުމުގެ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރޮހިންގާ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް ގެމްބިއާއާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފި އެވެ.

ރޮހިންގާ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމުގައި މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވަނީ ގެމްބިއާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަންސް އެބްރޯޑް، ޑރ. މަމަޑޫ ޓަންގާރާ އަށް ގުޅުއްވާ ކުރެއްވި މަޝްވަރާއެއްގަ އެވެ.

އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމުގެ މައްސަލައަށް ރާއްޖެއިން ތަދައްހުލްވުމަށް ނިންމާފައިވާ ނިންމުމަށް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުއްވާފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ރާއްޖެއިން ކުރަމުން ގެންދާ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދާނީ ގެމްބިއާގެ މަޝްވަރާ އާއި އިރުޝާދާއެކުގައި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރޮހިންގާ މުސްލިމުންގެ ހައްގުތައް ގެއްލެމުންދާ މައްސަލައަކީ ރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައަށް ރާއްޖެއިން ތަދައްހުލުވެފައިވަނީ ރޮހިންގާ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމުގެ މަގުސަދުގައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ މަސައްކަތުގައި އޯއައިސީ އާއި ގެމްބިއާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިނިސްޓަރު ވަނީ ހިތްވަރުދެއްވާފަ އެވެ.

comment ކޮމެންޓް