ކާމިޔާބު ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ)ގެ ކުރިޔަށް އޮތް ފިލްމު "މާފްކުރޭ" ގެ މަސައްކަތް ކޮރޯނާވައިރަސްގެ ސަބަބުން މަޑަޖައްސައިލައިފިއެވެ.
"ސަން"އާ ވާހަކަ ދައްކަމުން ޑައިރެކްޓަރު އައްޔަ ބުނީ، ފިލްމުގެ ޝޫޓިން މި މަހުގެ ދިހަ ވަނަ ދުވަހު ފަށަން ކުރިން ނިންމާފައިވީ ނަމަވެސް މިވަގުތު އާންމު ހާލަތަށް ވިސްނުމަށްފަހު ލަސްކުރީ ކަމަށެވެ.
އެ ފިލްމުގެ މަންޒަރުތައް ނެގުމަށް ތައްޔާރުވަމުން ދިޔައީ އަވަށްޓެރި ސްރީލަންކާގައެވެ.
"ލަންކާގައި ފިލްމު ނަގަން ނިންމި އިރު މި އުނދަގޫ ދަނޑިވަޅުގައި ލަންކާގެ ހާލަތުވެސް މިއޮތީ ވަރަށް ގޯސްކޮށް" އައްޔަ ބުންޏެވެ.
އައިމިނަތު ރިނާޒާގެ ސްކްރީންޕްލޭ އަދި ސްކްރިޕްޓެއްގެ މައްޗަށް ކިޑް ޕްރޮޑަކްޝަނުން ހަދަން ނިންމާފައިވާ އެ ފިލްމުގެ ކާސްޓުން ވެސް އެއްކޮށް ފައިނަލް ނުކުރީ ޝޫޓް ލަސްކުރަން ޖެހުމުން ކަމަށް އައްޔަ ބުންޏެވެ. އެހެން ނަމަވެސް ކާމިޔާބު އެކްޓަރު އިބްރާހިމް ޖިހާދު (ޖިމީ) އެ ފިލްމުގެ ކާސްޓުގައި ހިމެނޭ ކަމަށާއި އަލީ އާޒިމް (ދޮން އައްޔަ) ވެސް ފިލްމުން ފެނިގެންދާނެ ކަމަށް އައްޔަ ބުންޏެވެ.
"އަސްލު ދެން ޝޫޓިން ފެށޭނެ ތާރީހެއް ބުނަން އަދި ދަތި. އެހެންވެ މަސައްކަތް އެއްކޮށް މިވަގުތަށް މި ހުއްޓާލީ، ކާސްޓުންވެސް ފައިނަލް ކުރަމުން ގޮސް އެކަން ވެސް މަޑުޖައްސާލީ" ލަންކާގައި ހުރެ މައުލޫމާތު ދެމުން އައްޔަ ބުންޏެވެ.
ކުރިން އިއުލާންކޮށްފައިވާ ގޮތުން "މާފްކުރޭ"ގެ އަންހެން ލީޑުން ފެނިގެންދާނީ ރާއްޖެއިން ބޭރުގެ ހުނަރުވެރި އެކްޓްރެސްއެކެވެ.
އައްޔައަކީ ބެލުންތެރިނަން ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭނާގެ ފިލްމުތަކާއި ޑްރާމާތައް ލަންކާގައި ޝޫޓް ކުރަމުން އަންނަ އިރު 2018 ވަނަ އަހަރު ރިލީޒްކުރި "ތިޔަ ލޯތްބާއި ދުރަށް" ވެސް ޝޫޓްކޮށްފައިވަނީ ލަންކާގައެވެ.