"ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވެގެންދާތަން ބެލުމަކީ ހިތަށް ކުޅަދާނަވާ ވަރުގެ ކަމެއް ނޫން. ހެޔޮނުވާނެ ގޭގައި މަޑުކޮށްލަދީ. ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ނުދެންޏާ މިކަމެއް ނުކުރެވޭނެ،"
ދުނިޔޭގައި މިވަގުތު ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އެންމެ ބާރު ސްޕީޑުގައި ފެތުރެމުން އަންނަ އަދި އެ ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އިޓަލީގައި މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވާ ދިވެހި ޑޮކްޓަރަކު "ސަން"އަށް ދެއްވި އިންޓަވިއުގައި އާދޭހާއެކު ދިވެހިންނަށް ދެއްވި މެސެޖަކީމި އެވެ.
ޔޫރަޕުގައި ޑޮކްޓަރު މަސައްކަތް ކުރައްވާތާ މިއީ 10 ވަނަ އަހަރެވެ. އިޓަލީއަށް ބަދަލުވުމުގެ ކުރިން ފަސް އަހަރު މަސައްކަތް ކުރެއްވީ ލަންޑަންގަ އެވެ. އިޓަލީގެ ރޮވީގޯ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާތާ ފަސް އަހަރެއްހާ ދުވަސް ވަނީ އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ހާސްކަމުގެ ތެރޭގައި އިޓަލީގައި އެ ދިވެހި ޑޮކްޓަރު މިހާރު ކުރައްވަން ޖެހޭ ތަޖުރިބާ އޭނާ "ސަން"އާ ހިއްސާކުރެއްވި އެވެ. އެކަމަކު ޑޮކްޓަރުގެ ނަން ހާމަކުރައްވަން ބޭނުންފުޅެއް ނުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް އޭނާ އަދި ދެކިފައެއް ނުވެ އެވެ. މިއީ އޭނާގެ ޑޮކްޓަރީ ކަމުގެ ހަޔާތުގައި ބިރުވެރި ތަޖުރިބާ އެކެވެ. ހާސްކަމާއި ހިތްދަތި ކަމުގެ އެތައް ތަޖުރިބާއެއް އިޓަލީގެ އެ ބިރުވެރި މާހައުލުގައި ފުރާނަ އަތް މައްޗަށް ލައިގެން އެ ދިވެހި ޑޮކްޓަރު ގެންދަވަނީ ކުރައްވަމުންނެވެ.
ޑޮކްޓަރު ވިދާޅުވާ ގޮތުގައި އޭނާގެ އޮތީ އެންމެ އަމާޒެކެވެ. މި މުހިންމު ވަގުތުގައި އިންސާނިއްޔަތަށް ހިދުމަތް ކުރުމެވެ.
އެންމެ ފުރަތަމަ ވައިރަސް ފެނުނު އިރު ޑޮކްޓަރުވެސް އުންމީދުކޮށްގެން ހުންނެވީ، މިކަމުން ވަރަށް އަވަހަށް އަލިމަގެއް ފެންނާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އެހެނެއް ނޫނެވެ. ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވި، ހޮސްޕިޓަލްތައް ފުރުނީ އެވެ.
އިޓަލީގައި ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭއިރު ކޮންމެ ދުވަހަކު ކޮވިޑް19 އާ ގުޅިގެން އެތައް ބަޔަކު އެ ހޮސްޕިޓަލުގައި ވެސް އެޑްމިޓް ކުރެއެވެ. އިޓަލީގެ ބޮޑެތި ސިޓީތަކާ އަޅާކިޔާއިރު، ޑޮކްޓަރު ދިރިއުޅުއްވާ ހިސާބުގައި ބަލި ފެތުރުން ކުޑަ ނަމަވެސް، އެ ހޮސްޕިޓަލަށް ވެސް މިހާރު އޮތީ ފުރިފަ އެވެ.
ދިގު ޝިފްޓަކަށްފަހު ލިބުނު ހުސް ވަގުތުކޮޅެއްގައި "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޑޮކްޓަރު ވިދާޅުވީ މިހާތަނަށް ކޮވިޑް-19 ގެ 80 އަށްވުރެ ގިނަ ބަލިމީހުންނަށް ފަރުވާ ދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަލީގައި މާބޮޑު ވަރު ނުވާ މީހުންނާ، ވަރަށް ހާލުބޮޑު ބަލި މީހުން ވެސް ހިމެނެ އެވެ.
