ސިފައިންގެ ވަޒީފާއަށް ވަނުމުގެ މުއްދަތު އިތުރުކޮށްފި

ނޮވެމްބަރު 3، 2019: 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ ވަޒީފާއަށް ވަނުމަށް، ޑިފެންސް މިނިސްޓްރީން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައި މި މަހުގެ ދެވަނަ ދުވަހު ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގެ މުއްދަތު ހަމަވީ އިއްޔެ އެވެ.

ނަމަވެސް މިހާރު ވަނީ އެ އިއުލާނުގެ މުއްދަތު ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މޭ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ހިމެނެނީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި، އަދި މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުން ކަމަށް އިއުލާނުގައި ބުނެ އެވެ.

އޭގެ އިތުރުން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: ފަސް ފޫޓް ފަސް އިންޗި އަދި އަންހެން: ފަސް ފޫޓް ތިން އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެ ކަމަށް އިއުލާންގައި ބުނެ އެވެ.

comment ކޮމެންޓް