ޔުނިވާސަލްގެ ހުރިހާ ރިސޯޓެއް ވަގުތީގޮތުން ބަންދުކޮށް، މުސާރަ ލިބޭގޮތަށް މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.
ރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަންނަ ގިނަ އަދަދެއްގެ ފްލައިޓްތައް ހުއްޓާލުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ޔުނިވާސިލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ކުންފުންޏަކަށް އެ ކުންފުނިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެެސް މުވައްޒަފަކު ވަކިނުކޮށް އަދި ހިންގުންވެސް ހުއްޓާނުލައި ކުރިއަށްގެންދަން މަސައްކަތްކުރަމުންދާ ކަަމަށް ޔުނިވާސަލްއިން ބުންޏެވެ.
"މިވަގުތު ދުނިޔޭގެ ދަތުރުފަތުތައް ހުއްޓިފައިވުމާއެކު، ކުރިއަށް އޮތް މަސްތަަކަށް އެއްވެސް ބުކިންއެއް ނެތުމާއެކު، އޭޕްރީލްމަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްހަށް މި ކުންފުނީގެ ހުރިހާ ރިސޯޓްތަކުގެ ހިންގުން މެދުކަނޑާލަން ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި މުވައްޒަފުންނަށް ހާއްސަ ޕޭ ޕެކޭޖްއާއެކު މުސާރަ ލިބޭ ގޮތަށް ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތާއި މި ހިނގާ މާޗްމަހުގެ މުސާރައާއި ސާވިސް ޗާޖު އެއްވެސް އުނިކުރުމެއްނެތި ހުރިހާ މުވައްޒަފުންނަށް ގާނޫނުގައިވާގޮތުގެ މަތިން ދެވޭނެއެވެ." ޔުނިވާސަލްގެ ބަޔާނުގައި ވެއެވެ.
އެ ނިންމުން ކޮންމެ މަހަކު އެއްފަހަރު މުރާޖާކޮށް ހާލަތަށް އަންނަ ބަދަލު ދެނެގަނެ ކުރީގެ ހާލަތަށް ރުޖޫއަވުމަށް ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.