"ގިނަ ބަޔަކު މަރުވެގެން އެދަނީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް. އާއިލާގެ މީހަކާ ބައްދަލުކޮށް، އެންމެ ފަހުގެ ސަލާމް ކޮށްލާނެ ފުރުސަތު ވެސް ނުލިބި. ކޮންމެ ދުވަހަކު މި މަންޒަރު ބަލަން ހިތަށް ކުޅަދާނައެއް ނޫން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން ޑޮކްޓަރު ވިދާޅުވި އެވެ.
މި ބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ސަބަބުން ދިރިތިބި މީހުންނަށް ކުރިމަތިވާ ހިތާމައާއި ބިރުވެރިކަން އެންމެ ގާތުން ކޮންމެ ދުވަހަކު ވެސް ޑޮކްޓަރަށް ފެނެ އެވެ. ހޮސްޕިޓަލަށް ވަދެގެން އަންނަ މީހާގެ ލޮލުން އެ ބިރުވެރިކަން ފެނެ އެވެ. ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ، ހޮސްޕިޓަލުގެ ދޮރުން ބޭރަށް ނުދެވި، އާއިިލާގެ މީހަކާ ބައްދަލުނުވެ، ވަދެގެން އައި ދޮރުން ފުރާނަ ނެތް މަސްގަނޑު ނެރެން ޖެހިދާނެކަމުގެ ބިރަށްޓަކައި އެތައް ބަޔަކު ކަރުނަ އަޅާ ރޯ މަންޒަރު ފެނެއެވެ. ބަލި މީހާއަށްޓަކައި އާއިލާ މީހުން ރޯ އަޑު އިވެއެވެ.
މިއަދު ޑޮކްޓަރު މަސައްކަތް ކުރަމުން އަންނަ ހޮސްޕިޓަލުގެ ހަތަރު ފާރުުން އެތެރެއާއި، ބޭރުގައި ވެސް ލެވިފައި އޮތީ ބިރުވެރިކަމާއި މޮޅިވެރިކަމުގެ ސާލެކެވެ. އެ މާހައުލު ޑޮކްޓަރު ސިފަކުރެއްވީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގަ އެވެ.
"ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންނާ ބައްދަލުކުރަން އާއިލާއަކަށް ނާދެވޭ. އެޑްމިޓް ކުރާ ފަހުން އާއިލާއަށް ދެކިލަން ލިބެނީ އެމީހާގެ ފުރާނަ ނެތް މަސްގަނޑު،" އަސަރާއެކު ޑޮކްޓަރު ވިދާޅުވި އެވެ.
ކޮރޯނާވައިރަސް އާ ގުޅިގެން ޑޮކްޓަރުން މަސައްކަތް ކުރާ ވަގުތުތައް ވަނީ ވަރަށް ބޮޑަށް ދިގުވެފަ އެވެ. މިހާރު ހަފްތާގެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް 18 ވަރަކަށް ގަޑިއިރުގެ ޝިފްޓެއް ކުރަން ޖެހެ އެވެ. އަރާމުކޮށްލަން ޗުއްޓީ ދުވަހެއް ލިބުނު ނަމަވެސް، ކުއްލި ހާލަތެއްގައި ވެސް ނުކުންނަން ޖެހިދާނެ ކަމަށްޓަކައި ހުންނަން ޖެހެނީ ތައްޔާރަށެވެ.
މިއިން ކޮންމެ ޝިފްޓެއްގައި ދެތިން މީހަކު މަރުވެގެން ދާ މަންޒަރު ޑޮކްޓަރަށް ފެނެ އެވެ. ހޮސްޕިޓަލުގެ އެނދެއް ހުސްވަނީ ވެސް މީހަކު މަރުވުމުން އެކަންޏެވެ.
"މި މަންޒަރު ބަލަން ވަރަށް އުނދަގޫ. ހިތް ފަޅައިގެންދާ ވަރުވޭ. އެކަމަކު މި މަންޒަރު ކޮންމެ ދުވަހަކު ތަކުރާރުކޮށް ފެންނާތީ، ވަރުބަލިކަމުގެ އިހުސާސެއް ނުކުރެވޭ. ލިބެނީ އިތުރު ހިތްވަރެއް. ބައެއްގެ ހިތާމަ ފިލުވައިދޭން އިތުރަށް މަސައްކަތް ކުރުމުގެ ހިތްވަރު،" ޑޮކްޓަރު ވިދާޅުވި އެވެ.
