ކޮރޯނާވައިރަސް: ޝީޝާ ބުއިން މަނާކޮށްފި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ކެފޭތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރެއްވާފައިވާ އެންގުމުގައި އެޗްޕީއޭ އިން ބުނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާވާނެ ކަމަށެވެ.

އަދި ޝީޝާގެ ހިދުމަތް ދެވެން ފެށޭނެ ތާރީހެއް އެ އެންގުމުގައި ބަޔާންކޮށްފައި ނުވާ އިރު، އެޗްޕީއޭ އިން ބުނީ ވަކި ގޮތެއް އަންގަންދެން އެ ނިންމުން ދަމަހައްޓާނެ ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް ބޯނުލަބައިފި ނަމަ، އެ މީހުންގެ ނަން ހާމަކޮށް، 5،000 ރުފިޔާއަށްވުރެ، ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖެއިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ މިމަހު ހަތް ވަނަ ދުވަހު އެވެ. އެފަހުން 14 ދުވަސްވެފައިވާ އިރު، ރިސޯޓުތަކާއި ސަފާރީތަކުން މިހާތަނަށް 13 މީހަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް