ފުރަތަމަ ފަހަރަށް ދައުލަތުން ކްރިމިނަލް ކޯޓަށް ނުގޮސް ވީޑިއޯ ކޯލަކުން އަޑުއެހުމެއް ބާއްވައިފި

ވީޑިއޯ ކޯލު މެދުވެރިކޮށް މިއަދު ބޭއްވި އަޑުއެހުން --

ދައުލަތުގެ ވަކީލުން ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ވާހަކަދައްކާ ގޮތަށް، ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފި އެވެ.

މިއަދު ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓާއެކު ފުރަތަމަ ފަހަރަށް އޯޑިއޯ ވީޑިއޯ ކަނެކްޝަން ގާއިމްކޮށް، މިއަދު އަޑުއެހުމެއް ބާއްވާފައިވާ ކަމަށެވެ. އެ އޮފީހުން ހާމަ ކުރި ގޮތުގައި އެ ގޮތަށް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މީހެއްގެ ބަންދު އަޑުއެހުމެކެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، ޝަރީއަތުގެ މަރުހަލާގެ ކުރިން ބާއްވާ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ކުރިއަށްގެންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝަރީއަތުގެ މަރުހަލާގެ ކުރިން ބާއްވާ އަޑުއެހުންތަކަށް ދައުލަތުން ސީދާ ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ބާއްވަން ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންދެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 113 ވަނަ މާއްދާ:

  • (ހ) ޝަރީޢަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވުމަށް ކޯޓުން އަންގަންވާނެއެވެ. އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ސީދާ ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި މާއްދާގެ (ށ) ގައި ބުނެފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެމަޖިލީހުގައި ބައިވެރިވުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

ޕީޖީ އޮފީހުން އެ ގޮތަށް ފުރަތަމަ ފަހަރަށް އަޑުއެހުމެއް ބޭއްވުމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުވެސް މިއަދު ވަނީ އެކަމަށް ތައުރީފުކޮށްފައެވެ. އޭޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވީޑިއޯ ކޮންފަރެންސް ކޯލު ބޭނުން ކުރުމުން ޝަރީއަތުގެ މަރުހަލާ އަވަސްވާނެ ކަމަށެވެ. އަދި އެކަމުން ކޯޓުތަކުގެ މަސައްކަތްތައް އަވަސްކޮށް، ހަރަދުކޮށް ކުޑަކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނުމާ ގުޅިގެން ތަންތަނަށް އެއްވުން ވީހާވެސް ބޮޑަށް މަދުކުރަން ޑޮކްޓަރުން ދަނީ ލަފާ ދެމުންނެވެ. މިހާރު ކޯޓުތައްވެސް ވަނީ އެ ހާލަތާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށްފައެވެ. މިހާރު ކޯޓުތަކުގައި ކުރިއަށްދާނީ ބަންދު އަޑުއެހުންތަކާއި ކޮންމެހެން ބާއްވަން ޖެހޭ އަޑުއެހުންތަކެވެ.

comment ކޮމެންޓް