މިހާރު މީހުން ވަޅުލާނެ ޖާގަ ލިބުން ވެސް ވަނީ ދަތިވެފަ އެވެ. ވަޅުލާނެ ތަނެއް ނުލިބިގެން ގިނަ ބަޔަކު، ހަށިގަނޑުތައް އަންދަމުން އަންނަކަން ވެސް ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
"ޒުވާނުން ވެސް ވިސްނާ، މިއީ މަރުގެ ވައިރަހެއް"
ބަލީގައި އެންމެ ގިނައިން ހާލުބޮޑުވެ މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެހެން ނަމަވެސް މިހާރު ބަލި ޖެހިގެން އެޑިމިޓް ކުރާ ޒުވާނުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އެހެންކަމުން މިއީ ކުޑަ ކަމަކަށް ހަދައިގެން އަދި ފަރުޖައްސާލެވެން ނެތް ކަމަށް ޑޮކްޓަރު ހަނދާންކޮށްދެއްވި އެވެ. އިޓަލީގައި ކުރެވެމުން އަންނަ ތަޖުރިބާ އާއެކު ޑޮކްޓަރު ވަނީ ދިވެހި ޒުވާނުންނަށް ވަރަށް މުހިންމު މެސެޖެއް ދެއްވައިފަ އެވެ.
"ޒުވާން ވީމަ ހީނުކުރާތި މި ވައިރަސް ނުޖެހޭނޭ. މިހާރު އިޓަލީގައި ބަލި ޖެހޭ ޒުވާނުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. ބައެއް ޒުވާނުންނަށް ދުވަސްވީ މީހުންނަށް ވުރެ ބޮޑުވަރުވޭ އެބަ. ބައެއް ދުވަސްވީ މީހުން ބަލިން ރަނގަޅު ވާއިރު، ޒުވާނުން އެބަ މަރުވޭ،" ޑޮކްޓަރު ވިދާޅުވި އެވެ.
އެއާއެކު ދިވެހި ޒުވާނުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ގިނަކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ، ދުންފަތުގެ ސަބަބުން ފުއްޕާމޭ ހަލާކުވެފައިވާ މީހުންނަށް ބަލީގައި ނުރައްކާވާނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ޒުވާނެއްގެ ވެސް އުމުރުން ދުވަސްވީ މައިންބަފައިން ނުވަތަ މާމަ އާއި ކާފަމެން ތިބޭނެކަން ގައިމެވެ. އެހެންކަމުން ދުޅަހެޔޮ ޒުވާނާގެ ފަރާތުން ލޯބިވާ އާއިލާއަށް މި ވައިރަސް ފޯރުކޮށްދިނުމުގެ ފުރުސަރު ބޮޑުކަަން ވެސް ޑޮކްޓަރު ހަނދާން ކޮށްދެއްވި އެވެ.
"ގޭގައި އެކަހެރިވުމުގެ މާނައަކީ ކޮފީތަކަށް ދިއުމެއް ނޫން. ގޭގައި މަޑުކުރޭ. ގޭގައި މަޑުކުރޭ. ކޮފީ ބުރުތަކާ ސައިކަލު ބުރުތައް ހުއްޓާލާ. ދުވަސްކޮޅަކަށް ލައިފްސްޓައިލް ބަދަލުކޮށްލަދީ،" އާދޭހާއެކު ޑޮކްޓަރު ވިދާޅުވި އެވެ.
"ހެޔޮނުވާނެ ގޭގައި މަޑުކޮށްލަ ދީ"
ޑޮކްޓަރު ވަނީ ރާއްޖޭގައި ވައިރަސް ފެތުރުން ކޮންްޓްރޯލް ކުރުމަށް ސަރުކާރާއި ޑޮކްޓަރުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ. ނަމަވެސް ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުދޭނަމަ، އެކަމުގެ ފައިދާއެއް ނުކުރާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"މިއީ އެކަކުގެ ގައިން އަނެކެއްގެ ގަޔަށް ވަރަށް ފަސޭހައިންް އަރާ ބައްޔެއް. އެހެންވީމަ ތަންތަނަށް ނުކުމެ، ބައްދަލުވެ، އުޅެންޏާ ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެ. އައުޓްބްރޭކް އެއް އައިސިއްޔާ ދެން ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫ ވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.
އިޓަލީން މިސާލު ނަންގަވަމުން ޑޮކްޓަރު ވިދާޅުވީ، މިހާރު އިޓަލީގައި ބަލިޖެހި ބޮޑުވަރުވާ ޒުވާނުންގެ ނިސްބަތް އިތުރުވަމުން އަންނަނީ، ސަރުކާރުން ދިން އިރުޝާދުތަކަށް އަމަލުނުކޮށް ބަސް ނޭހުމުގެ ސަބަބުން ކަމަށެވެ.
