މުމްބާއީގެ ރޭލުގެ ނިޒާމު އާއްމުންނަށް ބަންދު ކުރަނީ

މުމްބާއީގެ ރޭލުގެ ނިޒާމު އާއްމުންނަށް ބަންދު ކުރަން ވަނީ ނިންމާފަ -- ފޮޓޯ: ގެޓީ

މުމްބާއީ (މާޗް 22): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އިންޑިއާއިން އަޅާ ފިޔަވަޅުތަކުގެ ދަށުން މުމްބާއީގެ ރޭލުގެ ނިޒާމު މިރެއިން ފެށިގެން އާއްމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ހަދަން ނިންމައިފި އެވެ.

މުމްބާއީ ހިމެނޭ މަހާރަޝްތުރާ ސްޓޭޓުގެ ސަރުކާރުން ބުނި ގޮތުގައި މިރޭ ދަންވަރުން ފެށިގެން މި މަސް ނިމެންދެން މުމްބާއީގެ ރޭލުތައް ބޭނުން ކުރެވޭނީ ހަމައެކަނި ޒަރޫރީ ހިދުމަތްތައް ދޭ ސަރުކާރުގެ އޮފިޝަލުންނަށާއި އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުންނަށެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މުމްބާއިގައި ކޮންމެ ދުވަހަކު އެ ރޭލުގެ ނިޒާމު އަށް މިލިއަން މީހުން ބޭނުން ކުރެ އެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ރޭލުތައް ބޭނުން ކުރާ މީހުންގެ އަދަދު ވަނީ 27 ޕަސެންޓު ދަށްވެފަ އެވެ.

މަހާރަޝްތުރާ ސްޓޭޓުން މިހާތަނަށް 64 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި މުމްބާއީގެ 19 މީހަކު ހިމެނެ އެވެ.

އިންޑިއާއިން މިއަދު ދަނީ މުޅި ގައުމުގައި ޖަނަތަ ކާފިއު ނުވަތަ ރައްޔިތުންގެ ކާފިއުއެއް ހިންގަމުންނެވެ. އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއަދު ހެނދުނު 7:00އިން 21:00އަށް ކުރިއަށް ގެންދާ އެ ކާފިއުގައި އަސާސީ ހިދުމަތްތައް ދޭ ފަރާތްތައް ފިޔަވާ އެންމެންވެސް ގޭގައި މަޑު ކުރުމަށް އެދިލައްވާފަ އެވެ. އަދި 17:00ގައި އެންމެން ގޭގެ ދޮރު މައްޗަށް ނުވަތަ ބެލްކަނީތަކަށް ނުކުމެ، އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އަތް ޖެހުމަށް އެދިލައްވާފަ އެވެ.

މުޅި އިންޑިއާގައި މިހާތަނަށް 332 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 171 ގައުމަކަށް ފެތުރި، 307،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 13,049 މީހަކު މަރުވެފައިވާ އިރު 92،000އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް