ބޮލީވުޑް އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"އާ އެކު އިތުރު ބޮޑު ދެ ފިލްމެއް ރިލީޒްކުރާތީ އިންޑިއާގެ މަލްޓި-ނެޝަނަލް ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެކްޓަރު އެދެފިއެވެ.
މުމްބާއީގައި ކުރިއަށްދިޔަ ފިލްމު "ސިކަންދަރު"ގެ ޕްރޮމޯޝަން ހަފުލާއެއްގައި ސަލްމާން ބުނީ، ފިލްމު "ސިކަންދަރު"ގެ ކުރިން ވަރަށް ބޮޑު ބަޖެޓަކުން އުފައްދާފައިވާ މަޅަޔާލަމް ފިލްމު "އެލް 2 އެމްޕުރާން" ސިނަމާތަކުގައި އަޅުވަން ނިންމާފައިވާ ކަމަށެވެ.
ހަމައެއާއެކު އަންނަ މަހު ބޮލީވުޑް އެކްޓަރު ސަނީ ޑިއޯލްގެ ވަރުގަދަ އެކްޝަން ފިލްމު "ޖާޓް" ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކަމަށާއި މިއީ ނުބަލާ ދޫކޮށްލެވޭ ވަރަށް ވުރެ ވަރުގަދަ ތިން ފިލްމު ކަމަށް ސަލްމާން ވަނީ ބުނެފައެވެ.
މި ތިން ފިލްމު ބެލުމުގެ ފުރުސަތު ވީހާ ވެސް ގިނަ މީހުންނަށް ލިބޭނީ އާއްމުން ވަޒީފާ އަދާކުރާ ކުންފުނިތަކުން އެ މުވައްޒަފުންގެ މި މަހުގެ މުސާރަ ބޮޑުކޮށްދިނުމުން ކަމަށާއި އެކަން ކޮށްދިނުމަށް ކުންފުނިތަކުގެ ވެރިންގެ ކިބައިން ސަލްމާން ވަނީ އެދިފައެވެ.

ސަލްމާންގެ ފިލްމު "ސިކަންދަރު" ރިލީޒްކުރާ ތާރީޚާއި އެކު އެކީގައި ސިނަމާތަކަށް ގެންނަ ދެ ފިލްމުގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑް ތަރިން--ފޮޓޯ/ބޮލީވުޑްހަންގާމާ
ސަލްމާންގެ ފިލްމު "ސިކަންދަރު" ރިލީޒްކުރުމުގެ ހަތަރު ދުވަސްކުރިން ސިނަމާތަކުގައި އަޅުވާ މަޅަޔާލަމް ފިލްމަކީ ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު ޕްރިތްވީރާޖް ސުކުމަރަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށާއި ފިލްމަށް ކާމިޔާބީއަށް އެދޭ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.
ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ކުންފުންޏާއި ސަލްމާންގެ އެސްކޭއެފް ފިލްމްސްއިން ގެނެސްދޭ "ސިކަންދަރު"ގެ ޑައިރެކްޓަރަކީ އާމިރު ޚާންގެ ފިލްމު "ގަޖްނީ"ގެ ޑައިރެކްޓަރު އޭއާރު މުރުގަދޯސްއެވެ.
ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމު "ސިކަންދަރު" ސިނަމާތަކަށް ގެންނާނީ މި މަހުގެ 30 ވަނަ ދުވަހެވެ.