"މިތަނުން މި ފެންނަ ކަންކަން ބަޔާންކޮށްދޭން ވެސް ނޭނގޭ. އެހާ ބިރުވެެރި އަދި ހިތްދަތި. ރާއްޖެއަށް މިހެން ވާކަށް ނޭދެން،" ޑޮކްޓަރު ވިދާޅުވި އެވެ.
އިޓަލީ ވެއްޓިފައިވާ ނުރައްކަލަށް ރާއްޖެ ވެއްޓޭތަން ބަލާކަށް އެކަކުވެސް ބޭނުމެއް ނުވާނެ އެވެ. އިޓަލީ އަކީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް ވުރެ އެތައް ތަނެއް ކުރީގައި އުޅޭ ގައުމެކެވެ. ނަމަަވެސް ކުޑަ ވައިރަހެއް މިވަނީ ގައުމު ކުޑަކަކޫ ޖައްސުވައިލަފަ އެވެ.
އެހާލަތަށް ރާއްޖެ ހިނގައްޖެނަމަ، އަރައިގަންނަން އެތައް ޒަމާނެއް ނަގާނެއެވެ. ރާއްޖޭގައި ވަސީލަތްތައް މަދެވެ. ސިއްހީ ޕްރޮފެޝަނަލުން ވެސް މަދެވެ.
"އާދޭސްކޮށްފައި މި ބުނަނީ އަޑުއަހާ. ޒިންމާދާރުވެ ގޭގައި މަޑުކޮށްލާ. ފަރުދީ ޒިންމާ އަދާކުރޭ،. މިކަމުން އަވަހަށް މިންޖުވޭތޯ ދުއާ ކުރޭ،" ޑޮކްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ ޕޭޝަންޓް ޒީރޯއަށް ނުވާނަން، ރާއްޖެ ދާނީ މިކަން ހަމައަކަށް އެޅުމުން،"
ޑޮކްޓަރުގެ އާއިލާވެސް ރާއްޖޭގައި އެބަތިއްބެވެ. މި ދަތި ދަނޑިވަޅުގައި އާއިލާގެ ގާތުގައި ހުންނަން ނުހަނު ބޭނުންވެ އެވެ. ނަމަވެސް މިވަގުތު ރާއްޖެ އަންނާކަށް ޑޮކްޓަރު ބޭނުމެއް ނުވެ އެވެ. ބަލި އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީގައި، ބަލި ޖެހިފައިވާ އެތައް ބައެއްގެ ކައިރީގައި އުޅުމަށްފަހު، ރާއްޖެ އަންނަ އިރު، ޑޮކްޓަރާއެކު ވައިރަސް ވެސް ރާއްޖެ އަތުވެެދާނެތީ އޭނާ ބިރުގަނެ އެވެ.
"އަޅުގަނޑުވެސް ބޭނުން އާއިލާ ކައިރިއަށް ރާއްޖެ ދާން. އެކަމަކު މިވަގުތު އަޅުގަނޑު ރާއްޖެ ހިނގައްޖެނަމަ، އަޅުގަނޑަކީ ރާއްޖެއަށް ވައިރަސް ހިފައިގެން ދާ މީހާއަށް ވެދާނެ. އަޅުގަނޑު ބޭނުމެއް ނޫން ރާއްޖޭގެ "ޕޭޝަންޓް ޒީރޯ" އަށް އަޅުގަނޑު ވާކަށް. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ މި ކަންތައް ނިމެންދެން އަޅުގަނޑު މިތަނުގައި މަޑުކުރަަން. މިކަން ނިމުމުން އަޅުގަނޑު އެންމެ ފުރަތަމަ ކުރާނެ ކަމަކީ އާއިލާ ކައިރިއަށް ރާއްޖެ ދިއުން،" ޑޮކްޓަރު ވިދާޅުވި އެވެ.
މުޅި އިންސާނިއްޔަތަށްޓަކަިއ ޑޮކްޓަރުންގެ އިތުރުން މި މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ ފަރާތްތަކުން އެ ކުރާ މަސައްކަތަކީ އަގު ކުރެވޭނެ މަސައްކަތެއް ނޫނެވެ. އިންސާނިއްޔަތަށްޓަކައި އެމީހުން އެވަނީ ބޮޑު ގުރުބާނީއެކެވެ. ބަދަލުގައި އެދެނީ އެންމެ ކަމެކެވެ.
އެމީހުންނަށްޓަކައި ބަސް އަހައިގެން ގޭގައި މަޑުކޮށްލަދޭށެވެ. ފަރުވާއެއް އަދި ހޯދިފައި ނުވާ މި ބައްޔާ ކުރިމަތިލެވެން އޮތް ހަމައެކަނި ގޮތަކީ ބަލިން ރައްކާތެރިވުމެވެ.